ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެކޮޅަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެވޯޑެއް ދޭން ނިންމައިފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ މިނިސްޓަރު ނާޒިމަށް އެ އެވޯޑް ދޭން ނިންމީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ދުންފަތް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ ކަމަށެވެ. އެގޮތުން މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ކެބިނެޓްގެ ތެރެއިންނާއި ސަރުކާރުގެ އެކި ވުޒާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްފައިވެ އެވެ.
ދުންފަތް ހުންނަ އުފެއްދުންތަކުން 60 ޕަސެންޓް ޓެކްސް ނެގުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކުރުން މަދުކުރަން ނާޒިމް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެ އެވެ.
އިއްޔެ އަކީ ކޮންމެ އަހަރަކު ފާހަގަ ކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަހެވެ. އިއްޔެ މުނާސަބަތުގައި މިނިސްޓަރު ނާޒިމް ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ ސަބަބުންގެ ޖެހޭ އެކި ބަލިތަކުގައި ކަމަށެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ދޭ އެވޯޑު މިދިޔަ އަހަރު ރާއްޖެ އިން ލިބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް