ސައިކަލާއި ގާމެންޓްސްގެ ބާވަތްތަކުން ޑިއުޓީ ކުޑަކުުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން އެ ބާވަތްތަކުން ބޮޑުކުރި ޑިއުޓީ އަނބުރާ ރައްދު ކުރާނެ ކަމަށް ކަސްޓަމުން ބުނެފިއެވެ.
ކަސްޓަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ކަސްޓަމްސް އިސްމާއިލް ނާޝިދު ވިދާޅުވީ ސައިކަލާއި ގާމެންޓްގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އަދި އެ ބާވަތްތަކުން ޑިއުޓީ ކުޑަކުރުމަށް މަޖިލީހަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ އިސްލާހު ފާސްވަންދެން މިއަދުން ފެށިގެން އެ ދެ ބާވަތުންވެސް ޑިއުޓީ ބޮޑުކޮށްފައިވާ މިންވަރަށް ޑިއުޓީ ނަގާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބާވަތްތަކުން ބޮޑުކުރި ޑިއުޓީ ރައްދު ކުރަން ކަސްޓަމުން ތައްޔާރަށް އޮތް ކަމަށާއި އެ މުއައްސަސާގެ ތެރެއިން އެކަމުގައި ދިމާވާނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.
"އެ ގާނޫނު އިސްލާހު ވާ ގޮތަކުން މިސާލަކަށް އެ އިސްލާހުވާއިރު އެ އިސްލާހުގައި އެކެއް އޭޕްރީލް 2015 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭގޮތަށް ބަޔާންކޮށްފައިވާނަމަ އަޅުގަނޑުމެން އެ މުއްދަތަކާއި ހަމައަށް ނިންމާފަ ހުރި ޑެކްލެރޭޝަންތަކަށް ނެގިފައި ހުރި ޑިއުޓީގެ ރީފަންޑު ދޭނަން،" އޭނާ ވިދާޅުވިއެވެ.
އެ ބާވަތްތަކުން ޑިއުޓީ ބޮޑުނުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމެވި ނަމަވެސް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ފާސްވެފައިނުވާތީ މިއަދުން ފެށިގެން، ކުރިން ސުން ޕަސެންޓުގައި ޑިއުޓީއެއް ނަަގަމުން އައި ގާމެންޓްސްގެ ބާވަތްތަކުން 15 އިންސައްތައިގެ ޑިއުޓީއެއް ނަގަން ވަނީ ފަށާފަ އެވެ. އަދި 100 އިންސައްތައިގެ ޑިއުޓީއެއް ނަގަމުން އައި އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 އިންސައްތައިގެ ޑިއުޓީއެއް ވަނީ ނަގަން ފަށާފަ އެވެ.
މި ދެ ބާވަތުގެ އިތުރުން އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅީގެން ރޭ 12:00 ން ފެށިގެން ނުވަ ބާވަތަކުން ނަގަމުން އައިޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. އަދި ދެ ބާވަތަކުން ޑިއުޓީ ނަގަމުން އައި ވަރު ވަނީ ކުޑަވެފައ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް