އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވީގެ އަގު ބޮޑުކޮށްފި – ރޯދަ މަސް ފެށުނު އިރު 310 އަށް ވިއްކި އަލުވި ބަސްތާއެއް މިހާރު 515 އަށް

އެސްޓީއޯއިން ވިއްކަމުންދިޔަ ފިޔާ، ބިސް އަދި އަލުވީގެ އަގު ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ބުނެފައިވާގޮތުގައި ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަ...

01 Mar 2025 | 14:20

އެސްޓީއޯއިން ވިއްކަމުންދިޔަ ފިޔާ، ބިސް އަދި އަލުވީގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.

"ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެ" އެސްޓީއޯއިން ބުނެފައިވެއެވެ.

ފިޔާ، ބިސް އަދި އަލުވި އަގަށް ގެނެވުނު ބަދަލު

  • ފިޔާ ބަސްތާއެއް – ކުރިން ބަސްތާއެއް 310 ރުފިޔާއަށް، މިހާރު 335 ރުފިޔާއަށް
  • ވަކިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް
  • ބިސް ކޭހެއް – ކުރިން 320 ރުފިޔާއަށް – މިހާރު 350 ރުފިޔާއަށް
  • ވަކިން ބިހެއް 2 ރުފިޔާއަށް
  • އަލުވި ބަސްތާއެއް ކުރިން – 310 ރުފިޔާއަށް – މިހާރު 515 ރުފިޔާއަށް
  • ކިލޯއެއް 25 ރުފިޔާއަށް

އެސްޓީއޯއިން ބުނެފައިވަނީ މީ އެސްޓީއޯއިން ރަމަޟާން މަހަށްވާ ހާއްސަ ކޮށްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެންފެށިފަހުން ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮބަދަލާ ގުޅިގެން އަގަށް ބަދަލު ގެންނަ 4 ވަނަ ފަހަރު ކަމަށެވެ.

އެސްޓީއޯއިން ތާޒާ ލޮނުމެދު މިއަދު ބާޒާރަށް ނެރެފައިވެއެވެ.

ތާޒާ ލޮނުމެދު މިއަދު ބާޒާރަށް ނެރެފައިވާއިރުލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއެކެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ކަމަށް ބުނެފައިވެއެވެ. އަދި ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ސްޓޭޝަން ކުރެވިފައިވަނީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހަލުން ލިބޭނޭގޮތް ހަދައިދިނުމަށް ކަމަށާއި އަދި އާންމުންނަށް މެދު ނުކެނޑި ލިބެން ހުންނާނޭ ގޮތް މަގުފަހި ކޮއްދިނުމަށް ކަމަށް ބުނެފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައިވާކަމަށާއި

އެތަކެތީގެ ތެރޭގައި އަސާސީ ކާބޯތަކެތި ކެޓަގަރީއިން ފިޔާ، ބިސް އަލުވި، ކާށި، ކަދުރު އަދި ތާޒާ ތަރުކާރީ އަދި މޭވާ ކެޓަގަރީއިން ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް އަދި ޕްރޮސެސްޑް ކާނާގެ ކެޓަގަރީއިން ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު  އަދި ކެއްކުމަށް ބޭނުންކުރާތަކެތީގެ ކެޓަގަރީއިން ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ އެތެރެކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް