ށ. ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މަތިކޮމަންޑު އާއި އިތުރު ފަޅުރަށެއް ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
ރައީސް ރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސްއާ މަތިކޮށްފައިވީ ހިނދު، ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ މަތިކޮމަންޑު އާއި ކުޑަފަރުފިނޮޅު ހިމަނަން ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ފަށާފައި ވަނީ ކޮމަންްޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށެވެ.
ދެ ކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުއަށް އާންމުންގެ ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް ސަރުކާރުން ބުނަމުން ދަނީ އެ މަޝްރޫޢު ފަށާފައި ވަނީ ރައީސް ޞާލިހް ގެ ރިޔާސީ ވައުދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ދެ ކޮމަންޑޫ ގުޅާލުމަށް މަތިކޮމަންޑޫގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖެނުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ 14 ވަނަ ދުވަހުވަނީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، މަސައްކަތްތައް ފަށާފައެވެ.
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ.
އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކާ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ.
މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު އަކީ 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް