ޗާގޯސް މައްސަލައިގާ ދެ ދުވަސް ފަހުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްޗެއް ވިދާޅުވެއްޖެއެވެ.
އެގޮތުން ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި ( އިޓްލޮސްއިން) އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމުގައި ގާސިމް ދެކެލައްވާކަމަށެވެ.
"ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވެއެވެ. މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯއެވެ؟" ސަރުކާރު ކުށްވެރިކުރަން ނުކެރި މާ ނޫންގޮތަކަށް ގާސިމް ސުވާލު އުފައްދަވާފައިވެއެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަޙައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ޖޭޕީން ތާއީދު ނުކުރާނެކަމަށާއި އެހެންކަމުން އިޓްލޮސް ގެ މި ޙުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނިކުމެ ތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް