މިދިޔަ އަހަރު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގައި އެކައުންޓުން 100 ޕަސެންޓް މާކްސް ހޯދައިގެން 11 ދަރިވަރަކު ދުނިޔޭގެ ގަދަ 10ގެ އެއް ވަނައިގައި ހިމެނިއްޖެ އެވެ.
އޭލެވެލްގެ ގަދަ 10 އިއުލާނު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެއް ވަނަ ހާސިލްކޮށްގެން އިނާމު ހޯދާފައިވަނީ ސީއެޗްއެސްއީގެ ދަރިވަރު، މއ. ރަތްމާ، އައިމިނަތު އަމާން ނިޒާރާއި ހ. އީސްޓްލައިޓް މައުވާ އިބްރާހިމާއި އއ. ބޮޑުފުޅަދޫ ނޫވިލާގޭ އައިޝަތު ނިއުޒާ އާއި ރަފްޝަންގޭ މުހައްމަދު އިޝާން އަހުމަދާއި ލ. ކުނަހަންދޫ ރޯޒްވިލާ މުހައްމަދު ފާތިހު އެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު، ހއ. ކެލާ ޝަބްނަމްގޭ ޖޫޒާން ހަލީލް އާއި ހއ. މާރަންދޫ ގުލްޝަން ބަހާރު، ހަސަން މުހައްމަދާއި ތ. ވިލުފުށީ ހަވީރީގޭ ހައްމާދު ސުލައިމާނާއި ވ. ކެޔޮދޫ ވެނީލާގޭ ނާއިޝް މުހައްމަދު ނައީމާއި ކ. މާފުށީ، ޖާމަނީގޭ އައިމިނަތު އީނާޝް އެވެ. އޭގެ އިތުރުން ފ. ބިލެތްދޫ ސްކޫލުގެ ދަރިވަރެއް ކަމަށްވާ ހަސަން ނިޒާމް ވެސް ވަނީ އެއް ވަނަ ހާސިލް ކޮށްފަ އެވެ.
އެ ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
އޭގެ އިތުރުން އެކި މާއްދާތަކުން ފާހަގަ ކޮށްލެވޭ ނަތީޖާ ހޯދައިގެން 16 ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. އަދި ގިނަ ދަރިވަރުންތަކެއް ވަނީ ވަކިވަކި މާއްދާތަކުން ރާއްޖޭން އެއްވަނަ ހޯދާފަ އެވެ.
ރާއްޖޭގެ އެކި ސްކޫލުތަކުން 1،800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އޭލެވެލް އިމްތިހާނުގައި 23 ދަރިވަރަކު ވަނީ އޭލެވެލްގެ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފަ އެވެ. އަދި ގަދަ 10 ގައި ޖުމްލަ ހިމެނިފައިވަނީ 14 ސްކޫލެއްގެ 175 ދަރިވަރުންނެވެ. މީގެ ތެރޭގައި އަތޮޅު ތެރޭގެ ސްކޫލުތަކުގެ 38 ދަރިވަރުން ހިމެނެ އެވެ.
އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ދެ ވަނަައިގައި 45 ދަރިވަރުން ހިމެނިފައިވާއިރު ތިން ވަނައިގައި ހިމެނުނީ އަށް ދަރިވަރުންނެވެ. އަދި ހަތަރު ވަނައިގައި 18 ދަރިވަރުން ހިމެނުނު އިރު ފަސް ވަނަ 13 ދަރިވަރަކު ހޯދާފައި ވެ އެވެ.
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު ގިނަ މާއްދާތަކުން 2013 ވަނަ އަހަރާއި އަޅާ ބަލާއިރު ނަތީޖާ ރަނގަޅު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ބަޔޮލޮޖީ އާއި އިކޮނޮމިކްސް ނޫން އެހެން ހުރިހާ މާއްދާއަކުންހެން ފާސްވި ޕަސެންޓޭޖް ވަނީ މަތިވެފަ އެވެ. އަދި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 78 ޕަސެންޓް ކުދިން އީ ގްރޭޑަށް ވުރެ މަތި ހޯދާފައިވާއިރު ޔޫ ގްރޭޑް ލިބުނު ނިސްބަތް ވެސް ވަނީ 24 ޕަސެންޓުން 21 ޕަސެންޓަށް ދަށްވެފަ އެވެ.
އޭލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން، އެއްވަނަ ހޯދި ދަރިވަރުންނަށް، މަތީ ތައުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޮލަޝިޕް ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް