މަސައްކަތްތެރިންނަށް ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރަން ޖެހޭ: ރައީސް

ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރު ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމ...

01 May 2022 | 07:20

ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރު ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ހިތޯބުގައި އެވެ. އެ މަނިކުފާނު ވިދާޅުވީ މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކާއި، މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދަޢުރު ފާހަގަކުރައްވައި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތަޢުގައި ހުރިކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ޙައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ކަންކަމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ޚިލާފު ކަންތައްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފަށާފައިވާކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް