ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ޖަޕާނުގެ މިސާއޯ އޮކާވާ އުމުރުން 117 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
މަރުވި އިރު އޭނާ ދިރިއުޅުނީ ޖަޕާނުގެ އޮސާކާގެ ނާސިން ހޯމެއްގަ އެވެ. މިސާއޯ އުފަންވެފައި ވަނީ އޮސާކާގައި މާޗް 5، 1898 ވަނަ އަހަރު އެވެ. އޭނާ އަށް ވަނީ ތިން ދަރިން ލިބިފަ އެވެ. އަދި މާމަ ކިޔާ ހަތަރު ކުދިންނާއި މުނިމާމަ ކިޔާ ހަ ކުދިން ލިބިފައިވެ އެވެ.
މިސާއޯ ކައިވެނިކޮށްފައި ވަނީ 1919 ވަނަ އަހަރު އެވެ. އޭނާގެ ފިރިމީހާ މަރުވެފައިވަނީ 1931 ވަނަ އަހަރުއެވެ.
އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް އެރީ ފެބްރުއަރީ، 2013 ގައި އެވެ.
މިސާއޯ ބުނެފައި ވަނީ އޭނާގެ އުމުރު ދިގުވުމުގެ ސިއްރަކީ ރޭގަނޑު މަދުވެގެން އަށް ގަޑިއިރު ނިދުމާއި ސުޝީ ކެެއުމާއި ރެހި ކަހަލަ ކުދި މަހާއި ވިނިގާ އަޅައިގެން ސްޓީމްކޮށްފައިވާ ބަތް ކެއުމެވެ.
ދުނިޔޭގައި މިހާރު ހުރި އުމުރުން އެންމެ ދުވަސްވީ މީހަކީ އެމެރިކާ މީހެކެވެ. އޭނާ އަށް 116 އަހަރުވެފައިވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް