ހުޅުމާލޭގައި މިރޭ ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައި އެއް އެކްސިޑެންޓުގައި އަނިޔާވި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 8:45 ހާއިރު ނިރޮޅުމަގުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެވެ. ހާދިސާ ހިނގުމާއި އެކު އެ މންޒަރު ފެނުނު މީހުން ވަނީ ވަގުތުން އެ ދެމީހުން ވެހިކަލަކަށް ލައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.
ދެވަނަ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ދެ ވަނަ ފޭސްގައި ހިއްކާފައިވާ ސަރަހައްދުގަ އެވެ. މި އެކްސިޑެންޓު ހިނގީ އެ ސަރަހައްދަށް ދެ ސައިކަލުގައި ދެޒުވާނަކު ވަދެގެން އުޅެނިކޮށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓް ވީ ހުރަހަށް ހަރުކޮށްފައި އޮތް ހޮޅިއެއްގައި ޖެހިގެންނެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދު ކުފުނީގެ މީޑީއާ އޮފިސަރު ވިދާޅުވީ ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނީ ދެވަނަ އެކްސިޑެންޓުގައި އަނިޔާވި އެއް ޒުވާނަކަށް ކަމަށެވެ. އެކަމަކު އަނެއް ޒުވާނާއަށްވެސް ދަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުރަތަމަ އެކްސިޑެންޓުގައި ދެ މީހުންނަށް އަނިޔާވެފައިވާއިރު އުމުރުން ދުވަސްވީ މީހާގެ މޫނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އަދި ސައިކަލު ދުއްވި މީހާއަށްވެސް އަނިޔާވެފައިވެ އެވެ.
މި އެކްސިޑެންޓުތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް