އަހަރެން އެނބުރި އަންނާނަން - ތޭރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ..... ޒައިދާން އަހަރެންނަށް އޮޅުވާލީއެވެ. ޒައިދާން އަހަރެންދެކެ ޙަޤީޤަތުގައި ލޯބިވިނަމަ، އަހަރެންނަކަށް އެހެނެއް ނުހެދީސްއެވެ. މިހުރިހާ ޚިޔާލުތަކުން އަހަރެންގެ ހިތް ކުދިކުދިވާހެން ...

01 Jun 2020 | 01:41

ކުރީގެ އަދަދާއި ގުޅޭ.....

ޒައިދާން އަހަރެންނަށް އޮޅުވާލީއެވެ. ޒައިދާން އަހަރެންދެކެ ޙަޤީޤަތުގައި ލޯބިވިނަމަ، އަހަރެންނަކަށް އެހެނެއް ނުހެދީސްއެވެ. މިހުރިހާ ޚިޔާލުތަކުން އަހަރެންގެ ހިތް ކުދިކުދިވާހެން ހީވިއެވެ. ހޯސްލާފައި ކަރުނަތައް އަހަރެންގެ ލޯމައްޗަށް ފައިބާގަތެވެ. ޑިވޯޒް ފޯމްލުމުގައި ތުއްތަ އެހީވާނެކަމާއި، އިތުރަށް ރޮއެ ހިތާމަ ނުކުރަން ބުނެފައި ތުއްތަ، ކޮޓަރިން ހިނގައްޖެއެވެ.

++++++++++++++

"މިއޮތީ ފޯމު… ކޮންމެވެސް ވަރަކަށް ފުރަންފަށާފައި މިއޮތީ… އިފާމެންގެ ބައެއް އިންފޮމޭޝަން އެބަ ބޭނުންވޭ… ސޮއިވެސް.." މިހެން ބުނުމަށްފަހު ތުއްތަ އަހަރެންގާތު އިށީނުމަށްފަހު ފޯމު އަހަރެންގެ އަތަށް ދިނެވެ.

"ތުއްތާ.. އަހަރެންނަށް އަދި ވަގުތުކޮޅެއް ބޭނުން..” އަހަރެންނަށް މިހެން ބުނެވުމާއެކު އަނެއްކާވެސް ރޮވިއްޖެއެވެ.

"އިފާ… އިފާ އިތުރަށް ވަގުތު ނަގާވަރަކަށް ހަމަ ދެރަވެ، ކޮންފިއުޒްވާނީ، ތުއްތައަށްވެސް އިނގެޔޭ އިފާއަށް މި ޑިޒިޝަން ނަގަން އެހާފަސޭހަ ނުވާނެކަންވެސް.. އެކަމަކު އިފާއަށް ރަނގަޅަކަށް ތުއްތަ މި ހެލްޕްކޮށްދެނީ ….ތުއްތައަށްވެސް ވަރަށް އުނދަގޫވި، އަފްސަލް ކައިރިން ޑިވޯޒްވާން އުޅުނުއިރު، އޭނަގެ ހުރިހާކަމެއް ފަޅާއެރީމަވެސް، އެހެންވީމަ، ތުއްތައަށް އެނގޭ އިފާއަށްވެސް ފަސޭހަނުވާނެކަން.. އެކަމަކު މިއަދު މި ޑިޒިޝަން އަވަހަށް ނުނަގައިފިއްޔާ.. ފަހުން އަދި މާ ހިތާމަ ކުރަންޖެހޭނެ.. އެހެންވެ މިބުނަނީ.. ތުއްތައާއި މަންމަވެސް ބޭނުމެއްނޫން އިފާ ތިހިން އަބަދު އެނދުގައި ރޯލަ ރޯލަ އޮންނާކަށް.. ތީގެ ތެރެއިން ނިކުމެ ހިތްވަރުގަދަ މީހެއްގޮތަށް، އިންޑިޕެންޑެންޓްކޮށް އުޅޭތަން ދެކެން ބޭނުމީ… އިފާތީ ކުރިންވެސް ތިހިން އުޅުނުމީހެއް ނޫނެންނު.. އަމިއްލައަށް ވަޒީފާއަށް ގޮސް އާމްދަނީ ހޯދައިގެން އުޅުނު މީހެއްނު.. ވިސްނާލަބަލަ!.." ތުއްތަ އަހަރެންނަށް ކޮންވިސްކޮށްދޭން މަސައްކަތްކުރިއެވެ.

އެއީ ތެދެކެވެ. އަހަރެން މިއީ ވަރަށް ‘އިންޑިޕެންޑެންޓް’ ކޮށް އުޅުނު މީހެކެވެ. މިއަދު އަހަރެންނަށް މިހާލު މިޖެހުނީ މީހެއްދެކެ އިންތިހާއަށް ލޯބިވެވުނީމައެވެ. މާއަވަހަށް އިތުބާރުވެސް ކުރެވުނީމައެވެ. އަހަރެން އެކަނި ހުރިއިރު އަހަރެންނަށް ވަޒީފާއަށް ދެވެއެވެ. ބަރާބަރަށް ނިދެއެވެ. ކެވެއެވެ. ރައްޓެހިންނާއި އެއްކޮށް ބޭރަށްވެސް ދެވެއެވެ. އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން އަހަރެންގެ އަމިއްލަ ބޭނުންތައް ފުއްދެއެވެ. މިއަދު އަހަރެން މިއޮތީ އަމިއްލައަށް އެނދުން ތެދުވެލާނެހާވެސް ހިތްވަރުނެތިފައެވެ. ފުރިހަމަ ނިދިން މަޙްރޫމްވެފައެވެ. އޮއްޓަރު ކުރެއްވި އެއްޗެއް އަރުތެރެއިން އެތެރެވަނީ ގަދަކަމުންނެވެ. ފެންވަރާ، ސާފުތާހިރުވާ ހިތެއް ނުވެއެވެ. ކޮޓަރީގައި އަލިކަމެއް ހުއްޓަސް އަހަރެންނަށް އުނދަގޫވެއެވެ. ރެއާއިދުވާލު އަހަރެންމިއޮންނަނީ އަނދިރިކަމުގައެވެ. އަހަރެންގެ މުޅި ދުނިޔެ އެކަނިވެރިވެ، އަނދިރިވެއްޖެއެވެ.

+++++++++++

ތުއްތަދެއްކި ވާހަކަތައް އެއީ، ތެދުވާހަކަތަކެއްކަމުގައި އަހަރެންނަށް މަޑުމަޑުން ވިސްނެންފެށިއެވެ. އަދި އަހަރެންވެސް މިކަމުން އަރައިގަންނެ ކުރިން އުޅުނުގޮތަށް އުޅެން ބޭނުންވާތީ، އަހަރެން ތުއްތަ ބުނިހެން ހިތްވަރުކުރެވޭތޯ ބެލީމެވެ. މަދުން ނަމަވެސް ސިޓިންގރޫމަށް ނިކުމެލާ ހަދަމެވެ. ކޮންމެވެސް ވަރަކަށް ގައިދޮވެލާވެސް ހަދަމެވެ. ނިދި މުޅިން ހަމައަކަށް ނޭޅުނަސް ކޮންމެވެސް ވަރަކަށް ނިދޭކަމުގެ އިޙްޞާޞްކުރެވެއެވެ.

ވަރަށް އުނދަގުލުން، ވަރަށް ހިތްވަރާއެކު، އަހަރެން ތުއްތަ ބުނިހެން އެފޯމުގައި ސޮއިކުރުމަށްފަހު، ފޯމު ފުރަން ބޭނުންވާނެ މަޢުލޫމާތު، ތުއްތައާއި ހަވާލުކޮށްފީމެވެ. ތުއްތަ ކޯޓަށް ފޯމުވެސް ލައިފިއެވެ. އަދި އަހަރެން އެވާހަކަ ހުވޭއަށްވެސް ކޮންމެވެސް ވަރަކަށް ކިޔާދިނީމެވެ. އެއީ ކޯޓަށްދާހިސާބުން ކުރިއަށްވުރެ އަހަރެންގެ ހާލުގޯސްވެ ކަމެއްވެދާނެތީ، އެމީހުންގެ އެހީތެރިކަންވެސް މިކަމުގައި އަހަރެން ބޭނުންވާނެކަމުގައި ބުނީމެވެ. ހުވޭވެސް އަހަރެންނަށް ވަރަށް ހިތްވަރުދީ، ހެދިއެވެ. އެއީވެސް އަހަރެންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

އޭގެ ހަފްތާއެއްފަހެވެ. ކޯޓަށް ދާން ކިޔައިފައި އޮތުމުން ތުއްތަ އަހަރެން ގޮވައިގެން ކޯޓަށް ދިޔައެވެ. ޒައިދާން އާއި ޒައިދާންގެ މަންމަ ކޯޓުތެރެއިން އަހަރެންނަށް ފެނުނެވެ. ޒައިދާން ފެނުމުން އަހަރެންގެ ހިތަށް ރިހުމެއް ވެރިވިއެވެ. ޒައިދާން އަހަރެންގެ މޫނަށް ބަލާލިއެވެ. ޒައިދާންގެ މޫނުމަތީގައި އުފާވެރިކަމެއް ނެތްކަން އަހަރެންނަށް ފާހަގަކުރެވުނެވެ.

ވަރިވާން ހުށަހެޅީ ކީއްވެތޯ ޣާޒީ ސުވާލުކުރުމުން، ހިނގާދިޔަ ކަންތައް އަހަރެން ޣާޒީއާއި ޙިއްސާކުރީމެވެ. ޣާޒީ އަހަރެން ދެއްކި ވާހަކަ އެއީ ތެދެއްތޯ ޒައިދާންގާތު އެހިއެވެ. ޒައިދާން ޖަވާބުގައި "އާނއެކޭ" ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ޒައިދާން އާއިއެކު އަހަރެން އިރުތަށް އުޅެން ބޭނުންތޯ، ސުވާލުކުރުނުން، ޖަވާބުގައި، އަހަރެން ޒައިދާންގެ ‘ދޮށީއަތްބެއްގެ’ ގޮތުގައި ހުންނަން ބޭނުންނުވާ ކަމުގައި ބުނީމެވެ. އަދި ޒައިދާންގެ ޚިޔާލުހުރިގޮތް ޣާޒީ އެހުމުން ޒައިދާންބުނީ، އިފާ ބޭނުންވާގޮތަށް ނިންމަދޭން ބޭނުންވާކަމުގައެވެ.

ވުމާއެކު، ޣާޒީ މާގިނަވަގުތުތަކެއް ނުނަގާ، އަހަރެންނާއި ޒައިދާން ވަރިކޮށްދީފިއެވެ. ޣާޒީގެ އެ ޖުމްލައަކީ އަހަރެން އަޑުއަހަން ކުޅަދާން ޖުމްލައެއް ނޫނެވެ. އަދި އެންމެ ފަހަރަކު ނަމަވެސް، ޒައިދާންކައިރިއަށް ގޮސްލަން އަހަރެން ބޭނުންވިއެވެ. ޒައިދާން ފެންނަން ހުރުމުން އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެން ފެންކަޅިވެފައިވާތަން ޒައިދާންއަށް ފެންނާނެއެވެ. ތުއްތަ އަހަރެންގާތު، ކޯޓުތެރޭގައި ނުރޯން، ބުނެފައިވާތީ، އަހަރެން ހިފަހަށްޓަން ވަރަށް މަސައްކަތް ކުރީމެވެ. ކޯޓަށް އަހަރެން ވަނީ ޒައިދާންގެ އަތްބެއްގެ ގޮތުގައެވެ. އެހެނަސް ކޯޓުން އަހަރެން ނިކުތީ، ޒައިދާންގެ އަތްބެއްގެ ގޮތުގައެއް ނޫނެވެ. މިޚިޔާލުތަކުން އަހަރެންގެ ހިތަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ.

+++++++++++++

ކޯޓުން އައިސް ގެއަށް ވަދެވުމާއެކު، އަޑުގެނެތްތަނަށް އަހަރެންނަށް ރޮވުނެވެ. އެއްވެސް ވަރަކަށް ނުހިފެހެއްޓުނެވެ. އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ގައިން ވަރުދޫވާހެން ހީވިއެވެ. މޭމައްޗަށް ވަރަށް ބާރަށް ތަދުވާހެން ހީވިއެވެ. އިހުނަށްވުރެ އަހަރެންގެ އަޑު ގަދަވިއެވެ. ތުއްތަ އަހަރެން ގައިގައި ހިފަހައްޓައިގެން ހުރި ހަނދާންވެއެވެ. ސޯފާއާއި ހަމައަށް ދެވުނު ހަނދާނެއް ނުވެއެވެ. އަހަރެންނަށް ހޭ ވެރިކަން ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމްގައެވެ.

"ތުއްތާ.. ކީއްވެ އަހަރެން މިތާ މިއޮތީ…" އަހަރެން އެތަނަށް އައިގޮތެއް އޮޅުން ފިލުވުމަށް އަހަރެން އެހީމެވެ.

"އިފާ ވަރުދެރަވެފައި ހުރީމަ ގެނައީ.. ޑީހައިޑްރޭޓްވެސް ވާގޮތްވެފައިހުރީ..ނިދާ އިންޖެކްޝަނެއް ޖަހާފަ މިހާރު ތިއޮތީ.. ދެން ނިދާލާ.. އައިވީ ހުސްވީމަ ފޮނުވާލާނަމޯ ޑޮކްޓަރ ވިދާޅުވީ.."

"އެއީ ތެދެއް އިފާ.. ނިދާލެވުނީމަ ދެން ރަނގަޅުވާނީ..” ރާކިންގެ އަޑު އަހަރެންނަށް އިވުނުހެން ހީވިއެވެ. އިންޖެކްޝަންގެ ސަބަބުން ކޮންމެވެސް ވަރަކަށް ‘ޑިޒީ’ ވެފައި ހުރުމުން، އަހަރެންނަކަށް ރާކިންވެސް ވަކިކުރާކަށް ފަސޭހައެއް ނުވިއެވެ.

އޭގެ އަނެއްދުވަހު ހޮސްޕިޓަލުން އަހަރެން ގެއަށް ދޫކޮށްލިއެވެ. މަންމަވެސް އަހަރެންނަށްގުޅާ، އަހަރެންގެ ޙާލުބެލިއެވެ. ލީޝާ ގޮވައިގެން ހުވޭ ވެސް އަހަރެންގާތަށް އައެވެ. އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެކަކާވެސް މާގިނަ ވާހަކަ ދައްކާކަށް އެހާ ފަސޭހައެއް ނުވިއެވެ.

އަހަރެންގެ ޙަޔާތް ފުނޑުފުނޑުވީއެވެ.

އަހަރެންގެ ޙާލު އިހުނަށްވުރެ ގޯސްވާހެން އަހަރެންނަށް ހީވިއެވެ. ކެއުމާއި ނިދުމަށް އަލުން ބުރޫ އަރަން ފެށިއެވެ. އެނދުމަތީގައި އޮށޯވެ އޮންނަންވެސް އަހަރެންނަކަށް އެހާ ފަސޭހައެއް ނޫނެވެ. އެންމެ އިށީނދެ އިންނަން ފަސޭހައީ، ކޮޓަރި އަނދިރިކޮށްލައިގެން ކޮޓަރީގެ ކަނެއްގައެވެ.

މިގޮތަށް 3 ދުވަސް ހޭދަވިފަހުން، އެއްދުވަހު، އަހަރެންގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު، ރާކިން އައިސް ކޮޓަރިއަށްވަނެވެ. އަހަރެންނަށް ކުޑަކޮށް އުނދަގޫވިއެވެ. ދުވަހަކުވެސް ތުއްތައާއި ނުލާ ރާކިން އަހަރެންގެ ކޮޓަރިއަކަށް ނުވަދެއެވެ. އެހެނަސް އެދުވަހު އައީ ރާކިން އެކަންޏެވެ. އައި ގޮތަށް އައިސް އަހަރެންގެ ކައިރީ ތަޅުންގަނޑުގައި އިށީދެއްޖެއެވެ. އަހަރެންނަށް ބިރުވެރިކަން އިޙްޞާޞްވިއެވެ. ކުއްލިއަކަށް އަފްސަލްބެ މަތިން އަހަރެން ހިތަށް އެރިއެވެ. ރާކިން އެއައީ އަހަރެންނަށް ކީއްކުރަންބާއެވެ. އަހަރެންގެ ނޭވާވެސް ކުރުވާން ފެށިއެވެ. ދާހިތްލާފޯވެ، ހިތް އަވަސް ވާން ފެށިއެވެ.

"އިފާ… ކީއްވެ ބިރުން ތިއިނީ.. އަހަރެން އައިމަ ބިރުގަތީތަ؟ އިފާއަށް ގޮތެއް ހަދާކަށް ނޫނޭމިއައީކީ.. އިފާއާއި ވާހަކަ ދައްކާލަންމިއައީ…ތުއްތަ އަހަރެންނަށް އިފާ ކޮޓަރީގައި ވަގުތު ހޭދަކުރާގޮތް ކިޔައިދިން.. އަހަރެންނަށް ވަރަށް އުނދަގޫވެގެން މިއައީ..އަހަރެންނަން ފެންނަ ގޮތުގައި އިފާގެ ކޮންޑިޝަން ތިދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން.. އެހެންވެ އަހަރެންނާއި ތުއްތަ ބޭނުންވަނީ، އިފާ ރަނގަޅު ޑޮކްޓަރަކަށް ދައްކާފައި އިފާ ކުރިން ހުރިގޮތަށް އަނބުރާ ގެންނަން.. މި ދަނޑިވަޅު އިފާއަށް އަހަރުމެން އެންމެންގެ އެހީތެރިކަން ބޭނުންވާނެ، ތުއްތަ ރޮއެފަ ބުނީ އިފާގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވާހެން ހީވާވާހަކަ،.. އަހަރެންމީ އިފާގެ ބޭބެ ކަމުގައި އިފާ ދެކިގެން ބޭބެ އާއި ތުއްތަ ބުނީތީ، މިކަމުގައި އެއްބާރުލުން ދީ އިފާ…ޕްލީޒް..އިފާ.. "

ރާކިން އެއްފަހަރާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަހަރެންނަށް އެހާ ބޮޑަށް ރާކިން ކީ އެއްޗެއް އޮޅުމެއް ނުފިލިއެވެ. އެކަމަކު، ރާކިން ފެންކަޅިވެފައި އިންތަން ފެނުނެވެ. އަހަރެން ރާކިންގެ މޫނަށް ބަލަން އިރުކޮޅަކު އިނީމެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން ރާކިން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

އޭގެ އަނެއްދުވަހެވެ. އަހަރެން ހަމަ ކޮޓަރީގެ އެ، ކަނުގައި އިށީނދެ އިނީމެވެ. ފެން ނުވަރާތާވެސް ދެ ދުވަސްވީއެވެ. އަހަރެންނަކީ ހާދަބޭކާރު މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޙަޔާތުގައި އެއްވެސް ނަޞީބެއް ނެތެވެ. މަންމައާއި ބައްޕަގެ ލޯބި ލިބުނީކީނޫނެވެ. ޅަ އުމުރުގައި ކިޔަވަން މާލެ ފޮނުވުމުން، އަފްސަލްބެ އަހަރެންނާއި ގަދަކަމުން ބެހުނީއެވެ. އަހަރެންގެ ޒުވާންކަމުގެ ފައިދާ އެކި ރޭ މަތިން ނެގީއެވެ. އަހަރެންގެ ހަށިގަނޑުގައި އެ ހަޑިމުޑުދާރު މީހާ ބީހިފައި ހުރި ހުރިހާތަންނަންދެކެ އަހަރެން ފަކުރުގަނެއެވެ.

ޒައިދާންދެކެ ލޯބިވީތީ، އޭނާވެސް އަހަރެންގެ ލޯބި ކުޅޭ ކުޅޭ އެއްޗަކަށް ހެދީއެވެ. ދުނިޔޭގައި ކިތަންމެ ގިނަ ދުވަހު ހުއްޓަސް ޒައިދާން އެއްވެސް އަހަރެންނަކަށް ނުލިބޭނެއެވެ. އަހަރެންމީ ތުއްތަ ފިރިމީހާ އެ އަފަސަލް ގަނޑު، ގަނދަކަމުން ނުބެހޭ މީހަކަށްވެސް ނުވާނެއެވެ. އަހަރެން ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެޚިޔާލުތަކަކީ މި ވޭތުވެދިޔަ ދުވަސްކޮޅުގައި ވަރަށް ގިނައިން އަހަރެންނަށް އަންނަ ޚިޔާލުތަކެކެވެ. އެ ޚިޔާލުތަކުން އަހަރެންގެ ބޯ ހާސްވެ، ބޮލަށް އުނދަގޫވެއްޖެއެވެ. އަދި އަހަރެންގެ ކައިރީ މީހަކު ވަސްވާސް ދިންހެންވެސް ހީވިއެވެ.

"އިފާ.. ތީ މުޑުދާރު ހަށިގަނޑެއް.. ކީއްކުރާ އެއްޗެއްތީ…ޒައިދާނެއް ނުވޭ އިފާދެކެ ލޯތްބެއް.. އޭނަ ޝިފޫއާ އެއްކޮށް އުޅޭނެ މާ ލޯބިން.. އޭނަ އެއް އިރެއްގައިވެސް އިފާދެކެ ލޯތްބެއްނުވޭ.. އިފާ ދުނިޔޭގައި ހުންނަހާ ދުވަހު އިތުރަށް ހިތާމަކުރާނީ،، ޒައިދާން، ޝިފޫއާއި އިނދެގެން ދަރިން ލިބިގެން އުޅޭތަން ދެކެން ކެތްވާނެ؟ ނުވާނެ އިފާ…އަމިއްލައަށް މަރުވޭ… އޭރުން ބޯހާހެއް ނުވާނެ.. އެއްފަހަރުން ހިތްހަމަޖެހޭނެ އިފާ… ޑޫ އިޓް އިފާ .. ޑޫ އިޓް! ޑޯންޓް ޑިލޭ…ޑޫ އިޓް ޓުޑޭ!!…"

މިއަޑުތަކުން އަހަރެންގެ ބޯހާސްކަން އިތުރުވިއެވެ. އަހަރެން މަޑުމަޑުން ތެދުވެ އަލަމާރިން ބެޓްޝީޓެއް ނެގިތަނުން ބޮލަށް ގޮތެއްވާހެން ހީވެގެން އަނެއްކާވެސް ކުރިން އިށީނދެ އިން ކަނުގައި އިށީނީމެވެ. އަހަރެން އިނީ ފަންކާއަށް ބަލަންށެވެ. ބެޑްޝީޓް އޮތީ އަހަރެންގެ އަތުގައެވެ. އަހަރެން އޭރުވިސްނަމުން ދިޔައީ އޭތި ފަންކާގައި އެއްސޭނެ ގޮތަކަށެވެ!

(ނުނިމޭ..)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް