ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ އާއިލާގެ ރުހުމާ އެކު، އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދާފައިވާއިރު ރައުދާގެ މަރާއިމެދު އެއްޗެއް ބުނަން އެނގޭނީ "ވިސޭރާ" (viscera) ޓެސްޓްގެ ނަތީޖާ ލިބުމުން ކަމުގައި ބަނގްލަދޭޝްގެ ރާޖްޝާނީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ ފޮރެންސިކް މެޑިސިން ޑިޕާޓްމެންޓްގެ ފިޒީޝަނެއް ކަމުގައިވާ އެނަމުލް ހަގު، ބަނގްލަދޭޝްގެ ދާކާ ޓްރިބިއުން އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ރައުދާގެ އޮޓޮޕްސީ ނިމިފައިވާކަމަށާއި އަދި ހަށިގަނޑަށް އެއްވެސް ޒަހަރެއްގެ އަސަރެއް ކޮށްފައިވޭތޯ "ވިސޭރާ" ސާމްޕަލްތަކެއް ނަގައި އެ ސާމަލްތަކުގެ ޓެސްޓް ހަދަމުން އަންނަ ކަމަށެވެ.
"މިކަމުގައި ވަކި ގޮތަކަށް ނިންމަން އެނގޭނީ ވިސޭރާ ރިޕޯޓް ލިބުމުން" އެނަމުލް ހަގް ބުނެފައި ވެ އެވެ.
އެނަމުލް ހަގް އިތުރަށް ބުނެފައިވަނީ ރައުދާގެ ހަށިގަނޑުގައި ޒަހަމެއްގެ ނިޝާން ފެންނަން ނެތް ނަމަވެސް ފިތި ބާރުވެފައިވާ ނިޝާންތައް ކަރުގެ ވަށައިގެން ފެންނަ ކަމަށެވެ.
ދާކާ ޓްރިބިއުންގައިވާ އެ ހަބަރުގައިވާގޮތުން ރައުދާގެ އޮޓޮޕްސީ ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 2:00 ހާއިރުގަ އެވެ. އޮޓޮޕްސީ ކުރިއަށް ގެންގޮސްފައިވަނީ ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކަމުގައި ރާޖްޝާހީ މެޓްރޯ ޕޮލިސް (އާރުއެމްޕީ)ގެ ތަރުޖަމާނު އަދި ސީނިއާ އެސިސްޓެންޓް ކޮމިޝަނަރ އިފްތެހާރު އާލަމް ބުނެފައި ވެ އެވެ.
އާރުއެމްޕީގެ ޑެޕިއުޓީ ކޮމިޝަނަރ ތަންވީރު ހައިދަރު ޗައުދަރީ ބުނެފައިވަނީ އޮޓޮޕްސީ ފެށީ މެންދުރު ފަހު 2:00 ގައި ކަމަށާއި އޮޓޮޕްސީ ކުރިއަށް ގެންދިޔައީ ރައުދާގެ ބައްޕަ މުހައްމަދު އާތިފް އާއި ދާކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން އެ ހޮސްޕިޓަލަށް ހެނދުނު 10:00 ހާއިރު ދިއުމުން ކަމަށެވެ. އޮޓޮޕްސީ ކުރިއަށް ގެންދިޔައީ އާއިލާއާއި އެމްބަސީން އެކަމަށް އެދުމުން ކަމުގައިވެސް ހައިދަރު ޗައުދަރީ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް