ކައިވެނި ހަފްލާގައި ހަވާ އެރުވުމުން ޓެރަރިޒަމްގެ ކުށުގައި ޕާކިސްތާނުގެ އެއްބަނޑުއެއްބަފާ ދެބެން ހައްޔަރުކޮށްފި އެވެ.
މިދެބެންގެ މައްޗަށް ދިގު މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އައުމަކީ އެކަށީގެންވާކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވާއިރު ކައިވެނީގެ ހަފްލާގައި އުފާ ފާޅޫކުރުމުގެ ގޮތުން ހަވާ އެރުވުމަކީ ޕާކިސްތާނުގެ ދުވަސްވީ އާދަކާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ކަރާޗީގެ ފުލުހުން ބުނާ ގޮތުގައި މިދެބެން ވަނީ މިހަފްލާގައި ހަވާއެރުވުމުގައި ހައްދު ފަހަނަ އަޅައި ގޮސްފައެވެ.
މިހާދިސާގައި ކައިވެނި ކުރި ދެބެންނާއި އިތުރު ތިން މީހުން ހައްޔަރު ކުރި ޕޮލިސް އޮފިސަރު، އައްބާސް ގުލާޗީ ވިދާޅުވީ މިމީހުން ހައްޔަރު ކޮށްފައިވަނީ ގޮވާ ތަކެތި ބޭނުން ކުރުމުން ޓެރަރިސަމްގެ ތުހުމަތުގައެވެ.
"މީހުންގެ އާބާދީ ގިނަ ސަރަހައްދެއްގައި އެހާ ބާރުގަދަ ބަޑިބޭސް ބޭނުން ކުރުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބޮޑު ބިރެއްގެ ތެރޭގައި" އައްބާސް ގޮލާޗީ ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މިފަސްމީހުންގެ ޝަރީއަތް ބުދަ ދުވަހު އޮންނާނެ ކަމަށްވެސް ކަރާޗީ ފުލުހުން ބުނެ އެވެ.
ކުށް ސާބިތު ވެއްޖެނަމަ މިދެ މީހުންނަށް ދިގު މުއްދަތަކަށް ޖަލަށް ލާން ނުވަތަ މަރުގެ ހުކުމް ކުރާނެ ކަމަށާއި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާތީ މަރުގެ ހުކުމް ލިބުމަކީ އެހާ އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
އާންމު ގޮތެއްގައި ޕާކިސްތާނުގެ ފުލުހުންގެ ހަރުކަށި ކަމަކީ އެތައް ފާޑުކިޔުންތަކެއް ރައްދުވާ ކަމެވެ.
މިދިޔަ އަހަރު އޭޕްރީލް މަހުގައިވެސް، ފުލުހުން ވަނީ ލަހޯރްގެ ސަހަރެއްގައި، އާއިލާ މީހުން ފައިސާ ނުދައްކާ އޮތް ބިލެއް ނަގަން އުޅުން ފުލުހުންނަށް ގާ އުކުމުން، ގަސްދުގައި މީހަކު މަރަން އުޅުމުގެ ތުހުމަތުގައި އާއިލާގެ އެހެން މެންބަރުންނާއެކު ނުވަ މަހުގެ ފިރިހެން ކުއްޖެއްވެސް ހައްޔަރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް