ހދ. ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ އާއި ކުމުންދޫ ކައުންސިލްގެ ރައީސް
އަމީން މުޙައްމަދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ
އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، 9346.56 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4954.91 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނޭކަމަށެވެ.
މީގެ އިތުރުން 142 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭކަމަށް އެކުންފުނިންް ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 35.38 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ
މަޝްރޫޢުތަކެއް ނިންމާފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް