މާރިޔާގެ ދައުވަތަކަށް އިންޑިއާގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ، ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދަޢުވަތަކަށް ކުރައްވާ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އިންޑިއާގެ ދިފާޢީ ވަޒ...

01 May 2023 | 10:49

އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ، ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދަޢުވަތަކަށް ކުރައްވާ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ދިފާޢީ ވަޒީރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާޢީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި މިދަތުރުފުޅުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ޙަވާލު ކުރުމާއި، އުތުރުތިލަފަޅުގައި ޤާއިމްކުރާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބަނދަރާއި ޑޮކްޔާޑުގެ މަސްރޫޢު އިފްތިތާޙް ކޮށްދެއްވުމަށް ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި އެމްއެންޑީއެފްއަށް ލޭންޑިންގ ކްރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ދިފާޢީ ވަޒީރު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

މި ދަތުރުޅަކީ، އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ޒަމާންވީ ދިފާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ރާއްޖެއިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް