ޑޮކްޓަރުންގެ ތެރެއިން ސަރުކާރު ހޮސްޕިޓަލްނޫން އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އޭގެ ތަފްސީލްތައް ސަރުކާރުން އިއްޔެ އާންމު ކުރިއިރުއެވެ.
އެގޮތުން ދިވެހި ޑޮކްޓަރުންގެ ތެރެއިން ރޭންކް 10 އަކަށްވުރެ މަތީގެ ޑޮކްޓަރުން، ސަރުކާރުގެ ހޮސްޕިޓަލް ފިޔަވާ އެހެންތަނެއްގައި މަސައްކަތް ނުކުރާނަމަ މުސާރައިގެ އިތުރުން ހާއްސަ އެލަވަންސެން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިގޮތުން މި އެލަވަންސް ބޭނުންވާ ޑޮކްޓަރުން ވަޒީފާ އަދާކުރާ ސަރުކާރުގެ ހޮސްޕިޓަލްނޫން އިތުރު އެއްވެސް ތަނެއްގައި ހިދުމަތް ނުދިނުމަށް އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މީގެ އިތުރުން ސަރުކާރުން ހާމަކުރާ ގޮތުގައި ދޭނެ އެލަވަންސްގެ މިންވަރެއް ކަނޑައަޅާނީ ކޭސް ބައި ކޭސް އުސޫލުން ކަމަށެވެ.
ދިވެހި ޑޮކްޓަރުންގެ ތެރެއިން ރޭންކް 10 އަކަށްވުރެ މަތިން ގިންތި ކުރެވިފައިވާ ޑޮކްޓަރުންނަށް މީގެ ކުރިން ލިބޭ މުސާރައަކީ އިތުރު ގަޑީގެ ފައިސާއާއި އެކު 55،675 ރުފިޔާއެވެ. ނަމަވެސް އިއްޔެ ބޮޑު ކުރި މުސާރައިގެ އޮނިގަނޑާއެކު އެފަދަ ފަރާތްތަކަށް ދެން ލިބޭނީ 66،702 ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް