ސިޔާސީ ނުފޫޒުން ނޫން ގޮތަކަށް ރާއްޖޭގައި މިހާރު ވަޒީފާ ލިބެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މިަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ހިއްސާކޮށް ޓްވިޓާގައި ފޮނުއްވި މެސެޖެއްގައެވެ.
މަސައްކަތްތެރިންގެ މެދުގައި އޮތް ކަންބޮޑުވުމަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދުމަކީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.
އަދި އެކަން އެހެންވާން ޖެހިފައިވަނީ މިހާރު އޮތް ސަގާފަތުގެ ތެރެއިން ސިޔާސީ ބާރުވެރިކަމެއް ހޯދުމުގެ ނިޔަތުގައި ނޫނީ ވަޒީފާ ލިބޭނެ ގޮތެއް ނެތުމުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާރުގެ ސަގާފަތް އޮތްގޮތުން މިއަދު މިވަނީ ވަޒީފާގެ ޔަޤީން ކަން ހޯދަން ޖެހިފައިކަމަށާއި ހަމައެހެންމެ އިންސާފުވެރި އުޖޫރަ ހޯދަން ޖެހިފައި ކަމަށާއި، އެންމެ ޤާބިލް މީހުންނަށް ދައުލަތުގެ އެކި ފަންތީގައި ލިބެންޖެހޭ ވަޒީފާ ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ކަންބޮޑުވުމާއިއެކު ނާޒިމް ފާހަގަ ކުރެއްވިއެވެ.
ނާޒިމްގެ ޓްވީޓްގައި ވަނީ ވަޒީފާ ލިބެނީ ސިޔާސީ ނުފޫޒުން ކަމަށާއި އެކަން ހުއްޓާލުމަށާއި މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނުނެގުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް