ކުރުވާހަކަ: މާތް މީހާ

އަނދިރީގެ ތެރޭގައި އަހަރެން ހިނގަމުން ދިޔައީމެވެ. ގަސްތައް ބޯ ޖަންގަލި ތެރޭގައެވެ. އަހަރެންގެ މަގަށް އަލިކޮށްދެނީ މެދު އުޑުގައި ތަރިތަކުގެ ދަރުބާރުގައި ރަނިކަން ކުރަމުން އައި ހުޅެވި ހަނދެވެ. މިލަ ހަނދ...

01 Apr 2024 | 06:39

އަނދިރީގެ ތެރޭގައި އަހަރެން ހިނގަމުން ދިޔައީމެވެ. ގަސްތައް ބޯ ޖަންގަލި ތެރޭގައެވެ. އަހަރެންގެ މަގަށް އަލިކޮށްދެނީ މެދު އުޑުގައި ތަރިތަކުގެ ދަރުބާރުގައި ރަނިކަން ކުރަމުން އައި ހުޅެވި ހަނދެވެ. މިލަ ހަނދުވަރުގެ އަލި ފިޔަވައި އެއްވެސް އަލިކަމެއް ނެތެވެ. ވަށައިގެން ފެންނަނީ ފަޅު ކަމާއި ހަމަހިމޭން ކަމެވެ. ވިނަތަކާއި ބޯގަސްތަކުގެ ތެރެއިން ފަނިގޮވާ ތޫލި އަޑެއް ފިޔަވައި އެހެން އަޑެއް ނެތެވެ. ވައިރޯޅިއެއް ނުވާ މިމާހައުލުގައި ވަށައިގެންވާ މަންޒަރު ފެންނަނީ ހުނަރުވެރި ކުރެހުންތެރިއަކު އޭނާގެ ފިހިން ކުރަހާފައިވާ ރީތި ކުރެހުމެއްގެ ސިފައިގައެވެ.

އަހަރެންގެ އެއް އަތުގައި އޮތީ ދިގު ވާގަނޑެކެވެ. ފަލަ ރޯނުވަލުގެ ވާގަނޑެކެވެ. އަނެއް އަތުގައި އޮތީ ދިގު ފިޔޮއްސެކެވެ. އަހަރެން އެކަނި މާއެކަނި މިދަނީ ހަނގުރާމައަކަށެވެ. އެހަނގުރާމައިގެ މުޖާހިދަކީވެސް އަދި ދުޝްމިނަކީވެސް އަހަރެންނެވެ. ދެވަނަ ފަރާތެއް ނޫނެވެ. އަހަރެން މިދަނީ، ދުނިޔަވީ މިހަޔާތުގައި އަހަރެންގެ ފާލަމުގެ ކޮޅަށެވެ. އެތަނުން އެނބުރި އައުމެއް ނުވާ ބިމަށް ކުރާ ދަތުރަށެވެ.

އަހަރެންގެ ގަސްތަކީ މިއެވެ. އަހަރެންގެ މިހަޔާތުގެ ދަތުރު، ރަށުގެ ބޯޖަންގަލީގައި ހުރި ބިޔަ ނިކަގަހާއި ހަމައަށް ނިންމާލުމެވެ. އަބަދީ ހަޔާތުގެ ދަތުރު އެގަހާއި ހިސާބުން ފެށުމެވެ. އެކަމަކު އެއީ ދާއިމީ ބަރުބާދެއް ނުވަތަ އާބާދެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ވަރުބަލިވީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އުންމީދުތައް ފުނޑުފުނޑުވީއެވެ. ހަތަރު އުދަރެސް ފެނުޖެހުނީ އެވެ. މިހަޔާތުން މަރުގެ ރަހައަށް މެނުވީ މިއަދު އަހަރެން ކުރާނެ އިންތިޒާރެއް ނެތީއެވެ.

އަހަރެންނަކީ، ކިޔެވުމުގައި މޮޅު މީހެކެވެ. ޚާއްސަކޮށް ދީނިއްޔާތަށެވެ. ރަށުމަދަރުސާގައި ކިޔެވި އިރުވެސް އަހަރެން އެންމެ މަތީ މާކުސް ގެންނަނީ ދީނިއްޔާތުންނެވެ. ކިޔަވައި ނިމުމަށްފަހު އަހަރެން ވީ އިސްލާމް މުދައްރިސަކަށެވެ. ރަށު ސްކޫލުގައި މިއަދާއި ހަމައަށް އަހަރެން ދަރިވަރުންނަށް ކިޔަވައިދިނީމެވެ. ދެން އެކަމަކު އެދުވަސް ވާނީ މާޒީގެ ތެރޭގައިވާ ދުވަހަކަށެވެ. އެހެނީ މިރެއަކަށް އަހަރެންގެ ހަޔާތަށް އިރެއް ނާރާނެއެވެ.

ދިރިއުޅުމުގައި އަހަރެން އެކަނިވެރިވީ އެވެ. ނުހަނު ކުޑައިރު މަންމަ މަރުވި ފަހުން އަހަރެން ދިރިއުޅުނީ ބައްޕަ އާއިއެކު ގައެވެ. ބައްޕައަކީ ހެޔޮ ރަނގަޅު މީހެކެވެ. މިއަދާއި ހަމައަށްވެސް އަހަރެން ދިރިހުރީ ބައްޕަ ދެއްކެވި މަގުގައެވެ. ބައްޕަ ދެއްވި ނަސޭހަތްތަކުގައި ހިފައިގެންނެވެ. އެކަމަކު މިއަދަކު ބައްޕައެއް ނެތެވެ.

ރަށުން މީހަކާއި އިނދެ ދިރިއުޅެން ފެށީ އުފާވެރި ހަޔާތަކަށް އުންމީދުކޮށްގެންނެވެ. އަހަރެން ސަފިއްޔާ އަކާއި ރައްޓެއްސެވެސް ނުވަމެވެ. ފުރަތަމަވެސް އޭނާގެ ގާތަށް އިންނަން ފޮނުވީއެވެ. އޭނާއަކީ ރަނގަޅު ރީތި ކުއްޖަކަށް ވާނެ ކަމުގައި ދެކިގެންނެވެ. އެކަމަކު އެއީ އަހަރެން ބިނާ ކުރަމުން އައި ދިރިއުޅުމުގެ ހަލާކުކަން އަހަރެންނަށް އެނގުނު ނަމަ އަހަރެން އެކައިވެންޏެއް ނުކުރީމުހެވެ.

ސަފިއްޔާ އާއި އަހަރެން އިން ފުރަތަމަ ރޭ އަހަރެންގެ ހިތް ހަލާކުވީއެވެ. އަލަތުކައިވެނީގެ ފުރަތަމަ ރޭ އޭނާ އަހަރެންގާތުގައި ވީ އިއުތިރާފުންނެވެ. އޭނާ އަކީ އިއްފަތްތެރި އަންހެނެއް ނޫންކަން އެނގުނީމައެވެ. އޭނާގެ އަބުރު ގެއްލިފައިވާ ކަން އެނގުނީމައެވެ. އެކަމަކު އެހަޤީޤަތަށް އަހަރެން ލޯ މަރާލީ ދުނިޔޭގެ ލަދަށެވެ. އޭނާ ވަރިކޮށްފިނަމަ ކުރިމަތިވާނޭ ސުވާލުތަކަށް ދޭނޭ ޖަވާބެއް އަހަރެންނަށް ނެތީމައެވެ. އަހަރެންނަށް އޭނާ އާއި އިނދެވުނީމައެވެ.

އަހަރެން އަހަރެންގެ ދަރިވަރުންގެ ކަންފަތުގައި ވިރުވައި އަޅައި ދިނީމެވެ. ހައްލު ނުވާނޭ މައްސަލައެއް ދިމައެއް ނުވާނެއެވެ. ވަރި އަކީ ކައިވެނީގެ ގޮށުގައި ޖެހޭ މައްސަލަ ތަކުގެ ހައްލެއް ނޫންކަމެވެ. އެކަމަކު އަހަރެންގެ ފަލްސަފާ މުޅިން ރަނގަޅު ނޫންކަން މިއަދު އަހަރެންގެ ހަޔާތުގެ ތަޖުރިބާއިން އެކުދިންނަށް މާދަމާ އެނގޭނެއެވެ.

އަހަރެން އޭނާއަށް މަޢާފްދީ ފުރުސަތެއް ދިނީ އެކުގައި ދިރިއުޅޭށެވެ. އުފާވެރި ހަޔާތެއް އާބާދުކުރާށެވެ. އަހަރެމެންނަށް ދެކުދީންވެސް ލިބުނީ އަހަރު ދެކޮޅުގައެވެ. ހަޔާތުގެ ބުރަ ކަމާއި ދިރިއުޅުމުގެ ދަތިކަން އޭނާއާއި އެކު ވޭތުކުރި ކޮންމެ ދުވަހެއްގައި އަހަރެންނަށް އައީ ބޮޑުވަމުންނެވެ. އެހެނަސް އަހަރެން ބެލީ ކެތް ކުރެވޭތޯއެވެ. މިރެއާއި ހަމައަށްވެސް ދެކޭމީހުންނަށް އަހަރެން ފެންނާނީ ހިތްހަމަޖެހިގެން ދިރިއުޅޭ މީހެއްގެ ގޮތުގައެވެ. އެކަމަކު އަހަރެންގެ ހިތުގައި އަނދާ ގިންޏާއި އެހިތްވެފައިވާ ޒަޚަމް އަހަރެންގެ މޫނަކުން އެމީހުންނަކަށް ނުފެންނާނެއެވެ.

އަހަރެން ބުރަ މަސައްކަތުން ލާރި ހޯދައިދިނީމެވެ. އެކަމަކު އެލާރިން އޭނާ ކުރާ ބޭނުމެއް އަހަރެންނަކަށް ނޭނގުނެވެ. މަހުގެ ފުރަތަމަ ހަފްތާ ނިމޭއިރު ހުސްވާންޖެހޭ ސަބަބެއް ނޭނގެއެވެ. އަހަރެން ދަނޑުގޮވާން ކުރަން ފެށީވެސް އެސަބަބާއި ހެދިއެވެ. ވަޒީފާއިން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުނީމައެވެ.

ބޭންކުން ލޯނު ނެގީ އޭގައި ރިބާ އެކުލެވޭކަންވެސް އެނގިހުރެއެވެ. އެކަމަކު މަސައްކަތެއް ފަށާނެ ފައިސާ ހޯދާނެ އެހެން ގޮތެއް ނެތުމުންނެވެ. ފައިސާ އާއި ނުލައި ދިރިހުރެވެން ނެތުމުންނެވެ. ދުވާލު ހަތަރުދަމާއި ރޭގަނޑުވެސް އަހަރެން މަސައްކަތް ކުރަމެވެ. މިދަތި ކަމުން ސަލާމަތް ވުމަށެވެ.

ފަތިސް ނަމާދުކުރާ ގޮތަށް އަހަރެން ދަނީ ދަނޑަށެވެ. އެތަނުގެ މަސައްކަތަށް ފަހު ހެނދުނު 7 ޖަހާއިރު ދަނީ ސްކޫލަށެވެ. މެންދުރު 3 ޖެހީމާ ސްކޫލުން އަންނަ ގޮތަށް އައިސް އިރު އޮއްސެންދެން އުޅެނީ ދަނޑުގައެވެ. އިޝާނަމާދުން ފައިބައިގެން ދިހައެއް ޖަހަންދެން ގޭގެއަށް ގޮސް ކުދިންނަށް ޤުރުއާން ކިޔަވައިދެނީއެވެ. ސްކޫލުން އަހަރެންނަށް ލިބެނީ -/7000ރ އެވެ. ކުދިންނަށް ކިޔަވައިދީގެން -/1000ރ އެވެ. ދެމީހުންގެ ނަމުގައި 50 ހާސް ރުފިޔާގެ ލޯނެއް ނަގައިގެން ފެށި ދަނޑުވެރިކަމުން އެއްޗެއް ލިބޭ ގޮތެއް ނުވިއެވެ. މާލޭގައި ހުރި އިރު ކިޔަވަން ސަރުކާރުން ނެގި ލޯނުވެސް އަދާވެ ނުނިމޭތީ ސަރުކާރަށްވެސް ކޮންމެ މަހަކު ލާރި ދައްކަން ޖެހެއެވެ.

އަތްމަތި ދަތިވާތީ އަންހެނުން ހުންނާނީ ފުސް މޫނު ހަދާފައެވެ. ކައިވެންޏަށް އަހަރެއް ފުރުނު ފަހުން އަހަރެން އޭނާގެ މޫނަކު އަހަރެންނާއި މެދު ރުހުމުގެ ކުލައެއް ނުދެކެވެ. އަހަރެން ކައި ހަދަނީ އަމިއްލައަށް އަޅައިގެންނެވެ. ސްކޫލަށްދާން އެއްޗެހި އިސްތިރިކޮށް ހަދަނީވެސް ގިނަ ދުވަސް ދުވަހު އަމިއްލަ އަށެވެ. ކުދިންނާއި އެކު ނޫނީ އޭނާ ނުހޭލާނެއެވެ. ކުދިންނާއި އެކު އަރައި އޮށޯވެ ނިދާނެއެވެ. ފިރިއަކަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރިކަން އޭނާއަށް މިހާރު އެނގޭ ހެނެއް އަހަރެންނަކަށް ހިއެއް ނުވެއެވެ.

އޭނާ ބެލީ އަހަރެންނަކީ، ފައިސާ ނަގާ އޭޓީއެމް އެއް ކަމަށް ކަންނޭނގެއެވެ. އޭނާގެ މައިންބަފައިން ގެއަށް އަންނަ ކޮންމެ ދުވަހަކު އޭނާގެ މައިންބަފައިންނަށް ދޭން މަދުވެގެން 500 ރުފިޔާ ބޭނުންވާނެއެވެ. ނުދެވުނު ދުވަހަކު އަހަރެން ހުންނަންވާނީ ނުކައެވެ. ނުވަތަ ގެއަށް ނުވަދެއެވެ.

އޭނާގެ ކޮންމެ އަޅާލުން ކުޑަކަމެއް އަހަރެން ދުށީ ނުރުހުމުގެ ލޮލަކުން ނޫނެވެ. އޭނާ ވަޒިފާއަކަށް ނުދިޔަޔަސް ކުޑަދެކުދިން ބެލުމަކީ ބުރަކަމެއް ކަން އެނގޭތީއެވެ. އެކުދިންނަށް ކާންދިނުމާއި ފެންވެރުވުމާއި ކިޔަވައި ދިނުމަކީ ފަސޭހަ ކަމެއް ނޫންކަން ޤަބޫލު ކުރާތީއެވެ. އަމިއްލައަށް އަޅައިގެން ކާންޖެހުނަސް އަމިއްލައަށް ދޮވެ އިސްތިރިކުރަންޖެހުނަސް އެކަން އަހަރެން މައްސަލައެއްގެ ގޮތުގައި ނުދެކުނީ އެހެންވެއެވެ. އަހަރެން ހީކުރީ އަހަރެންގެ އޯގާތެރިކަމާއި ރަނގަޅުކަން އޭނާ ވިސްނާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ.

އަހަރެން އޭނާއަށް އެންމެ ޒަމާނީ ފޯނެއް ގަނެދިނީ އޭގައިޖެހި އޭނާ މަގުގެއްލި ދިރިއުޅުން ހަފުސްކޮށްލާނެ ކަމަކަށް ނޫނެވެ. އަހަރެން ހީކުރީ އެއަށްވުރެ އޭނާއަށް ވިސްނޭނެ ކަމަށެވެ. ހޭ ހުންނާނެކަމަށެވެ. އެކަމަކު އެހެން ނުވިކަންވެސް މިއެނގުނީ އޭނާގެ ސްކޫލު ދައުރުގެ ލޯބިވެރިއަކު އަދި މިހާރު ފަތްބޯ ގޮލަޔަކު އަހަރެން ބްލެކް މެއިލް ކުރަން ފެށުމުންނެވެ.

ފޯނު ގަނެދިން ފަހުން އަހަރެންނަށް އޭނާ ސަމާލުކަމެއް ނުލިބުނެވެ. އެކަމަކު އެއްކަމެއް ވިއެވެ. އޮއްސޭއިރާއި އެކު ކުދިންނާއި އެކު އަރައި އޮށޯވެ ނިދުން ހުއްޓުނެވެ. ރޭގަނޑު އަހަރެންނަށް ކާން ހަދައިދިނުން އާދަވިއެވެ. އެކަމަކު އޭގެ ފަހަތުން އައީ އެހެން ފިތުނައެކެވެ. އެއް އެނދުގައި އޮށޯވެ އަހަރެންނަށް ނިދޭއިރުވެސް އޭނާ އޮންނާނީ ފޯނަށް ގެއްލިފައެވެ. ސޯޝަލް މީޑިއާގެ ތެރޭގައެވެ.

އަންހެނުންނަށް ދެވުނު ފޯނަކީ ވިހައެއްކަން އަހަރެންނަށް އެނގުނީ ކުރީން ބުނި ފަތްބޯ ގޮލަޔާއި އޭނާ ވާހަކަ ދައްކައި ލޯބީގެ ވާހަކަތައް ދައްކައި ފޮނުވާފައިވާ ލަދުހަޔާތެއް ނެތް ފޮޓޯތައް ދެއްކުމުންނެވެ. އޭނާ އަހަރެންނަށް އިންޒާރުދިނީ ފައިސާ ދޭށެވެ. ނޫނީ އެފޮޓޯތަކާއި ޗެޓްލޮގްތައް އިންޓަނެޓަށް ލައި ލީކުކޮށްލާނެ ކަމަށެވެ. އަހަރެން މަޅިއެއްގައި ބެދުނީއެވެ. އެކަމަކު އެއީ އަހަރެންގެ އަތުން ޖެހި މަޅިއެއް ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

އަންހެނުންގެ ގާތުގައި އަހަރެން އެވާހަކައެއް ނުބުނަމެވެ. ދެނެހުރި ކަމަށް ނުހެދީ ކުޑަ ދެކުދީން ބެލޭނެ ގޮތެއް އަހަރެންނަށް ނެތުމުންނެވެ. ކޮންވެސް އެހެން ގޮތެއް ފެންނާނެ ކަމަށް އުންމީދުކޮށްގެންނެވެ. އެކަމަކު އެއްވެސް ގޮތެއް ނުފެނުނެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ދުނިޔެ އައީ ހުރިހާ ދިމާއަކުންވެސް ބެދެމުންނެވެ.

އޭނާއަށް އަހަރެން ފައިސާދޭން ޖެހުނީ ކޮންމެވެސް ބަހަނާއެއްގައި އެކި އެކި ރައްޓެހިން އަތުން ފައިސާ ހޯދައިގެންނެވެ. ގިނައިން ފައިސާ ނެގުނީ އެކުގައި އުޅޭ ޓީޗަރުންގެ އަތުންނެވެ. އޭނާއަށް ފައިސާ ދިނުން ނޫންގޮތެއް އަހަރެންނަށް ނެތީއެވެ. ހަތަރުމަސް ފާއިތުވި އިރު އަހަރެން ދަރަނިވެރިވެއްޖެއެވެ. މިއަނދަވަޅުން ސަލާމަތްވާނެކަމަށް އުންމީދުގެ ހުޅުކޮޅެއްވެސް ދިއްލުނެވެ. ދަނޑުރަނގަޅަށް ހެދެމުން އަންނާތީއެވެ. އަހަރެން ބުލެކްމެއިލް ކުރަމުން އައި ޝައިތާނު، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައެއްގައި ފުލުހަށް ގެންދިޔުމުންނެވެ.

އުންމީދުގެ އެހުޅުކޮޅުވެސް ނިވުނީ ހަމަ އެދުވަހު އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލުމުންނެވެ. ރޭގައި ޖެހުނު ގަދަ ކޮޅިގަނޑެއްގައި އެރި ވައިރޯޅިތަކެއްގައި މުޅިދަނޑު އެފުއްމިފުށަށް ޖެހި ހަލާކުވެގެން ދިޔުމުންނެވެ. ދަރަނިވެ ހަޔާތުގެ އުންމީދު މުޅިންގެއްލުނީއެވެ.

ހެއްދެވި ފަރާތަށް އަހަރެން ހާދަ ދުޢާއެއް ކުރީމެވެ. މިދަރަނިވެރިކަމުންނާއި އަނިޔާއިން ސަލާމަތްކުރެއްވުން އެދި ދުޢާދެންނެވީމެވެ. ކުރީން އަހަރެންނަކީ ފަސްވަގުތު ނާޅައި ނަމާދު ކުރި މީހެކެވެ. އެކަމަކު މިއަދު ދިރިއުޅުމުގެ ބުރަތަކުގެ ތެރޭގައި މިސްކިތަށް އެރޭވަރަށް ވުރެ ގިނައީ ނޭރޭ ފަހަރެވެ.

ވަލުތެރޭގެ ގަސްތަކުގެ ތެރެއިން އައިސް އަހަރެންނަށް މާނިކަ ގަހާއި ހަމައަށް އާދެވިއްޖެއެވެ. ހަޔާތުގެ ހިތި ހިތާމަވެރި ދަތުރު ދެން މިހިސާބަށް މިނިމުނީއެވެ. ފުންނޭވާއެއް ލެވުނީ އެކަން އިހުސާސްކުރަމުންނެވެ. ހުޅެވި ހަނދެއްގެ މިލަހަނދުވަރުގެ ތެރެއިން ކޮކާ ހަނދުވަރެއް ފެންނަން އޮތް ބިންމައްޗަށް އަހަރެން ބަލާލީމެވެ. ފައިދަށުގައި ގެނައި ވާގަނޑުގެ އެއްކޮޅު އަޅައިގަތުމުންނެވެ. ހިޔަންޏެއްވީހެން ހީވުމާއި އެކު ގަހުގައި ތިބި ވައުތައް ކީއްކީއް އަޑު ލައްވާލާފައި އުދުހިގެން ދިޔުމުން އަހަރެންގެ ހިތް ބިރުގަނެއްޖެއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ޝައިޠާނާ ވިސްނައިދިނެވެ. ގަންނަންވީ ކޮންބިރެއް ހެއްޔެވެ؟ އަހަރެން ހުރިހާ ބިރެއް ފަހަނަ އަޅައި މިހިސާބަށް މިއައީ ހަޔާތުގެ ހުރިހާ ބިރަކުން ދެން ސަލާމަތްވާށެވެ.

ގެނައި ވާގަނޑުގައި ރީތި ދަންމަޅިއެއް ޖަހާލީ އެކަމުގައިވެސް އަހަރެންނަކީ ހުނަރު ހުރި މީހެއްކަން މީހުންނަށް އެނގޭހާ މިންވަރަށެވެ. މަޅިޖަހާފައިވާ ވާގަނޑު ހިފައިގެ މާނިކަ ގަހަށް އަރަން ހިނގައިގަތުމުން ފައިދަށުވެ މުގުރިގެންދިޔަ މުރަނަ ފަތްތަކުގެ އަޑާއި އެކުވެ މީހަކު ސުބުޙާނައްﷲ އޭ ބުނި އަޑު އިވުނުހެން ހީވެގެން އަހަރެންހުއްޓެވުނެވެ.

ލޮލަށް ފެނުނު މަންޒަރު ޤަބޫލު ކުރާކަށް ފަސޭހައެއް ނޫނެވެ. ކައިރީގައި ހުރީ އަސާގަނޑެއްގެ އެހީގައި ކޮޅަށް ހުރި މުސްކުޅި ފިރިހެނެކެވެ. ބޮލުގައި ހުދު ފޮށައެއް އަޅާފައި އޮތް އިރު، ތުނބުޅި އާއި މަތިމަހާއި ބުމަވެސް ބޯކިރު ކޮޅެއްހާ ހުދެވެ. ލައިގެން ހުރީ އަރަބީން ލާކަހަލަ ދިގު ޖުއްބާއެކެވެ. އޭނާ ކުޑަކޮށް ހިންދެމިލާފައި، އަސާގަނޑުން ވައިގެތެރޭގައި ކުރަހާލީ ވައްބުރެކެވެ. އެއާއި އެކު އެވައްބުރުގެ ތެރެއިން ފެންނަންފެށީ އަހަރެންގެ މުސްތަޤުބަލެވެ.

"ދަރިފުޅާ އެވެ. މިދުވަސް ދެކެން ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނޫންހެއްޔެވެ؟" އޭނާ ބުނެލިއެވެ. އެވައްބުރު ތެރެއިން އަހަރެންނަށް ފެންނަނީ ސްކޫލުގެ އެސެމްބްލީ އޭރިޔާގައި އެސެމްބްލީގައި އަހަރެން ހުއްޓައެވެ. ދުވަސްވެ އަހަރެންގެ ތުނބުޅި ހުރީ ނުރަވެފައެވެ. އަހަރެން އެހުރި ތަނުގެ ގޮތުން އަހަރެން އެފެންނަނީ ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ކަން އެނގުނެވެ.

"ދަރިފުޅާއެވެ! އަދި މިދުވަސް ވެސް ނުދެކޭނަން ހެއްޔެވެ؟" އޭނާ އަނެއްކާ އަނެއް ބުރު ކުރަހާލަމުން ބުންޏެވެ. އެބުރުގެ ތެރެއިން ފެންނަމުން ދިޔައީ އަހަރެންގެ މިހާރުގެ ގެހުރި ބިމެވެ. ގަނޑުވަރެއްފަދަ ރީތި ބޮޑުގެއެއް އެބިމުގައި ހުރީތީއެވެ. އެގޭގައި އަހަރެން އުފަލުގައި އުޅޭތީއެވެ.

"އަދި މިދުވަސްވެސް މެއެވެ" އޭނާ އަނެއް ބުރު ކުރަހާލިއެވެ. އެބުރުގެ ތެރެއިން ފެންނަންފެށީ އަހަރެންގެ ދޮށީ ދަރިފުޅެވެ. އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ އެއްވަނަ ހިފައިގެން އޭނާ ސްޓޭޖުން މަތީގައި ހުއްޓައެވެ.

"ދެން މިދުވަސް ވެސް މެއެވެ". އަހަރެންނަށް އެބުރުގެ ތެރެއިން ފެނުނީ މާތްވެގެންވާ ގެފުޅެވެ. އެގެފުޅުގެ ވަށައިގެން އަހަރެން ޠަވާފްކޮށް ހައްޖުވާތީއެވެ. އަހަރެން ހައިރާންވިއެވެ. ސޮނި ވެއްޓުނެވެ. ތަލީން ކުޅުހިކުނެވެ.

އޭނާގެ އަސާގަނޑުން ވައިގެ ތެރޭގައި ސީދަލަށް ދަމާލި ރޮނގަކާއި އެކު އެހުރިހާ މަންޒަރެއް ގެއްލިއްޖެއެވެ. އެއާއެކު އޭނާ އަހަރެންނާއި ދިމާއަށް އެނބުރި ބުނަންފެށިއެވެ. "ދަރިފުޅާއެވެ! ދަރިފުޅަށް އިޚްތިޔާރު އެބައޮތެވެ. ތިޔަ ގަސްދުކޮށްގެން އައި ގޮތަށް ކަންކުރުމެވެ. ނުވަތަ ނުކުރުމެވެ. އެކަމަކު މިއަދުގެ ހިތާމައާއި މުސީބާތަށް ތިޔަ ކެތްނުކޮށް ދޫކޮށްލަނީ، މާދަމާގެ މިއުފާ ދެކެން ބޭނުން ނުވާތީ ހެއްޔެވެ؟ ދަރިފުޅާއެވެ! ދުނިޔެއަކީ މުސީބާތުން ހުސްވެގެންވާ ތަނެއް ނޫނެވެ. ރީތި އަމާން ތަނެއްގެ ގޮތުގައި ދުނިޔެ ފެންނާނީ އެފަދަ ރީތި ލޮލަކުން ދުނިޔެ ދެކޭ މީހާއަށެވެ." އެހެން ބުނެފައި އެބޭބެ ހިނގައިގަތެވެ. އޭނާ ދަނީކަން އެނގުމުން އަހަރެން ހައިރާންވެ ސުވާލު ކުރީމެވެ. "ތިޔައީ ކާކު ހެއްޔެވެ؟"

"އެއީ ކަލޭގެ ދުޢާއެވެ." ކޮންމެވެސް މީހަކު އެހެން ބުނި އަޑު އަހަރެންނަށް އިވުނެވެ. ދެން އެމީހާ ގެއްލުނީއެވެ.

މިފެނުނީ ހަގީގަތެއް ކަމެއް ޖިންނީގެ ކަމެއް ކަމެއް ޤަބޫލުކުރާކަށް އަހަރެންނަކަށް ނޭނގުނެވެ. ފާޑެއްގެ ގަބެއް ވެފައި ހުރެވުނީ އެވެ. އަހަރެން ކުރަން އައި ކަންތައްވެސް ހަނދާން ނެތުނީއެވެ. އުޑުމައްޗަށް ފެތުރެމުން ދިޔަ ވިލާތަކުން މުޅި އުޑުމަތި ބެއްދި އިރުވެސް އަހަރެންނަކަށް ނޭނގުނެވެ. ހޭވެރިކަންވީ ގަދަޔަށް ވިދާލި ވިދުވަރެއްގެ އައްޔަށެވެ.

އަހަރެންގެ ހިތާއި ނަފުސަށް އާދަޔާއި ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. އަލުން އުފަންވެ ދުނިޔެއަށް އައި ކަހަލައެވެ. ގޮނޑުދޮށަށް ފައިބާ މޫދު ލޮނުން ވުޟޫކޮށްގެން އައިސް އަހަރެން ތައުބާގެ ނަމާދު ކުރީ އެގަސްދަށުގައި އެމީހާ ފެނުނު ތަނުގައި ހުރެއެވެ. ބޯކޮށް ވާރޭ ވެހިގަތީ އަހަރެން ގެއްލެނިވެގެން ދިޔަ ނުދީ މަގުދެއްކެވި ކަމަށްޓަކައި ނަމާދަށްފަހު ދުޢާކުރަން ހުއްޓައެވެ.

އެއްގަމު މަގުން މީހުން އުޅޭ ހިސާބަށް ދާން ދަތިވާނެތީ ވާރޭގެ ތެރޭގައި އަހަރެން ގޮނޑުދޮށަށް ފޭބީ އެންމެ އަމާން މަގަކީ އެއީ ކަމަށް ވާތީއެވެ. އެކަމަކު ތަންގަނޑަކަށް ހިނގާފައި ދިޔަތަނުން، ދެވަންވެލީގައި ބީއްސަމުން ދިޔަ ރާޅުތަކުގެ ތެރޭގައި ހެލިހެލިއޮއްވައި އަހަރެންނަށް ފެނުނީ މާވަހަރެކެވެ. ހުދަން ބަރެކެވެ. އަހަރެންނަށް އެފެނުނީވެސް ވިދުވަރުގެ އަލީގައެވެ. އޭގައި ބައްދައިގެން އެހިފައިގެން ގެއަށް އައީ ހަމްދާ ސަނާގެ މަދަހަ ތަކުން ހެއްދެވި ފަރާތަށް ޒިކުރު ކުރަމުންނެވެ.

އެމާތްމީހާ އާއި އެކު އަހަރެންގެ ދިރިއުޅުން ބަދަލުވި އިރު އެރޭވީ އަހަރެންގެ ހަޔާތުގެ ހުރިހާބިރެއް ފިލި ރެއަކަށެވެ. އެރޭގެ އެކޮޅިގަނޑުގައި އަހަރެން ބުލެކް މެއިލްކުރަމުން ދިޔަ ކަލޭގެ ކަނޑަށް ވެއްޓި ގެއްލުނީއެވެ. އޭނާ ދޯންޏެއްގައި މާލެ ދަނިކޮށެވެ. އޭގެ އިތުރުން އެރޭ އެހެން ކަމެއްވެސް ހިނގިއެވެ. އެއީ އަހަރެންގެ ބޭވަފާތެރި އަނބިމީހާވެސް މެޔަކަށް ތަދުވެފައި ނިޔާވި ރެއެވެ. ރަށުގެ ގިނަމީހުން ޤަބޫލު ކުރީ އަހަރެންނަށް ބޮޑު މާވަހަރެއް ލިބި ކުއްލިއަކަށް މުއްސަނދިވާނެ ކަން އެނގި އަންހެނުންނަށް ހާޓްއެޓޭކެއް ޖެހުނީ ކަމަށެވެ. އެކަމާއި އަހަރެން ދެރަވެ ހިތާމައެއް ނުކުރަމެވެ. އެހެނީ ކޮންމެ ކަމެއްވެސް ކޮންމެ މީހަކާއި މެދު މިންވަރުވެވިގެން ވާނީ، އަންނަން އޮތް ހެޔޮ ނިއުމަތްތަކަކަށްޓަކައި ކަމުގައި އަހަރެން މިހާރު އިމާންވާތީއެވެ. މިއަދު އަހަރެން ޤަބޫލުކޮށް އީމާންވަމެވެ. އަމިއްލަ ފުރާނަ ދުއްވާލުމަކީ، އަބަދުގެ ހަލާކެވެ. އެއީ ތިމާގެ ހަޔާތުގައި އަންނަން އޮތް އުފާވެރި ދުވަސްތަކަށް ފުރަގަސްދިނުމެވެ. ދުނިޔެއަކީ، ސުވަރުގެއެއް ނޫނެވެ. އެހެންނަމަ މިތާނގައި އަހަރެމެންނަށް މުސީބާތްތަކަކާއި ކުރިމައްޗެއް ނުވީހެވެ. އަހަރެމެންނަށް އޮތީ ކެތްކުރުމެވެ. އަދި އޭގެ ފޮނި ނަތީޖާ ދުށުމެވެ.

އެރެއަށްފަހު އަހަރެން މިއުޅެނީ އުފަލުގައެވެ. އެރޭދުށް ކޮންމެ މަންޒަރެއް އެއްވެސް ތަފާތެއް ނެތި އަހަރެންގެ ލޮލުގެ ކުރިމަތީގައި ސީދާވެގެން އަންނާނެއެވެ. އެކަމާއި މެދަކު އަހަރެން ޝައްކެއް ނުކުރަމެވެ.

***********

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް