ގައުމިއްޔަތޭ ކިޔަން ނާޒިމް ރަނގަޅު ނޫންކަމުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އިއްޔެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސޯލިހް އިސްތިއުފާ ދެއްވަންޖެހޭކަމުގައި އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވާއިރު އެކަމަށް ޝުޖާއު ދެއްވި ރައްދެއްގައެވެ.
އެ ރައްދުގައި، ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއްގެ މައްޗަށް އެއްވެސް ހައިސިއްޔަތެއް ނެތި އިސްތިއުފާ ދޭންޖެނޭކަމަށް އިންޒާރު ދިން މީހަކު ގައުމިއްޔަތޭ ކިޔަނީ ކީއްކުރަންތޯ ޝުޖާއު ސުވާލު އުފައްދަވާފައިވެއެވެ.
މީގެ އިތުރުން، މަޖިލިސް މެންބަރުން މަސް ވަތުން ނަގާ އުކިހެން މަޖިލީހުން އުކީ ނާޒިމް ނޫންތޯ ސުވާލުކުރުމަށްފަހު، ދެން ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯވެސް ޝުޖާއު ސުވާލު އުފައްދަވާފައިވެއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނައިބު ރައީސްކަންވެސް ކުރިން ކުރެއްވި ޝުޖާއު ނާޒިމަށް މި ރައްދު ދެއްވާފައިވާއިރު ނާޒިމަކީވެސް އަދި ޝުޖާއުއަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައިވާ ދެ ފަރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް