ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ދެކޮޅަށް ރައިޒް އަޕް މޫވްމަންޓުން އިންތިޒާމްކޮށް މިރޭ ބޭއްވި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މަޖީދީ މަގުގައި ކުރީގެ މާކަރީ ހޮޓާ ހުރި ސަރަޙައްދުގައި މި ހަރަކާތުގެ ޒުވާނުން އިށީނދެގެން ތިބުމުން ފުލުހުން ވަނީ އެފަރާތްތައް އެތަނުން ތެދުވުމަށް އަންގާފައެވެ. ނަމަވެސް ބައެއް ފަރާތްތައް އެތަނުން ނުތެދުވުމުން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.
ފުލުހުން ބޭނުންކުރަން ނުޖެހޭ ވަރަށް ބާރުގެ ބޭނުންކޮށްފައި ވެއެވެ.
އެގޮތުން އެއްވުމުގެ ބައެއް ބައިވެރިންގެ ގަޔަށް ފުލުހުން އަތްލައި، ހައްދެއް ނެތި ކަރުނަ ގޭސް ޖަހައި، ނޫސްވެރިންނަށް އަމާޒުކޮށް ހަޑިހުތުރު ބަސްތައްވެސް ވަނީ ބޭނުންކޮށްފައެވެ. އަދި އެ ސަރަޙައްދުން ވަނީ އެއްވުމުގެ 3 ބައިވެރިއެއް ވެސް ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަޙްމަދު އަޝްރަފް (ޝުންބާ ގޮންގް)ވެސް ހިމެނެއެވެ.
ޝުންބާގެ އިތުރުން ދެން ހައްޔަރުކުރީ ދެ އަންހެނުންނެވެ. އެ ތަނުން އެކަކު ހައްްޔަރަށް ގެންދިޔައިރު، އޭނާގެ ބުރުގާވެސް ބޭލިފައި ވެއެވެ.
މާފަންނު ރަސްފަންނު ބީޗް ސަރަޙައްދުން ފެށި މި އެއްވުމުގެ މިއެއްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލުގައި ޢާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވައިލުމެވެ.
އެއްވުން ފެށިގެން ކުރިއަށް ދިޔަ އިރު ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ. ފުލުހުން ހުރަސްއެޅީ އެއްވުމުގެ ބައިވެރިން މަޖީދީ މަހުން ހެންވޭރަށް ހިނގަން ފެށުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް