އަނެއްކާވެސް ޒައިދާން މެސެޖެއްކުރިއެވެ.
"އިފާ ޕްލީޒް…ޑޯންޓް ޓޫދިސް ޓުމީ.. އިފާ ޕްލީޒް.. ޑޯންޓް ގޯ.. ޑޯންޓް ކިލް މީ ލައިކް ދިސް.. ޕްލީޒް ޓޯކް ޓުމީ.."
+++++++++++++
ޒައިދާންގެ އެ މެސެޖުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް ހިތްވަރުކޮށްފައި މެސެޖް ކިޔާލާލުމަށްފަހު ފޯނު ސައިލެންޓަށް ލީމެވެ. އިތުރަށް ފޯނުނުބަލާނަމޭ ހިތާއެވެ.
އަހަރެން މާލެ ދިޔައިރު ތުއްތަ އަހަރެން ބަލާ އެއަރޕޯޓަށް އައިސްހުއްޓެވެ. ތުއްތަ ފެނުމާއިއެކު، ތުއްތަގައިގައި އޮޅުލާގަނެފައި އަހަރެންނަށް ގިސްލާރޮވުނެވެ. އަހަރެންގާތު ހިތްވަރު ކުރުމަށާއި، ނުރޯން ތުއްތަ ބުނުމަށްފަހު، ތުއްތަމެންގެ ގެއަށް އަހަރެން ގެންދިޔައެވެ. ތުއްތަ އުޅެނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައިކަމުން، އެއްކޮޓަރި އަބަދުވެސް ހުހަށް ހުރެއެވެ. އަދި އެ ކޮޓަރިއަށް އަހަރެންގެންދިޔައެވެ. އޭރުވެސް އަހަރެންނަށް ރޮވެއެވެ.
"އިފާ…ނުރޮއެ ހުއްޓާލާ.. އިފާއަށް އެހެން ހެދި މީހަކުދެކެ އިފާ ތިވަރަށް ލޯބިވާކަށް ނުޖެހެޔޭ..އިފާއޭ އޭނަދެކެ ތި ލޯބިވަނީ .. އޭނަ އިފާ ދެކެ ލޯބިވާނަމަ، އިފާ އަށް އެހެން ހެދީސްތަ؟.. ނުހެދީސް.. އެވަރުގެ ކަމެއްވީ އިރު އިފާއަށް ސިއްރުކުރާނީ ހަމަ އިފާ ދެކެލޯބިނުވާތީ!.. އެންމެ ފަހުން އިފާއަށް ފަޅާ އެރީމައެންނު އެ އެއްބަސްވެސް ވީ.. އެއީ ހަމަ ފިރިހެނުންގެ ވައްތަރު…!"
ތުއްތަ ޒައިދާން ދެކެ އިންތިހާއަށް ރުޅިއައިސްފައިވާކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް ހިތްވަރުކޮށްފައި ރުއިން ހުއްޓޭތޯ މަސައްކަތް ކުރީމެވެ. ތުއްތަ ކައިރީ ހުންނަންޖެހުނީމާ، ތުއްތަ ބުނާބަސްވެސް އަހަރެން އަހަންބޭނުންވާތީ އާއިވެސް އެކީގައެވެ.
އަހަރެންވަނީ ނިދިން މަޙްރޫމްވެފައެވެ. ޒައިދާން މަތިން އިންތިހާއަށް ހަނދާންވެއެވެ. ޒައިދާންގެ މެސެޖަކަށް ނުވަތަ ފޯނަކަށް އިންތިޒާރުކުރެވެއެވެ.
އޭގެ ދެގަޑިއެއްހާއިރު ފަހުން ޒައިދާންގެ ވައިބަރ މެސެޖެއް އައެވެ.
"އިފާ ޕްލީޒް..އަހަރެން ދޫކޮށް ތި ދިޔައީ ކީއްވެ..؟ އަހަރެން އިފާ ދޫކޮށްނުލާނެ ވާހަކަ ބުނީމަވެސް އިފާ ދިޔައީ ކީއްވެ؟ އިފާ އަދިވެސް ވިސްނާނެ ކަމަށް ހީކުރަން.. އަހަރެން އިފާ އަށް ވަގުތުކޮޅެއް ދީފިން…އިފާ އަހަރެންދެކެ ދުވަހަކުވެސް ލޯބިވީނަމަ ތިހިނެތް ނުހަދާނެ.. ޔޫ ނެވަރ ލަވްޑް މީ!.."
ޒައިދާންގެ އެ މެސެޖަކަށްވެސް އަހަރެން ޖަވާބެއް ނުދެމެވެ. ޒައިދާންގެ މެސެޖްތަކުން އިތުރަށް އަހަރެން ދެރަވުން ނޫން އެހެން ކަމެއް ނުވެއެވެ.
މުޅިރޭ އަހަރެން އޮތީ ހޭލައެވެ. ރުއިމާއި، ގިސްލެވުމުގައެވެ. ޒައިދާންއާއި އަހަރެންނާއި އެއްކޮށް ލޯބިން އުޅުނު ދުވަސްތަކުގެ ހަނދާންތައް އަހަރެން ނިދިން މަޙްރޫމްކުރުވިއެވެ. މިއީ އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް އަންނާނޭކަމަށް ހީކުރި ދުވަސްތަކެއް ނޫނެވެ. އަހަރެން ކިހާ ބަދު ނަސީބު ހެއްޔެވެ. އަހަރެންގެ ޙަޔާތުގައި އޮތީ ހުސް ހިތާމައެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ އަލި ވިލިއްޖެއެވެ.
+++++++++++++++
އޭގެ އަނެއްދުވަހެވެ.
"އިފާ.. އިފާ… ހޭލައިފިންތަ؟… ސައިބޯން މިގޮވަނީ..؟ ތުއްތަ ދޮރުގައި ޓަކިޖަހާލާފައި ބުންޏެވެ.
"އާން.. ހޭލައިފިން.. ދޮރު ހުރީ ހުޅުވާފައި.. ވަދޭ…" އަހަރެން އެހެން ބުނުމުން ތުއްތައައިސް އަހަރެން ގާތު އެނދުގައި އިށީދެއްޖެއެވެ.
“އިފާ…އިފާގެ މޫނުމަތިން އެއްވެސް ވަރަކަށް ނިދާފައި ހުރިހެނެއް ހިޔެއް ނުވޭ!.. ނުނިދަންދޯ ރޭގަ؟” ތުއްތަ އަހަރެންގެ މޫނަށް ބަލާލާފައި އެހިއެވެ.
“ނުނިދުނު ތުއްތާ.. ހަމަވިސްނެނީ.. ހަމަ ދެރަވަނީ…” އަހަރެން ތެދަށް ބުނީމެވެ.
“އިފާ.. ހިތްވަރު ކުރަންވާނެ.. ތިހިން އަބަދު ދެރަވެގެން އުޅެން ހަދައިގެން އިފާގެ ޙާލު ދެރަވެދާނެ!.. ހިތްވަރު ކުރަންވާނެ! ހިނގާ އެއްޗެއް ކާލަން؟ ރާކިންވެސް އެބައިން އިފާ އަންނަންދެން ސައިނުބޮއެ! ތުއްތަ ބުންޏެވެ.
“ތުއްތާ… އަހަރެން ގަޔަކު ނެތް ތެދުވެ ހިނގާ އުޅޭނެ ހާ ހިތްވަރެއް.. ކާ ހިތެއް ވެސް ނުވޭ…” އަހަރެން މަޑުމަޑުން ބުނީމެވެ.
"ކޮޓަރިއަށް އެއްޗެއް ގެނެސްދޭނަން އެހެންވީ އިރު…އިނގޭ.. ކުޑައެތިކޮޅެއް ވިޔަސް ކެވޭތޯ ބަލަންވާނެ.. އެހެންނޫނީ ވަރުދެރަވެދާނެ!" ތުއްތަ މިހެންބުނެފައި ހިނގައްޖެއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ތުއްތަ އަހަރެންނަށް ސައި ހިފައިގެން އައިސް ފަތްޖަހާ ކުޑަމޭޒެއް ހުޅުވުމަށްފަހު، ސައި ބަހައްޓާފައި، ކެވޭވަރުވެލީމާ ކެއުމަށާއި، ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލުމަށް ބުނެފައި ރާކިން ޑިއުޓީއަށް ދިޔުމުގެ ކުރިން ސައިދިނުމަށް ހިނގައްޖެއެވެ.
ތުއްތަ ކިހާ ރަނގަޅުހޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން ނުކައިފިއްޔާ ތުއްތަ ދެރަވާނެތީ، ވަރަށް ހިތްވަރުކޮށްފައި ސައިތަށި ބުއީމެވެ. ހަރު އެއްޗެއް ކެވޭގޮތެއް ނުވިއެވެ.
އަނެއްކާވެސް އަހަރެން އެނދުގައި އޮށޯތީމެވެ. މިގޮތަށް ދެ ދުވަސްފާއިތު ވީ ފަހުން، ޒައިދާންގެ މަންމަގެ ކޯލެއް އަހަރެންނަށް އައެވެ.
އެ ފޯނު ނަގާނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަހަރެން ފޯނު ނުނެގުމުން ޒައިދާން މަންމަ މެސެޖެއް ކުރިއެވެ. އެ މެސެޖުގައި ބުނެފައިވަނީ، މަންމައާއި ވާހަކަ ދައްކާލުމަށް އެގެއަށް އައުމަށެވެ. މަންމަ ގާތު، ޒައިދާން ވެގެން އުޅޭގޮތް ބުނީކަން އަހަރެންނަށް އެހިސާބުން އެނގިއްޖެއެވެ. އެހެނަސް ޒައިދާން މަންމައާއި ކުރިމަތިލާނެހާ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ.
ޒައިދާން މަންމަ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އަދި އަހަރެންވެސް ޒައިދާންގެ މަންމަ ދެކެ ލޯބިވެއެވެ. ޒައިދާންގެ މަންމަ އަހަރެން ގާތު ޒައިދާން ގެ ދޮށީ އަތްބެއްގެ ގޮތުގައި އިންނަން ބުނެފާނެތީ އަހަރެން ވަރަށް ހާސްވިއެވެ. ސަބަބަކީ އެކަހަލަ އެދުމެށް މަންމަ އެދެފިނަމަ، ނޫނެކޭ ބުނަން އަހަރެންނަށް އެހާ ފަސޭހަ ނުވާނެތީއެވެ. އެހެންކަމުން އަހަރެން އެ ފޯނަށް ޖަވާބު ނުދިނުމަށް ނިންމީމެވެ.
ޒައިދާން މަންމަ ދެ ފަހަރަކު ގުޅިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ.
އޭގެ އަނެއްދުވަހު، ހެނދުނު ތުއްތަ އަހަރެން ކޮޓަރީގައި އުޅެނިކޮށް ޒައިދާން މަންމަ ގުޅިއެވެ. އަހަރެން ފޯނު ނުނެގުމުން، ތުއްތަ، އެ ފޯނު ނެގުމަށްފަހު އަހަރެން އުޅެނީ ބަލިވެ ކަމުގައި ބުންޏެވެ. އަދި އެ ގެ ހުންނަތަންވެސް ކިޔައިދިނެވެ. ތުއްތަ ފޯނު ބޭއްވުމަށްފަހު، ގުޅީ، ޒައިދާންގެ މަންމަ ކަމާއި، ޒައިދާންގެ މަންމަ އަހަރެންނާއި ބައްދަލުކުރުމަށް ހަވީރު އަންނާނެވާހަކަ ބުންޏެވެ. އަހަރެން މިކަމާ، ތުއްތަ ދެކެ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އެހެނަސް، އެކަމާ މާބޮޑު އެއްޗެއް ނުބުނަމެވެ. ޙަޤީގަތުގައި އަހަރެން އެފޯނަށް ޖަވާބު ދޭން ބޭނުންނުވާ ސަބަބު ތުއްތައަކަށް ނޭނގޭނެތީއެވެ.
++++++++++++
"ދަރިފުޅުމެން ދެމެދުގައި ކަންތައް ތިވީ އެންމެ ރަނގަޅަކަށް ނޫން.. ޒައިދާން ކަންތައް އެކުރީ ކީ ރަނގަޅަކަށެކޭ ބުނާކަށް ނޫން މަންމަ މިއުޅެނީކީ.. މަންމަ މިހިރީ ވަރަށް ދެރަވެފައި ކަންތައްވީ ގޮތުން.. ދަރިފުޅު މަންމަ ގާތު، ތިކަހަލަ ވާހަކައެއް ބުނެލާފައި އޮތްނަމަވެސް ތަންކޮޅެއް ކުރިން މަންމައަށް ޒައިދާން އާއި ވާހަކަ ދައްކާލެވުނީސް…. މަންމަ އަދިވެސް ނޭދެން ތި ދެކުދިން ވަކިވާކަށް.. އެކަމަކު ގޮތް ނިންމާނީ ތި ދެކުދިން.. ޒައިދާން ހުރީ ދަރިފުޅު ދޫކޮށްލާކަށް ނޫން.." މަންމަ ވަރަށް އަސަރާއި އެކު ވާހަކަ ދެއްކިއެވެ.
"މަންމާ… ޒައިދާން އެހެން މީހަކާއެކު އުޅޭތަން ދެކެން އަހަރެންނަކަށް ކެތެއް ނުވާނެ..ޒައިދާން ބޭނުންވަނީ ދޮށީ އަނބީގެ ގޮތުގައި އަހަރެން ބައިންދާފައި ޝިފޫ އާއި ވެސް އިންނަން.. ޝިފޫ ދޫކޮށްލާ ގޮތަކަށް ނޫން ޒައިދާން ހުރީކީ..އަހަރެންނަކަށް ޒައިދާންގެ ދޮށީ އަތްބެއްގެ ގޮތުގައި ނީނދެވޭނެ މަންމާ..ހަމަރަނގަޅަށް މިބުނީ.. މަންމައާއި ބައްޕަ، އަދި ޒައިދާން ދެކެވެސް އަހަރެން އިންތިހާއަށް ލޯބިވޭ.. އެކަމަކު.. މަންމާ…އަހަރެންނަކަށް އެ ގޮތަކަށް ނުރުހެވޭނެ..! އަހަރެންގެ މަންމަ އާއި ތުއްތަވެސް އެގޮތަކަށް ޤަބޫލެއް ނުވާނެ މަންމާ!.." އަހަރެން ފެންކަޅިވެފައި އިނދެ ބުނީމެވެ.
މަންމަވެސް ފެންކަޅިވެ އިނދެ އަހަރެންގައިގައި ބައްދާލިއެވެ.
+++++++++++++
އަހަރެން ގެއިން އެއްގޮތަކަށްވެސް ނުނިކުމެ، އެނދުގައި އޮންނަތާ ހަފްތާއެއް ވީފަހުން، ތުއްތަ، ރާކިންގޮވައިގެން އަހަރެންގެ ކޮޓަރިއަށް އައިސް އަހަރެންނާއި ވާހަކަ ދެއްކިއެވެ. ގިނަ އިރު ކޮޓަރީގައި ނޯވެ، ސިޓީން ރޫމަށް ނިކުތުމަށާއި، އެހެން އޮންނަންވެއްޖެނަމަ، އިތުރަށް އެކަނިވެރިކަން އިޙްޞާޞްވާނޭކަމާއި، ހިތްވަރުކޮށްފައި ދެތުވެލާ އުޅުމަށް ބުންޏެވެ. ރާކިންއަށް އަހަރެންނާއި ވާހަކަ ދައްކާލަން ނާދެވުނީ، އަތޮޅުތެރޭގައި ޑޮކުޓަރުންގެ ކޭމްޕެއްގައި އުޅުމުން ރަށުގައި ނެތުމުންކަމާއި، ތުއްތަ ގާތުން އިފާގެ ޙާލު އޮޅުން ފިލުވާކަމަށް އަހަރެންގާތު ރާކިން ބުންޏެވެ. އަފްސަލްއާއި ރާކިން ހާދަތަފާތޭ އަހަރެންގެ ހިތަށް އެރިއެވެ. ތުއްތަ ހަމަ ކޮންމެ ދުވަހަކު އަހަރެންގެ ހާލުބަލާ ކާންދީ ހަދައެވެ، އެހެނަސް ރާކިން ނާންނާތީ، އަހަރެންގެ ހިތުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. އަދި ތުއްތަ ގާތު އަހާލަންވެސް ނުކެރުމުން އަހާނުލީއެވެ.
+++++++++++++++
މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ޒައިދާން އަހަރެންނަށް ހަމަ ކޮންމެ ދުވަހަކުހެން މެސެޖްކުރެއެވެ. އަހަރެން ރިޕްލައިއެއް ނުކުރަމެވެ. ވައިބަރ އިން ގުޅާފައިވެސް ހުރެއެވެ. ޒައިދާންގެ އަޑު އަހާލަން އަހަރެން ކިތަންމެހާވެސް ބޭނުންވެއެވެ. އެހެނަސް އަހަރެން އެފޯނުތަކަށް ޖަވާބު ނުދިނުމަށް އިންތިހާއަށް ހިތްވަރު ކުރަމެވެ. އެކަމުގެ ސަބަބުން އަހަރެންނަށް އިތުރު ހިތްދަތިމެއް ލިބިގެންދެއެވެ.
+++++++++++
"އިފާ.. އަހަރެން މަންމަގާތުވެސް ބުނެފިން އިނގޭ ވެގެން އުޅޭގޮތް.. މަންމަވެސް ގަބޫލެއް ނޫން ޒައިދާންއާއެކީ އުޅޭކަށް.." ތުއްތަ އަހަރެންނަށް ކާއެއްޗެތި ހިފައިގެން އައިސް ބުންޏެވެ.
"ތުއްތަ ޤަބޫލުތަ؟" އަހަރެން ތުއްތަގެ ޖަވާބެއް ކޮންމެހެން ބޭނުންވާތީ އެހީމެވެ.
"ނޫން.. ތުއްތަވެސް ބޭނުމެއްނޫން.. ދެން އިފާ ޒައިދާން އާއެކީ އުޅޭކަށް..! މިހާރު އެހެން ހެދި މީހަކާއެކީ އުޅެން ދިމާކޮށްފިއްޔާ، ފަހުން އަދި މާ ހިތްދަތި ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެ.. ދެން ލިބޭނީ ކުއްޖެއް! އޭރުން ދުރުވާން އުނދަގޫވާނެ.. ނަސީބެއް އަސްލު ދަރިއެއް އަދި ނެތްކަން.. ތުއްތައަށް ފެންނަނީ ހަމަ ވި އެންމެ އަވަހަކަށް ޑިވޯޒްވާން ފޯމުލާން..ލަސްކުރާ ވަރަކަށް އިފާއަށް ލިބޭނީ ހިތްދަތިކަން، ހަމަޖެހުމެއް ނުލިބޭނެ.. " ތުއްތަ ބޭނުންވާގޮތް ސީދާ އަހަރެންގާތު ބުންޏެވެ.
ތުއްތަގެ އެންމެ ފަހު ޖުމްލައިން އަހަރެންގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ޑިވޯޒް ވާން އަހަރެންގާތު ތުއްތަ ބުނީމައެވެ. ޒައިދާން އާއި ވަކިވުމަކީ އަހަރެން ދުވަހަކުވެސް ވިސްނާފައިވާ ކަމެއް ނޫނެވެ. އަހަރެންނާއި ޒައިދާން އާއި އެއްކޮށް ހާދަ ގިނަ ހުވަފެނެއް ވާނީ ބަލާފައެވެ. ކައިވެންޏަށް ދެއަހަރު ނުވަނީސް ޒައިދާންއާއި ވަކިވުމަކީ އަހަރެން ދިރިހުއްޓަސް މަރުވެދާނޭ ކަމެއް ކަމުގައި އަހަރެންނަށް ހީވިއެވެ. އަނެއްކޮޅުން އަހަރެންނަށް މިފަދަ ޙާލެއް ޖެހުނު ދުވަހު އެހީވެމުން އެދަނީ ތުއްތައެވެ. ތުއްތަ އާއި މަންމަގެ ނުގަބޫލުގައި ޒައިދާންއާއި އެއްކޮށް ކުރިއަށްދާނެ ހިތްވަރެއްވެސް އަހަރެންގެ ނެތެވެ.
ޒައިދާން އަހަރެންނަށް އޮޅުވާލީއެވެ. ޒައިދާން އަހަރެންދެކެ ޙަޤީޤަތުގައި ލޯބިވިނަމަ، އަހަރެންނަކަށް އެހެނެއް ނުހެދީސްއެވެ. މިހުރިހާ ޚިޔާލުތަކުން އަހަރެންގެ ހިތް ކުދިކުދިވާހެން ހީވިއެވެ. ހޯސްލާފައި ކަރުނަތައް އަހަރެންގެ ލޯމައްޗަށް ފައިބާގަތެވެ. ޑިވޯޒް ފޯމްލުމުގައި ތުއްތަ އެހީވާނެކަމާއި، އިތުރަށް ރޮއެ ހިތާމަ ނުކުރަން ބުނެފައި ތުއްތަ، ކޮޓަރިން ހިނގައްޖެއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް