ހއ. ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ދިއްދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ދިއްދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެކެވެ. އެމީހާ އިއްޔެ ޑޮކްޓަރަށް ދެއްކި އިރު ޕޮސިޓިވްކަން އެނގުނީ މިއަދު ހަވީރު އެވެ.
އެޗްޕީއޭއިން ބުނީ ދިއްދޫއިން ފެނުނު ޕޮސިޓިވް ކޭސްއާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށެވެ.
ދިއްދޫގެ އިތުރުން ކޯވިޑް ކޭސްތަކާއި ގުޅިގެން މިއަދު ވަނީ މުޅި އައްޑޫ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ދެން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އދ. ދަނގެއްޗެވެ.
ކޯވިޑް ކޭސްތަކާއި ގުޅިގެން މިހާރު 22 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް