އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލް ގެ ޕާޓްނަރޝިޕާއެކު، އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަށައިފިއެވެ.
މަނީގްރާމް އިންޓަރނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ. އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެއެވެ. މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ޚިދުމަތަށް ރިއާޔަތް ކޮށްފައެވެ.
މި ހިދުމަތާއި ގުޅޭގޮތުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ، ޚާލިދް އަލް- ހަމާދީ ވިދާޅުވީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އަދި މަނީގްރާމްއާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ރާއްޖޭގައި މިއަދު މިފެށުނުއިރު ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ކަމަށެވެ. މި ޑިޖިޓަލް ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެކަމަށް ޔަގީންކުރާކަމަށެވެ.
"މި ޚިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ރަގަޅަށް ދިނުމުގައި މަގުފަހިވާނެ ކަމެކެވެ. ދިވެހިން އަދި ދިވެހިރާއްޖޭގައި ޑިޖިޓަލް މާލީ ޚިދުމަތްތައް ކުރިއަރުވާ، މި ޚިދުމަތްތަކަކީ އެންމެނަށް ފަސޭހަކަމާއެކު ލިބޭ ޚިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫއިން ދާނީ މަސައްކަތްކުރަމުންނެވެ." އޭނާ ވިދާޅުވިއެވެ.
މަނީގްރާމް އަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މްނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ޚިދުމަތްދިނުމުގެ މަސައްކަތުގައި ކުރިއަށްދަމުންނެވެ.
މިކަމާއި ގުޅޭގޮތުން މަނީގްރާމް، ދެކުނު އޭސިއާގެ ރީޖަނަލް ހެޑް، ނަވީދު އަޝްރަފު ވިދާޅުވީ އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމާއެކު ދިވެހިރާއްޖެއިން ފައިސާ ފޮނުވުމުގެ ޚިދުމަތް ފަހިވެގެން ދިޔައީ ކަމަށާއި ހަމަ މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެންދިޔައީކަމަށެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި އުރީދޫ މޯލްޑިވްސް އަށް ލައިސަންސް ލިބުމާއެކު ، އިންޓަނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް، އެމް-ފައިސާގެ ޚިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ޚިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އުރީދޫގެ ކަސްޓަމަރުންނަށް އީޖާދީ މާލީ ޚިދުމަތްތައް ފޯރުކޮށްދީ ދިވެހިރާއްޖޭގެ ލިބެމުންދާ ޑިޖިޓަލް މާލީ ޚިދުމަތްތައް އިތުރު ފުރިހަމަ ކަމާއެކު ދިވެހީންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް