﴿ وَالْكَاظِمِينَ الْغَيْظَ ﴾
"އަދި (އެއުރެންނީ) ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ."
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރުޅިއަކީ އިންސާނާގެ ކިބައިގައި ހުންނަ ސިފައެކެވެ. އަދި އެއީ ކޮންޓްރޯލުކުރަން ނޭނގިއްޖެނަމަ ތިބާއަށާއި އެހެން މީހުންނަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ހިތާމަތަކެއްވެސް ގެނެސްދީފާނެ ކަމެކެވެ. އޭގެ މައްޗަށް އިންސާނާ ގަދަވެގަތުމަށް އިސްލާމްދީން ނުހަނު ބާރުއަޅައެވެ. އަދި އެހިފެހެއްޓުމަކީ ތިބާގެ ހިތުގައިވާ އީމާންކަމަށް ދަލާލަތުކުރާކަމެކެވެ.
އަނަސް رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ އާއެކު ހިންގަވާފައި ވަޑައިގަތީމެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ބޯ ގިރުވާނެއްވާ، ނަޖުރާނީ ހެދުންކޮޅެކެވެ. ފަހެ އަޢުރާބީއަކު އައިސް ވަރަށް ބާރަށް އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިފިއެވެ. ހިފިލެއް ބާރުކަމުން ގިރުވާނުގެ އަޘަރު އެކަލޭގެފަނުގެ ކަނދުރާކޮޅުގައި ހުއްޓާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެއަށްފަހު (އެބަދަވީ މީހާ) ބުންޏެވެ. ކަލޭގެފާނުގެ އަތުގައިވާ ﷲގެ މުދަލުން ތިމަންނާއަށް ދޭށެވެ. ފަހެ ރަސޫލުﷲ އެމީހާއާ ދިމާއަށް އެނބުރިވަޑައިގަތުމަށްފަހު ހިނުފުޅުވެޑުވިއެވެ. އެއަށްފަހު އޭނާއަށް އެއްޗެއް ދިނުމަށް އަމުރުކުރެއްވިއެވެ." [متفق عليه]
ހަމައެއާއެކު ރުޅި އަންނަން ޖެހޭ ޙާލަތްތަކެއްވެސްވެއެވެ. ނަބިއްޔާ صلى الله عليه وسلم އަކީ، އެކަލޭގެފާނަށް މީސްތަކުން ކުރައްވާފައިވާ ނޭދެވޭ ކަންކަމުގައި ގިނަގިނައިން ޢަފޫކުރައްވާ އަދި ރުޅި އިސްނުކުރައްވާ ބޭކަލެކެވެ. ނަމަވެސް ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ކަމަކަށް ބަޔަކު އަރައިގެންފިނަމަ، އެކަމާމެދު ހިތްހަމަޖެހިވަޑައިނުގެންވާކަމުގެ ކުލަވަރުތައް އެކަލޭގެފާނުގެ މޫނުފުޅުން ފެނިގެންދެއެވެ. ފަހެ އެކަލޭގެފާނުގެ އަރިހުން ތަރުބިއްޔަތު ވެވަޑައިގަތް ޞަޙާބީ ބޭކަލުންނަކީވެސް މިރިވެތި ޞިފައިން ޒީނަތްތެރިވެވަޑައިގަތް ބޭކަލުންތަކެކެވެ.
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޢުޔައިނާ ބުން ޙިޞްނު ބުން ޙުޛައިފާ (މަދީނާއަށް) އަތުވެއްޖެއެވެ. އަދި އޭނާ މަޑުކުރީ އޭނާއަށް ބޮޑުބޭބެ ކިޔާ ބޭކަލެއްކަމުގައިވާ އަލްޙުއްރު ބުން ޤައިސުގެ ގާތުގައެވެ. ފަހެ އެކަލޭގެފާނަކީ (އެބަހީ: އަލްޙުއްރު ބުން ޤައިސަކީ) ޢުމަރުގެފާނުގެ ނުހަނު އަރިސްބޭކަލެކެވެ. ޢުމަރުގެފާނުގެ މަޖިލީހުގައި މަޝްވަރާދެއްވަން ތިއްބަވަނީ ޢިލްމުވެރިންނެވެ. އޭގެ ތެރޭގައި ދޮށީ ބޭކަލުންނާއި ހަގުބޭކަލުންވެސް ހިމެނެއެވެ. ޢުޔައިނާ ބުނެފިއެވެ. "އޭ އަހަރެންގެ ބޮޑުބޭބެގެ ދަރިޔާއެވެ. މިއަމީރުގެ ގާތުގައި ކަލޭގެފާނުގެ ބަސްވިކޭނަމަ ތިމަންނައަށް އެކަލޭގެފާނުގެ މަޖުލިހަށް ވަނުމުގެ އިޛުނަ ހޯދަދޭށެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. " އެކަލޭގެފާނުގެ އަރިހަށް ވަނުމުގެ އިޛުނަ ތިމަންކަލޭގެފާނު ހޯދަދޭނަމެވެ." ދެންފަހެ އެކަމުގެ އިޛުނު ހޯދައިދެއްވުމުން ޢުޔައިނާ އެމަޖިލީހަށް ހިނގައްޖެއެވެ. އަދި ބުނެފިއެވެ. “އޭ ޚައްޠާބުގެ ދަރިއާއެވެ! ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަކީ ދީލަތި ބޭކަލެއް ނޫނެވެ. އަދި ކަލޭގެފާނު ތިމަންމެންގެ މެދުގައި ޙުކުމްކުރައްވަނީ ޢަދުލުވެރިކޮށެއް ނޫނެވެ."
ފަހެ، ޢުމަރުގެފާނު ކޯފާވެވަޑައިގަތްލެއް ބޮޑުކަމުން އެމީހާއާ ދިމާކުރައްވަން އުޅުއްވިއެވެ.ފަހެ، ޙުއްރު ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ! ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ އަށް ވަޙީކުރެއްވިއެވެ.
﴿خُذِ العَفْوَ وَأْمُرْ بِالعُرْفِ وَأَعْرِضْ عَنِ الجَاهِلِينَ﴾ [سورة الأعراف ١٩٩]
މާނައީ: "ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ." އަދި މިއީ ޖާހިލުންގެ ތެރެއިންވާ މީހެކެވެ."
“ފަހެ ﷲ ގަންދީ ބުނަމެވެ. ޢުމަރުގެފާނަށް މިއާޔަތް ކިޔައިދެއްވުނު ހިނދު އެކަލޭގެފާނު އެކަމުގައި ކުރިއަށް ވަޑައިނުގެންނެވިއެވެ. އަދި އެކަލޭގެފާނުވީ ﷲ ތަޢާލާގެ އާޔަތްތައް ހަނދާންކޮށްދެވުމުން ހިމޭންވާ ބޭކަލެއްކަމުގައެވެ." [رواه البخاري]
ތަޤުވާވެރިންގެ ވަރަށް ގިނަ ސިފަތައްވެއެވެ. އޭގެ ތެރެއިން އެއް ސިފައަކީ ރުޅި މައިތިރިކުރުމެވެ. ތަޤްވާވެރިންގެ ސިފަތައް ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّـهُ يُحِبُّ الْمُحْسِنِينَ﴾ [سورة آل عمران ١٣٤]
މާނައީ: " އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. "
އަޅަމެންނަށް މިމަތިވެރި ޞިފައިން ޞިފަލިބުމުގެ ހެޔޮ ތައުފީޤު، ﷲ ތަޢާލާ މިންވަރުކޮށްދެއްވާށިއެވެ!
ލިޔުއްވީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް