ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށްވެފައި އަހަރެން ވެސް އެރަށަށް ދިޔަތާ ދެވަނަ ދުވަސް ކަމަށްވާތީ އަހަރެންގެ އެކުވެރި ހޫދު އާއި އެކު ރަށުގެ ބޮޑުމަގު މައްޗަށް ނިކުތީމެވެ. ކުއްލިއަކަށް އަހަރެންގެ ކަޅި ހުއްޓިގެން ދިޔައީ އަހަރެމެންނާއި މާދުރު ނޫން ހިސާބެއްގައި ހުރި ބަބުކެޔޮގަހެއްގެ ހިޔަލުގައި ހުރި ޖޯލިފައްޗެއްގައި ހަނޑޫހޮވަން އިން އަންހެންކުއްޖަކަށް ށެވެ.އަހަރެން އެކުއްޖާ ގާތަށް ދާހިތްވީ ކީއްވެގެން ކަމެއް ނޭގެއެވެ. ނަމަވެސް އަހަރެންގެ ހިތް އެދެމުންދަނީ އެކުއްޖާ ނުހަނު ގާތުން ދެކިލުމަށްށެވެ. އެއަންހެން ކުއްޖާ އަހަރެން ވަރަށް ދެކޭ މީހަކާ ވައްތަރެވެ.
އަހަންނަށް އެއަންހެން ކުއްޖާ ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތިންހަދާން ނެތުނު ކަހަލަ އެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ހޫދު އަހަރެންގެ ކޮނޑުގައި އަތުންޖަހާލަމުން ތިހިރީ ކޮން ޚިޔާލަކަށް ގެއްލިފައިހޭ އަހާލުމުންނެވެ. އެވަގުތު އަހަރެން ލަދުވެސް ގަތެވެ. އެހެން ނަމަވެސް އެކަން ސިއްރު ކުރެވޭތޯ ބަލަމުން އަތުގެ އިޝާރާތުން ހޫދުއަށް އެއަންހެން ކުއްޖާ ދައްކާލީމެވެ. ހޫދު އެކުއްޖާ އާއި ދިމާއަށް ބަލާލާފައި އަހަންނާއި ދިމާއަށް ބަލާލިއެވެ. އަދި ވާހަކަ ދައްކަން ފަށައިފިއެވެ.
" އަސީލް އޭނާ ދަންނަށްތަ؟" "ތިހެން ތިއެހީ ކީއްވެ؟" އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ. "މިހެން މިއެހީ އެއީކުރިން މާލޭގަ އުޅުނު ކުއްޖެއްވީމަ. އޭނާ ވަރަށް ކުޑައިރު އޭނާގެ މަންމަ ނިޔާވެއްޖެ. ދެން ބައްޕަ ފަރާތު މާމަ އޭނާބެލީ. އޭނާ ވަރަށް ލޯބިވާނެ އޭނާގެ މާމަ ދެކެ. މާމަ އޭނަ މާލެ ފޮނުވައިދީގެން ކިޔަވައިދިން. ބައްޕައެއް ހުރެ އެބައްޕަގެ އެއްވެސް އެހީތެރި ކަމެއް އޭނާއަކަށް ނުލިބޭ. ނަމަވެސް މާމަ މުސްކުޅިބަލީގަ އެނދުގައި އޮންނަށް ޖެހުމުން އޭނާ ރަށަށް އައީ. އޭރު އޭނާ އުޅެނީ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގަ. ވަޒީފާވެސް ދޫކޮށްލާފަ އައީ. އޭނާ ރަށަށް އައިތާ މާގިނަ ދުވަހެއް ނުވެ މާމަ ނިޔާވެއްޖެ. ދެން އޭނާ އެބުރި މާލެދާން ވަރަށް މަސައްކަތް ވެސް ކުރި. ނަމަވެސް އޭނާގެ ދޮންމަންމަ އޭނާގެ ބައްޕަގެ ބޮލަށް އެރިގެން ދިޔަކަ ނުދިން. ދެން ކަންތައް ވީގޮތުން މިއަދު އޭނާއަކީ ............ " "މިއަދު އަނެއްކާ އޭނައަކީ ކާކުހެއްޔެވެ؟" އަހަންނަށް ހޫދުގެ ވާހަކަ މެދުކަނޑާލަމުން އަވަސް އަވަހަށް އަހާލެވުނެވެ.
"އޭނާ އަކީ މިއަދު ހަމަނުޖެހޭ ގޮތެއް ހުންނަ ކުއްޖެއް." ހޫދު މަޑުމަޑުން ބުއްޏެވެ. "އަނެއްކާ އެއީ ހައިފާތަ؟" އަހަރެން ސިހިފައި އަހާލީމެވެ. " އާނ! އަސީލް ހައިފާ ދަންނަށްދޯ!" ހޫދު ހައިރާން ވެފާ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ.
" އަހަރެން ހައިފާ އާއި ބައްދަލުކުރަން ބޭނުން. ހައިފާއަކީ ހަމަޖެހޭ ރަނގަޅު ކުއްޖެއް. އަހަރެން ހަމަ ރަނގަޅަށް ވެސް އޭނާ ދަންނަށް. އަހަރެން މިރަށަށް އައި އެއްމެބޮޑު މަޤުޞަދަކީވެސް ހައިފާ ހޯދުން. އަހަރެން ހައިފާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ނިއްމައިގެން ހުރީ އަހަރެންގެ ހަތަރު އަހަރުގެ ކޯސް ނިމުނުހާ އަވަހަކަށް ކައިވެނިވެސް ކުރަން. އަހަރެންނަށް ހައިފާގެ ހަބަރެއް ނުލިބޭތާ އަދި ވީ ދެއަހަރު. އަހަރެން ހަމަ މިހާރު ހައިފާއާއި ބައްދަލުކުރަން ބޭނުން." އަސީލް އަޑުގައި އެކުލެވިގެންވަނީ ރިހުމެވެ.
"އަސީލް! އެކަމަކު ހައިފާ އާއި މިވަގުތު ބައްދަލުކުރުން އެއީ ރަނގަޅު ކަމެއް ނޫން." ހޫދު ބެލީ އަސީލް އަށް ވިސްނައިދެވޭތޯ އެވެ. "އެކަމަކު އަހަރެން ހަމަ މިހާރުގޮސް ހައިފާއާއި ބައްދަލުކޮށް އޭނާގެ ހާލު އަހުވާލު އޮޅުން ފިލުވަން ބޭނުން."އަސީލް ދެރަވެލާފައި ބުއްޏެވެ. "ކުރާނެ ކަމެއް ނެތް. އަސީލް ބުނި ބަހެއް ދުލެއް ނުކުރާނެ ވިއްޔާ. ހިނގާ ހައިފާ ގާތަށް ދާން." ހޫދު ހިގައި ގަތެވެ. އަހަރެންވެސް ހޫދުގެ ފަސްފަހަތުން ހިގައި ގަތީމެވެ.
އަހަރެމެން ގޮސް ހައިފާ ގާތަށް ހުއްޓުމުން ހައިފާ އަހަރެމެންނާއި ދިމާއަށް ބަލާލިއެވެ. އެއީ އެއްވެސް އުފާވެރި ކަމެއް ނެތް ބަލާލުމެކެވެ. އެރީތި މޫނުގައިވާ އުޖާލާކަން ކޮންމެވެސް މީހަކު ވަނީ ފޭރިގެންފައި ކަހަލައެވެ. އަހަރެންނަށް ހައިފާގެ ހާލު ހުރިގޮތް ފެނުމުން ލޮލުން ކަރުނު އަންނަގޮތްވިއެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްލާފައި ހައިފާއަށް ގޮވާލީމެވެ. ހައިފާ އަހަންނާ ދިމާއަށް ބަލާލީ އުއްމީދެއް ނެތްގޮތަކަށްށެވެ.
" ތިޔައީ އަސީލް............ " "އާނ! މީ އަސީލް! ހައިފާގެ އަސީލް."އަހަރެން ހައިފާގެ ވާހަކަ މެދު ކަނޑާލަމުން އަވަސް އަވަހަށް ބުނީމެވެ. " އެކަމަކު މިހާރު ވަގުތު ފާއިތު ވެއްޖެ. އަހަރެން އަތުގައި އަސީލްއަށް ދޭނެ އެކައްޗެއް ވެސް ނެތް." ހައިފާ އަށް އިނީ ރޮވިފައެވެ. އޭނާ އެހެން ބުނުމަށް ފަހު ޖޯލިން ތެދުވެ ގެއާއި ދިމާއަށް ހިގައިގަތެވެ. އޭނާ ހިގައި ގަތުމުން އަހަރެން އޭނާއަށް ގޮވާވެސްލީމެވެ. ނަމަވެސް އޭނާ ފަސްއެބުރި އެންމެ ފަހަރަކުވެސް ބަލައެއް ނުލައެވެ. އޭނާ ކުރިއަށް އަޅާކޮންމެ ފިޔަވަޅެއް އެއަޅަނީ އަހަރެންގެ ނިކަމެތި ހިތުގައި ކަހަލައެވެ.
އެބުރި ގެއަށް ދިޔުމަށް ފަހުވެސް އަހަރެން ހޫދުގާތުން ހައިފާއަށް ވެފައިވާ ގޮތާމެދު ސުވާލު ކުރީމެވެ. ހޫދު ބުނީ ހައިފާވަނީ އޭނާގެ ދޮންމަންމަގެ ނުފޫޒާއި ބާރުން ފައިސާގެ ދަހިވެތިކަމުގައި ހައިފާގެ ބައްޕައުމުރުގެ މީހަކަށް ވިއްކާލާފައި ކަމުގައެވެ. އެމީހާ އާ ކައިވެނި ކުރިދުވަހުން ފެށިގެން އެފަކީރު އުޅެނީ އެފަދަ ހާލެއް ގައި ކަމުގައެވެ. އަދި އެކައިވެއްޏަކީ ހައިފާގެ ނުޤަބޫލުގައި މަޖުބޫރު ކޮށްގެން ކުރުވި ކައިވެއްޏެއް ކަމުގައި ވެސް ހޫދު ބުއްޏެވެ. އެދުވަހުން ސުރެ އެފިރިހެންމީހާ ދަނީ ހައިފާއަށް އަނިޔާކޮށް އެހެން ފިރިހެނުންނަށް އޭނާ ވިއްކަމުން ކަމުގައި ހޫދު ބުންޏެވެ.
އޭނާ އާއި ހިތްހެޔޮކަމާއެކު މީހަކު ވާހަކަ ދައްކާލިޔަސް އެދުވަހަކު ހިސާބުގަނޑުން އިވޭނީ އެފަކީރުގެ ރުއިމާ ގިސްލުމުގެ އަޑެވެ. އެހެންވެ މީހުން އޭނާއާއި ވާހަކަ ދައްކައެއް ނޫޅެއެވެ. މިހެން ކަންތައް ވުމުގެ ސަބަބުން ހައިފާ އެކަމާ ވިސްނާ ވިސްނާ މިއަދު އޭނާއަކީ ސިކުޑި ހަމަ ނުޖެހޭ ގޮތެއް ހުންނަ ކުއްޖެކެވެ. މިހުންނާއި ވާހަކަ ދައްކައެއް ނޫޅެއެވެ. އޭނާ ލޯބި ކުރަނީ އެކަނިވެރި ކަމަށްށެވެ. އެއްވެސް މީހަކަށް އޭނާ އިތުބާރެއް ނުކުރެއެވެ." އަސީލް އަށް މިރަށަށް ތިއާދެވުނީ މާލަސްވިފަހުން." ހޫދުގެ އެޖުމުލަ އަޑުއިވުމުން އަހަންނަށް ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ މާލަސް ވެއްޖެ އެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް