ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ގެ ބާރު ހިނގާ މުއައްސަސާއެއްގެ ދަށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވުމަކީ ކަންބޮޑުވުމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ މަސައްކަތް ތެރިންގެ ދުވަސް ނުވަތަ މޭޑޭ އާއި ގުޅިގެން އިމްރާން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މާފުށީ ޖަލާއި ކަރެކްޝަނަލް ސާވިސް އަކީ ހޯމް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ތަންތަނެވެ.
ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޔާމީނާއި ގުޅޭގޮތުން އިމްރާން ބަސްމަގު ގެންގުޅުއްވާ ގޮތުން ކޮންމެފަދަ ކަމެއްވެސް ޔާމީނަށް ކޮށްފާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިމްރާން މަގާމު ހޯދާށާއި މަގާމުގެ ދިފާއުގައި ހަމަކޮށްމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ.
އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަހުމަތުން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރު ކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި ހިތްވަރާއި އެއްބައިވަންތަ ކަމުން ކަމަށެވެ. އިމްރާން އިޝާރާތް ކުރެއްވީ އޭނާ އިސްވެ ހުންނަވައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން2015 ވަނަ އަހަރުގެ މޭޑޭގައި މުޅި ރާއްޖޭގައި ކުރި ބޮޑު މުޒާހަރާ އަށެވެ.
އިމްރާންގެ ޓުވީޓުގައި ވިދާޅުވީ އަނިޔާވެރިންނާއި އެފަދަ މީހުންނަށް ތާއީދު ކުރާ މީހުންނަށް ގަބޫލު ނުކުރެވުނަސް މޭޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށެވެ.
އެ މުޒާހަރާ އާއި ގުޅިގެން މިނިސްޓަރު އިމްރާނަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލިއެވެ. އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ނުވި ހިސާބުން ހުށަހެޅުނު އިސްތިއުނާފުތަކުގައި އެ މުޒާހަރާ އާއި ގުޅިގެން ޖަލަށްލީ ސިޔާސީ ގިނަ ކުށްވެރިން ވަނީ މިނިވަން ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް