ފޭސްބުކްގައި ހިންގާ ދިވެހި އެތީސްޓު ޕޭޖުން ސަލާމަތްވެވޭނޭ ހަމަ އެކަނި ގޮތް !

ފޭސްބުކް ސްކްރޯލް ކޮށްލާއިރަށް އެ ޕޭޖުގެ ޕޯސްޓެއް ފެންނާނެ އެވެ. ދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم އަށާއި މާތް ﷲ އަށް ފުރައްސާރަކޮށް އެތައް ޕޯސްޓެއް އެ ޕޭޖެއްގައި އަނ...

31 May 2017 | 23:47

ފޭސްބުކް ސްކްރޯލް ކޮށްލާއިރަށް އެ ޕޭޖުގެ ޕޯސްޓެއް ފެންނާނެ އެވެ. ދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم އަށާއި މާތް ﷲ އަށް ފުރައްސާރަކޮށް އެތައް ޕޯސްޓެއް އެ ޕޭޖެއްގައި އަންނަނީ ޖަހަމުންނެވެ. އަދި އެ ޕޭޖްގެ ޕޯސްޓްތައް އަހަރެމެން ދިވެހީންގެ ފޭސްބުކް ވޯލްގައި އަންނަނީ ދައުރުވަމުންނެވެ.

އެ ޕޭޖެއް ހިންގަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު އެ ޕޭޖާއި ދެކޮޅަށް އެތައް ދިވެހީންނެއް އެކި ގޮތް ގޮތަށް އަޑު އުފުލައިފިވެސް މެ އެވެ. އެތައް ދިވެހީންނެއް ރިޕޯޓްވެސް ކޮށްފި މެ އެވެ. ނަމަވެސް ވީކަމެއް، ވާކަމެއް ހަތްހަރާމުން ހަރާމެވެ.

އެ ޕޭޖަށް ވީކަމެއް ނެތް އިރު އަހަރެމެންގެ ވޯލްތަކުން ކޮންމެ ދުވަހަކުހެން އެ ޕޭޖްގެ ޕޯސްޓްތައް މިދަނީ ފެންނަމުންނެވެ. އެތައް ބަޔަކު ރުޅި ގަދަވެ އެ ޕޯސްޓްތަކަށް މިދަނީ ރައްދު ދެމުންނެވެ. މި ކުރެވެނީ ކީއްކަން އެނގޭހެއްޔެވެ. ނޭނގުމެއްގެ ތެރޭގައި ތިބެ ނަމަވެސް އަހަރެމެންނަށް މި ކުރެވޭ ކަމަކީ އެ ޕޭޖް ޕްރޮމޯޓް ކުރުމެވެ.

ވިސްނާލާށެވެ. އެ ޕޭޖްގެ ޕޯސްޓެއް، ފޭކު އައިޑީއަކުން ހަމަ ލާއިރަށް އަހަރެމެން އެބަ އެއްޗެހި ކިޔާ ރައްދުދީ ކޮމެންޓް ކޮށް ހަދަމެވެ. އެހެން ހެދުމުން ވާހާވެސް ކަމަކީ ތިމާގެ ފޭސްބުކް ރަށްޓެހިންނަށްވެސް އެ ޕޭޖްގެ ޕޯސްޓްތައް ފެންނަގޮތް ވަނީ އެވެ. އެއްވެސް ކަމަކުން ކަމަކާ ނުލާ އެ ޕޭޖްގެ ޕޯސްޓްތައް ޕްރޮމޯޓްވަނީ އެވެ.

ކިޔުންތެރީން ސުވާލު ކޮށްފާނެ އެވެ. ދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم އަށާއި މާތް ﷲ އަށް ފުރައްސާރަކޮށް އެތައް ޕޯސްޓެއް އެ ޕޭޖްގައި ޖަހާއިރު ހަމަ އަނގައިންވެސް ނުބުނެ ތިބެންވީހެއްޔެވެ؟.

-----------

ނޫނެކެވެ. ދީނުގެ ދިފާއުގައި ވާހަކަވެސް ދައްކަން ވާނެ އެވެ. ނަމަވެސް ވިސްނާލާށެވެ. އެ ޕޯސްޓްތަކަށް ރައްދުދީ ކޮމެންޓްކޮށްގެން އަދި އެ ޕޭޖާއި ޕޭޖުގެ ޕޯސްޓްތައް ރިޕޯޓް ކޮށްގެން އެއްވެސް ކަމެއް ހާސިލު ވެއްޖެ ހެއްޔެވެ.؟ ނުވެ އެވެ. އަދި ވާނޭ ކަމަކަށްވެސް ނުބެލެވެ އެވެ. ވީއިރު ހައްލަކީ ކޮބައިހެއްޔެވެ.؟

ހައްލަކީ އެ ޕޭޖަށް ލައިކް ކޮށްފައި ތިބި އެންމެހާ ދިވެހީން އެ ޕޭޖް އަންލައިކް ކޮށް، ބްލޮކް ކޮށްލުމެވެ. އެ ޕޭޖްގެ ޕޯސްޓްތައް ޕްރޮމޯޓް ކުރުމަށް ހަދާފައިޥާ އައިޑީތައް ބްލޮކް ކޮށްލުމެވެ. ފެނުނަސް ރައްދު ނުދިނުމެވެ. އިސާހިތަކު އަހަރެމެންގެ ފޭސްބުކް ވޯލްތަކުން އެ ޕޯސްޓްތައް ގެއްލެން ފަށާފާނެ އެވެ. އެ ޕޭޖް ހިންގާ ބައެއްގެ ރޭވުން ނާކާމިޔާބުވެ ފިސާރި ރަނގަޅަށް ރާޑިވެދާނެ އެވެ. އެ ޕޭޖުން ސަލާމަތްވެވޭނެ ހަމަ އެކަނި ގޮތަކީ މިއީ ކަމުގައި ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް