އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށް ބުނެ މަހަރާއި ހީލަތުން މީހެއްގެ އަތުން 30000 ރުފިޔާ ނެގި މީހަކު ފަސް އަހަރާއި ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މަކަރާއި ހީލަތް ހެދުމުގެ މި މައްސަލައާ ގުޅިގެން އިއްޔެ ޙުކުމްކޮށްފައިވަނީ ސ. މަރަދޫ، ނަޔާ، މުޙައްމަދު ނަޒީލް (36އ) ގެ މައްޗަށެވެ.
ދަޢުލަތުން އޭނާގެ މައްޗަށް ދިހަހާސް ރުފިޔާއިން މަތީގެ ޢަދަދެއްގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށުދަޢުވާ އުފުލުލާފައިވަނީ، އޭނާ2010 ވަނަ އަހަރު، ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްދޭނެކަމަށް ބުނެ، މީހެއްގެ އަތުން 30،000 ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، މުޙައްމަދު ނަޒީލް ޝަރީޢަތުގެ މަޖިލީހުގައި މި ދަޢުވާއަށް އިޢުތިރާފް ވެފައިވާކަމަށެވެ. އެހެންކަމުން، މަކަރާއި ހީލަތް ހެދުމުގެ ކުށުން މުޙައްމަދު ނަޒީލް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މި ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ތިން ވަނަ ފަހަރު ކަމަށްވާތީ ތިން އަހަރު ދުވަސް، މަކަރާއި ހީލަތް ހަދާފައިވަނީ ދިހަހާސް ރުފިޔާއިން މަތީ ޢަދަދަކުން ކަމަށްވާތީ ދެ އަހަރާއި ހަ މަސްދުވަސް، އެކު ޖުމްލަ ފަސް އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް