ދ. ކުޑަހުވަދޫގައި އަލަށް ހެދި "ދާލު އެއާޕޯޓު" އަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
މިއަދު ހެނދުނު ފުރަތަމަ ޖެއްސި ފްލައިޓުގައި އެ ރަށަށް ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ. އެ ބޭފުޅުންނަށް މަރުހަބާ ކިޔަން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައި އެވެ.
ފުރަތަމަ ފްލައިޓު ދާލު އެއާޕޯޓަށް ޖެއްސީ ހެނދުނު 9:27 ގައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އެ އެއާޕޯޓަށް ފަށާނެ އެވެ.
"މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން ބުނެފައިވަނީ 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށެވެ.
އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. ދާލު އެއާޕޯޓު ހޯލްޑިންސް އަކީ އެ ކުންފުނި ހިއްސާވާ ކުންފުންޏެކެވެ.
ކުޑަހުވަދޫގައި ހުޅުވުނު އެއާޕޯޓާއި އެކު މިހާރު ރާއްޖޭގައި 11 އެއާޕޯޓު އެބަ އޮތެވެ. އެއީ އިންޓަނޭޝަނަލް ހަތަރު އެއާޕޯޓާއި ހަތް ޑޮމެސްޓިކް އެއާޕޯޓެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ އަންނަ އަހަރުގެ ނިޔަލަށް އިތުރު ފަސް ރަށެއްގައި އެއާޕޯޓު އަޅާނެ ކަން އިއުލާނުކޮށް މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފައި އެވެ. އެއީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު ފ. ނިލަންދޫ އަދި ގދ. ފަރެސްމާތޮޑާ ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް