ބައިނަލްއަގްވާމީ މަސްރަހަށް އަންނަ ލޮޅުންތަކަށް ދީލާލުމެއްނެތި ރާއްޖޭގެ އަމާޒަކީ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދިއުން: ވަޒީރު ފައިސަލް

ބައިނަލްއަގްވާމީ މަސްރަހުގައި އަންނަ އެކި ލޮޅުންތަކާއި ސަރަހައްދީ ސިޔާސީ މަސްރަހަށް ދީލާލާ މަޑުޖެހުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަށް ގެންދިއުން ކަމުގައި...

01 May 2024 | 05:02

ބައިނަލްއަގްވާމީ މަސްރަހުގައި އަންނަ އެކި ލޮޅުންތަކާއި ސަރަހައްދީ ސިޔާސީ މަސްރަހަށް ދީލާލާ މަޑުޖެހުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަށް ގެންދިއުން ކަމުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ޚަބަރުތަކާއި މަޢުލޫމާތު ގެނެސްދޭ މެދުއިރުމަތީގެ މީޑިއާ އޭޖެންސީއެއްކަމުގައިވާ "ޓްރެވަލް އެންޑް ޓޫރިޒަމް ނިއުސް، މިޑްލް އީސްޓް" (ޓީޓީއެން) އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ފައިސަލް ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރު ރާއްޖެ ދެ މިލިޔަން ފަތުރުވެރިންނަށް މަރުޙަބާ ދަންނަވަން އަމާޒު ހިފާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް ބޮޑުކުރުމަށް ކުރިއަށްގެންދެވޭ މަޝްރޫޢު މުހިންމު ރޯލެއް އަދާކުރާނެ ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އެކަން ނިންމާލެވި ނަތީޖާއެއްގެ ގޮތުން ފަތުރުވެރިންގެ އަދަދުވެސް އެއާއެކު ގުނަކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ 85 ނުވަތަ 90 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަން ކަމުގައި ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިވަގުތަށް ހައްލުކުރަން ކުރިމަތީގައި އޮތް އެއް މައްސަލައަކީ ފަތުރުވެރިކަމަށް ރަށްތަކެއް ދޫކުރެވި އެ ރަށްތައް އޮޕަރޭޝަނަށް ނުގެނެވި އޮތް އޮތުން ކަމަށެވެ. އެގޮތުން ދޫކޮށްފައިވާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 63 ރަށެއް އޮތް އިރު އެ ރަށްތަށް އޮޕަރޭޝަނަށް ގެނައުމަކީ މި ސަރުކާރުގެ އަދި މިނިސްޓަރުގެ އަމާޒެއް ކަމަށާއި އަދި އެކަމުގެ މަސައްކަތް މިހާރު ފެށި އެ ފަރާތްތަކާއެކު ކުރިއަށް އޮތް ދެ މަސް ތިން މަސް ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ރޮނގުން އިންސާނީ ވަސީލަތް ބިނާކޮށް ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނު ކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ފައިސަލް ވިދާޅުވިއެވެ. އެގޮތުން ހޮޓެލް ސްކޫލެއް ތަރައްގީ ކުރެވި މި ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޒަމާންވީ މާކެޓްތަކަށް ފޯކަސް ކުރުމުގެ އިތުރުން އާ މާކެޓްތަކަށްވެސް ފޯކަސް ކުރެވެމުން އަންނަ ކަމަށާއި އެގޮތުން ތުރުކީ އެފަދަ އެއް މާކެޓް ކަމަށެވެ. ތުރުކީއިން ނިމިދިޔަ އަހަރު އަށް ހާހަށްވުރެ ގިނަ ފަތުރުވެރިން ނިމިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މި އަހަރު އެ އަދަދު ގުނަކުރުމަށް މަސައްކަތް ކުރެވެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް