ފ.ނިލަންދޫ އަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނިލަންދޫއަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް، ނަގޫރޯޅި އެރީ މިއަދު މެންދުރު 12:30 ހާއިރު އެވެ.
ފުލުހުން ވިދާޅުވީ، އެރަށަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވުމާއި ގުޅިގެން ފުލުހުންނާއި، އާންމުން ގުޅިގެން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މިހާދިސާގައި ގިނަ ގެތަކެއްގެ ފުރާޅު އެއްލާފައި ވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެ ރަށުގައި ހުންނަ ބީއެމްއެލް ބްރާންޗް އަށެވެ. އެގޮތުން އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކު ވެފައިވާ އިރު، އެ ތަނުގައި ހުރި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ފުލުހުން ކުރަމުންނެވެ.
އޭގެ އިތުރުން ބައެއް ގަސްތައް މަގުތަކަށާއި ގެތަކުގެ މައްޗަށް ވެއްޓި، ގެއްލުންތައް ލިބިފައިވާ ކަމަށް ނިލަންދޫ އިން ވާހަކަދެއްކި މީހަކު ބުންޏެވެ
މިދިޔަ ހަފްތާއެއްހާ ދުވަހު މެދު ކެނޑުމެއް ނެތި މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އަތޮޅުތެރޭގެ ރަށްތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ހއ. އުލިގަމު، ހދ. ހަނިމާދޫ، ގދ ތިނަދޫއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް