ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ " އަހުމަދު ފާރިސް މައުމޫން A-000003 މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހާޒިރު ކުރުމާއި ގުޅޭ" ގޮތުން ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
އެ ނޫސްބާނުގައި ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހްގީގުކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން އަހުމަދު ފާރިސް މައުމޫން މި ސާވިސްއަށް ހާޒިރުކުރުމުން ތަހްގީގު މަރުހަލާގައި ލިބިދޭ ގާނޫނީ ވަކީލެއްގެ ހައްގުގެ ބޭނުންހިފައި ވަކީލެއްގެ ހާޒިރުގައި ތަހްގީގު ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތުމުން ފުލުހުން ވަނީ އެ ފުރުސަތު ދީފައި ކަމަށެވެ.
"ނަމަވެސް ގާނޫނީ ވަކީލަކާއެކު ހާޒިރުވުމަށް ދިން ފުރުސަތުގައި، މި ސާވިސްއަށް ފަސް ފަހަރެއްގެ މަތިން ހާޒިރުވެފައިވާއިރު އެއިން އެއްވެސް ފަހަރެއްގައި ވަކީލެއް ގެންނަވާފައި ނުވާކަން ފާހަގަކުރަމެވެ." ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަދި ވަކި މަގްސަދެއް ހާސިލުކުރުމަށް ތަކުރާރުކޮށް އަހުމަދު ފާރިސް މައުމޫން މި ސާވިސްއަށް ހާޒިރުކުރާ ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފެތުރި ނަމަވެސް ހަގީގަތުގައި މިކަމަކީ ތަހުގީގަށް ހާޒިރު ކުރެވޭ ފަރާތުން ގަސްތުގައި ފުލުހުންގެ ތަހުގީގު ލަސް ކުރުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ފުލުހުން ދެކޭ ކަމަށެވެ. އަދި ފުލުހުން ހިންގާ ތަހްގީގްތަކަށް އެއްބާރުލުން ދިނުމާއެކު ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް