ތ. ހިރިލަންދޫގައި އާންމުން ނިކުމެ ހިންގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެ ފަރުވާދެމުން އެބަ ގެންދެއެވެ.
ފުލުހުން ބުނެފައިވަނީ އެ ރަށު ގެއެއްގެ ތެރެއަށްވަދެ މާރާމާރީއެއް ހިންގާފައިވާކަމަށް ރޭ 22:15 ހާއިރު މައްސަލަ ހުށަހެޅި ކަމަށާއި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެ އިތުރު ފަރުވާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީ ހިންގީ އެ ރަށުގެ އާންމުންގެ ގިނަ ބަޔަކު ނިކުމެއެވެ. އާންމުންގެ ގިނަ ބަޔަކު ނިކުމެ މިގޮތަށް މާރާމާރީ ހިންގީ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމުގެ ކަންތައް ބޮޑުވެ އެކަމާއި ދެކޮޅަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާރާމާރީ ހިންގީ މަސްތުވާތަކެތީގެ ވިޔަފާރި އެ ރަށުގައި ކުރާ އެހެން ރަށަކަށް ނިސްބަތްވާ މީހަކާއި ދެކޮޅަށެވެ. ފުލުހުން އެމީހާ އެ ރަށުން މިހާރު ބާލާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މާރާމާރީއާއި ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުގެ އަމާންކަން ނަގާލަން މަސައްކަތްކުރި 36 އަހަރުގެ މީހަކާއި 32 އަހަރުގެ މިހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ހައްޔަރުކުރި އެކަކު މީގެ ދެ ދުވަސްކުރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ހުއްޓުވަން ހެދޭނެ އޮތީ ދެގޮތެއް ކަމަށާއި އެއް ގޮތަކީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކު ކުރެވޭ މީހުން ރަށުން ބޭލުން އަދި އަނެއް ގޮތަކީ ފުލުހުން ރަށުން ބޭލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް