މާލެ ހުޅުލެ ބްރިޖް ޑިޒައިން ކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިނޭނެ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ނިއުސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ ބްރިޖް ޑިޒައިންކުރާ ޓީމުގެ ބައެއް މެމްބަރުން ރާއްޖެ އައިސް ބައެއް މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. ބްރިޖްގެ ފުރިހަމަ ކުރެހުންތައް ލިބުމަށް ފަހުގައި އަމަލީ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސާނެ ގޮތާ މެދު ރާއްޖެ އާއި ޗައިނާ އިން މަޝްވަރާކޮށް ގޮތްތައް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ .
"ފުލް ޑިޒައިނާ އެކު ސީދާ އަގު ވެސް އެނގޭނެ. ޗައިނާ ސަރުކާރުން އޭގެ ފައިނޭންސް އޮޕްޝަންތައް ދިވެހި ސަރުކާރާއެކު އެއްބަސްވެ، އަދި އެ އަށް ފަހު ބިޑިން ޕްރޮސެސް ކުރިޔަށްދާނެ،" އަދީބު ވިދާޅުވި އެވެ.
ބްރިޖްގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ކޮންކްރީޓް ބުޑުތަކާއި އެހެން ކޮންކްރީޓް އެހެން ބައިތައް ތައްޔާރުކުރަން، އަދީބު ވިދާޅުވި ގޮތުގައި، މާލެއާ ކައިރިން 30 ހެކްޓަރުގެ ބިމެއް ބޭނުންވެ އެވެ. އެގޮތުން ތިލަފުށިން ނުވަތަ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ޗައިނާގެ ޓީމަށް ބިމެއް ހަމަޖައްސަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވަގުތީ ގޮތުން، ހަމަ އެކަނި ބްރިޖްގެ މަސައްކަތަށް ދޭ ބިމެކެވެ.
އަދީބު ވިދާޅުވި ގޮތުގައި، ބްރިޖް އަޅަން ޗައިނާގެ ޑިޒައިނަރުން މިހާރު ވިސްނުން ހުރީ، މާލޭގެ މަޖީދީ މަގު ކޮޅުން ފެށިގެން ހުޅުލޭގެ ދެކުނު ކޮޅަށް ނިންމާ ގޮތަށެވެ. އެހެންވެ ހުޅުލޭން އެ ސަރަހައްދުން ބައެއް ހިއްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބްރިޖްގައި ޖުމުލަ ހަ ލޭން ހުންނާނެ ކަމަށާއި ކޮންމެ ކޮޅަކަށް ދުއްވަން ތިން ލޭން ބޭނުން ކުރާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އޭގެ އިތުރުން ބްރިޖްގެ ޕްރޮޖެކްޓާ ގުޅުވައިގެން ހުޅެލެ އާއި ހުޅުމާލެ ގުޅޭ މަގުތައް ރަނގަޅުކުރާނެ އެވެ.
ބްރިޖްގެ ޑިޒައިންގެ މަސައްކަތް ކުރުމަށޤ 60 މީހުންގެ ޓީމެއް މިހާރު ދަނީ ރާޢްޖޭގައި ހަރަކާތްތެރިވަމުންނެވެ.
އަދީދު ވިދާޅުވީ ޑިޒައިންގެ މަސައްކަތް ނިންމުމަށް ފަުހު ކުރިން ތާވަލް ކުރެވިފައިވާ ގޮތަށް މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް