އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ މެދު ތަފާތު ކުރާކަމަށް ބުނެ، އެމައްސަލަ ބެލައިދިނުމަށް އަދާލަތު ޕާޓީއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި އެދިއްޖެއެވެ.
އެޗްއާރުސީއެމަށް މިއަދު ފޮނުވި ސިޓީއެއްގައި އަދާލަތު ޕާޓީއިން ބުނެފައި ވަނީ، ސަރުކާރު ހިންގާ ފަރާތްތަކުން ކުރިޔަށް ގެންދާާ ސިޔާސީ ހަރަކާތްތަކުގައި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް މޫނު ނިވާކޮށް، ދަނޑިބުރިއާއި ހޮޅިބުރި ފަދަ ތަކެތި ގެންގުޅެފައިވީ އިރު އިލެކްޝަންސް ކޮމިޝަނުންނާއި ފުލުހުން އެފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
އަދި އެއީ އިލެކްޝަަންސް ކޮމިޝަނުން، ސިޔާސީ ޕާޓީތަކާ މެދު ތަފާތުކުރުން ގެންގުޅުން ކަމުގައި ދެކޭ ކަމަށްވެސް އަދާލަތު ޕާޓީއިން ބުނެފައިވެެއެވެ.
އަދާލަތު ޕާޓީއިން ބުނީ، ސަރުކާރު ނުވަތަ އަމިއްލަ އިދާރާއަކުން ވިޔަސް އިންސާނީ ހައްގުތަކަށް އުނިިކަން އަންނަ ގޮތަށް އިދާރީ ނުވަތަ އެހެން ގޮތަކުން ވިޔަސް ފިޔަވަޅު އެޅުން އަންނަ ނަމަ އެކަމެއް ބެލުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ނ އަދި ރ ގެ ދަށުން އެ ކޮމިޝަނުގެ ޒިންމާއަކަށް ވާ އިރު، އިލެކްޝަންސް ކޮމިޝަނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، ހުރިހާ ފަރާތްތަކާ މެދު ހަމަހަމަކަމުގެ އުސޫލުން ކަންކަން ކުރުމުން އެއްކިބާވެފައިވާ މައްސަލަ ބަލައިދިނުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމުގައި ފުޅާ ދާއިރާއެއްގައި ސުލްހަވެރިކަމާއި އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ތަފާތު ފިކުރުގެ ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ދެވިފައިވާ ކަމަށް އެ ސިޓީގައި ބުނެފައި ވެ އެވެ. ނަމަވެސް މި ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަނުންނާއި ފުލުހުން ދަނީ، ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި އަދާލަތު ޕާޓީ 33،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ، އެޕާޓީއިން ބާއްވާ “އެއްވުންތަކުގައި އާންމު ރަައްޔިތުންގެ މުދަލަށް ގެއްލުން ދިނުމާއި، ގަސްތުގައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައި ވާތީ އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު” ކޮށެވެ
އަދާލަތު ޕާޓީގެ އިތުރުން، އިލެކްޝަންސްއިން ވަނީ އެމްޑީޕީ 47،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް