ވަޒީފާއަށް ބަދަލު ގެނެސް، ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދޭކަމުގެ ތުހުމަތުކޮށްފި

ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ އަމަލުތައް ސަރުކާރުން ހިންގަމުން ގެންދާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ. މިއަދު ފާހަގަ ކުރ...

01 May 2021 | 16:54

ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ އަމަލުތައް ސަރުކާރުން ހިންގަމުން ގެންދާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ މަސަައްކަތްތެރިންގެ ދުވަހާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ވައުދުތަކާއެކުގައި ކަން ފާހަގަކުރަމުން އިދިކޮޅު ކޯލިޝަނުން ބުނެފައިި ވަނީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށެވެ. ނަމަވެސް މިސަރުކާރު ގެ ވެރިކަމަށް ދެހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅި އޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިހްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަން ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ވަނީ ގެއްލިފައި ކަމަށާއި އަދި އެތައް މަސައްކަތްތެރިންނެއްގެ ވަޒީފާތައް ގެއްލި ނިކަމެތިވެ، މަގުމަތިވެފައިވާ ކަމަށެވެ. މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުވަނީ ފެއިލްވެފައި ކަމަށް އިދިކޮޅުން ބުނެ އެވެ.

ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ކައިރިއަށް ނުދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމުގައިވާ އެންމެ މަސައްކަތްތެރި މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި އާއިލާތައްދަނީ ނިކަމެތި ވަމުން ކަމަށް ވެސް އިދިކޮޅު ބަޔާނުގައިވެ އެވެ.

އިދިކޮޅުން ވަނީ ކޯވިޑް-19ގެ ހާލަތުގައި ރެޔާ ދުވާލު އިސްސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ހައްގު އުޖޫރައެއް ނުލިބޭ ކަމަށް ވެސް ބުނެފަ އެވެ. އަދި މިފަދަ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އިސްސަފުގައި މަސައްކަތް ކުރުމުން ދޭންޖެހޭ އެލަވަންސެއް ނުލިބޭ ކަމަށާއި ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ކޮންމެ މަހެއްގެ މުސާރަ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތި ކަމަށް ވެސް ބުނެ އެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލު ކުރަންޖެހިފައިވާ ބަޔަކީ މަސައްކަތްތެރިންކަން ފާހަގަކުރަމުން އިދިކޮޅުން ބުނެފައި ވަނީ އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިބި އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ އެކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދާ ދިނުމަށް ގޮވާލާ ކަމަށް ބުނެފައި ވެއެވެ.

އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެކަންކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކޮށް، ހަލުވި ސްޕީޑުގައި މަސައްކަތްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް