އަމިއްލަ އެދުމަށްވުރެ ގައުމު އިސްކުރަންޖެހޭ: ނައިބް ރައީސް

ތިމާގެ އަމިއްލަ އުފަލަށް ވުރެ ގައުމު އިސްކޮށް، ހަމަތަކާއި ގައުމާއި ދީނުގެ އަސާސްތައް ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ޑޜ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. އެޑެކްސެ...

01 Apr 2015 | 04:47

ތިމާގެ އަމިއްލަ އުފަލަށް ވުރެ ގައުމު އިސްކޮށް، ހަމަތަކާއި ގައުމާއި ދީނުގެ އަސާސްތައް ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ޑޜ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެޑެކްސެލް އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވީ ތައުލީމު އުނގެނުމުގެ ހަގީގީ މަގުސަދަކީ އަމިއްލަ އުފަލަށް ވުރެ ތިމާ ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް އަދި އަގީދާ އިސްކުރުން ކަމަށެވެ. ނައިބް ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކަށް ކާމިޔާބު އައިސްފައި ވަނީ އެ އުސޫލުގެ މަތިން އަމަލުކޮށްގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ހަގީގަތް ގަބޫލް ކުރަންޖެހޭ ކަމަށާއި ތައުލީމު އުނގެނުމުގެ ހަގީގީ މަގްސަދަކީ އެއީ ކަމަށެވެ. އަދި ނިމިގެންދާވަގުތު ފައިދާ ކުރާނީ އެހަމަތަކުގެ މަތިން ހޯދާ އިލްމަކުން ކަމަށް ވިދާޅުވި އެވެ.

"ތައުލީމު އުނގެނުމުގެ މަގުސަދުތަކެއް އެބައޮތް. އެ މަގުސަދުތައް ހަނދާން ކުރަން އެބަޖެހޭ. އެ މަގުސަދަކީ ތިމާގެ އަމިއްލަ ޖާހަތާ ތިމާގެ އަމިއްލަ އުފާ ގައުމުގެ މައްޗަށް އިސްނުކުރުން ތިމާގެ އުސޫލު އިސްނުކުރުން ތިމާގެ ގަބޫލު ކުރާ ހަމަތަށް އިސްކުރުން ގައުމަށާއި ދީނަށާއި އެ ދީނުގެ އަސާސްތަކުގައި ހިފެހެއްޓުން. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ދުނިޔޭގެ ކާމިޔާބީތައް އައިސްފައިވާ ގޮތް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ދަރިވަރެއްގެ ވެސް އަޒުމަކަށް ވާން ޖެހޭނީ ކޮންމެ ރައްޔިތަކަށް ވެސް ހީވާގިކަމާއެކު ހިދުމަތް ކޮށްދިނުމެވެ. އަދި އިގްތިސޯދު ބައްޓަން ކުރުމާއި އިޖްތިމާއީ ހަމަޖެހުން ގާއިމު ކުރުމުގައި އެ ޒުވާނުން އަތުކުރި އޮޅާލަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އަދި ކޮންމެ އިންސާނަކީ ވެސް މި ދުނިޔެ ދޫކޮށް ދާނެ މީހެއް ކަމަމުން ފަހު ވަގުތުގައި ވެސް އެ މީހަކު ހެޔޮ ކަމެއް ގައުމަށް ކޮށްދީފައިވާނަމަ އެކަން ގައުމު ހަނދާން ކުރާނެ ކަމަށެވެ. މަރުވެގެންދާ ވަގުތު ތިމާގެ ތަނަވަސްކަން ފިލައިގެން ދާނެ ކަމަށާއި ތަނަވަސްކަން ހޯދުމަށް ވުރެއް ގައުމަށް ކޮށްދެވޭނެ ކަންކަމާ މެދު ވިސްނުން މާ ރަނގަޅު ކަމަށް ނައިބު ރައީސް ޖަމީލު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު ތައުލީމީ ނިޒާމަކީ ކޮންމެ ގައުމެއްގެ ވެސް ފަހުރުކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމު އަހަރުން އަހަރަށް އުފުލެމުން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ތައުލީމަކީ އިގްތިސޯދީ ކުރިއެރުމަށްޓަކައި އަދި މުޖުތަމައުގެ ހަމަޖެހުން ގެނައުމުގެ އެންމެ ބޮޑު ސިއްރު ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް