އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން 13 ބާވަތެއްގެ ޑިއުޓީއަށް ބަދަލުގެނެސްފި އެވެ.
ރޭ 12:00 ން ފެށިގެން ޑިއުޓީއަށް ގެނައި ބަދަލާއި ގުޅިގެން 11 ބާވަތަކުން ޑިއުޓީ ވަނީ ބޮޑުވެފަ އެވެ. ޑިއުޓީ ކުޑަވެފައިވަނީ ދެ ބާވަތަކުންނެވެ.
ޑިއުޓީ ބޮޑުކޮށްފައިވާ ތަކެތީގެ ތެރޭގައި ދިވެހިން އާންމުކޮށް ބޭނުންކުރާ އެއްޗެހި ހިމެނެ އެވެ.
އެގޮތުން ކުރިން 100 އިންސައްތަ ޑިއުޓީ ނަގަމުން އައި ސައިކަލް ފަދަ ވެހިކަލްތަކުން 150 އިންސައްތަ ޑިއުޓީ، ކުރިން 90 ލާރީގެ ޑިއުޓީއެއް ނަގަމުން އައި ސިނގިރޭޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ވަނީ ފަށާފަ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކުން 150އިންސައްތައިން ނަގަމުން އައި ޑިއުޓީ 200 އިންސައްތައަށް ވަނީ ބޮޑުކޮށްފަ އެވެ.
އަދި ކުރިން ސުން ރޭޓްގައި ޑިއުޓީ ނަގަމުން އައި ތެލުގެ ބާވަތްތަކުން 10 އިންސައްތައިގެ ޑިއުޓީއެއް ރޭ 12:00 އިން ފެށިގެން ނަގަން ފަށާފައިވާއިރު ކުރިން ޑިއުޓީ ނުނަގާ ސެންޓާއި ލަގްޒަރީ ކޮސްމެޓިކްސް އިން 20 އިންސައްތައިގެ ޑިއުޓީއެއް ނަގާނެ އެވެ. އެހެނިހެން ކޮސްމެޓިކްސް އިން ނަގާނީ ފަހެއް އިންސައްތަ ޑިއުޓީ އެވެ.
މީގެ ކުރިން 35 އިންސައްތަ ޑިއުޓީ ނަގަމުން އައި ހެވީ ވެހިކަލްތަކުން 50 އިންސައްތަ ޑިއުޓީ ނަގާއިރު ފަސިންޖަރުން އުފުލާ ވެހިކަލްތަކުން ޑިއުޓީގެ ގޮތުގައި 200 އިންސައްތަ ނަގާނެ އެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ސުޕެއާ އިން ކުރިން 35 އިންސައްތައިގެ ޑިއުޓީއެއް ނެގިއިރު އަލަށް ގެނައި ބަދަލާއެކު 50 އިންސައްތަ ޑިއުޓީ ވަނީ ނަގަން ފަށާފައި އެވެ.
ރޭ 12:00 ން ފެށިގެން ޑިއުޓީ ކުޑަވީ ކުރިން 25 އިންސައްތަ ޑިއުޓީ ނަގަމުން އައި ފަތުރުވެރިކަމުގެ ބޭނުމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރުންނެވެ. އޭގެން ޑިއުޓީ ނުނެގުމަށް ވަނީ ނިންމާފައި އެވެ.
ގާނޫނު ތަސްދީގު ކުރިފަހުން ސަރުކާރުން ވަނީ ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑު ނުކުރުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ސައިކަލްގެ ޑިއުޓީ 100 އިންސައްތައަށް ވުރެ އިތުރުނުކޮށް ފޭރާމުގެ ޑިއުޓީ ނުނެގުމަށް ނިންމާފަ އެވެ.
ނަމަވެސް ކަސްޓަމްސްއިން ބުނީ އެ ދެބާވަތުގެ ޑިއުޓީ ބޮޑުނުކުރަން ސަރުކާރުން ނިންމާފައި ވީނަމަވެސް ގާނޫނަށް އިސްލާހު ގެނެވިފައި ނުވާތީ ޑިއުޓީ ނެގޭނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް