ކަޅުއޮއްފުންމި ބަންނަން އެއް މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

މިނިވަން 50ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަޅުއޮށްފުންމި ބަނުމުގެ މަސައްކަތް އެއް މިލިއަން ރުފިޔާ އަށް މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖް ޖަމިއްޔާ އާ މިއަދު ހަވާލުކޮށްފި އެވެ. ހޯމް މިނިސްޓްރީގަ...

01 Jun 2015 | 09:00

މިނިވަން 50ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަޅުއޮށްފުންމި ބަނުމުގެ މަސައްކަތް އެއް މިލިއަން ރުފިޔާ އަށް މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖް ޖަމިއްޔާ އާ މިއަދު ހަވާލުކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އެވެ. މެރިޓައިމް ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުހައްމަދު ހަލީމެވެ.

ހޯމް މިނިސްޓްރީން ބުނީ ކަޅުއޮއްފުންމި ބަނުމަށް މިއަދު ވި އެއްބަސްވުމުގެ ދަށުން އޮޑި ބަނުމަށޤ ފަހު މާލެ ގެންނާނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އެ އޮޑި ބަނުމަށް ނިންމާފައިވަނީ ބ. މާޅޮހުގަ އެވެ.

ހުސެއިން ސޮލާހުއްދީން ލިއުއްވި ބޮޑުތަކުރުފާނު ވާހަކަ އާއި ބުރަހަދު މުހައްމަދު ފުޅު ކިޔައިދީފައިވާ ގޮތަށް ލިއެފައިވާ ފޮތަކުން މައުލޫމާތު ނަގައިގެން ބަނުމަށް ނިންމާފައިވާ ކަޅު އޮއްފުންމީގައި 54 ފޫޓު ހުންނާނެ އެވެ. އޮޑީގެ މަސައްކަތް ނިންމުމަށް ފަހު މާލެ ގެނެސް ސަލްޓަންޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ޓެސްޓް ދަތުރު މާލެ ފަށައިގެން ކުރަން ވަނީ ނިންމާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ސަލީމް ވިދާޅުވީ ކަޅުއޮށްފުންމި ބަނުމަށް މެރިޓައިމް ޖަމިއްޔާ އިން ވަނީ ވަރަށް ގިނަ ދިރާސާތަކެއްކޮށްފަ އެވެ. އެ ޖަމިއްޔާ އަށް ފައިސާ އެހީއެއް ދެނީ އެ އޮޑި ބަންނަ ވަޑިންނާއިި ސާމާނަށް ކަމަށާއި އެއީ އެފަދަ މަސައްކަތެއްގެ އުޖޫރަ ނޫން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ކަޅުއޮށްފުންމި ބަނުމުގެ ހިޔާލަކީ މިނިވަން 50 ފާހަގަކުރަން ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ހިޔާލު ހޯދަން ދަރުބާރުގޭގައި ބޭއްވި ފޯރަމްގެ ތެރެއިން ހުށަހެޅި ކަމެކެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް