އިސްލާމީ ޤައުމުތަކުގެ ވެރީންނަށް ރައީސް މުޢިއްޒު ރަމަޟާން މަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އ...

01 Mar 2025 | 08:10

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ ރޫޙު އާލާކޮށް، މުރާޖަޢާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަޤީދާ ހަރުދަނާކުރުމުގެ މައްސަރުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ޚިދުމަތްކުރުމުގެ ޢަޒުމު ވަރުގަދަވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.

ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައި ވެއެވެ. އަދި މުސްތަޤިއްލުކަން ހޯދުމަށް ފަލަސްޠީނުން ކުރާ މަސައްކަތަށް ޢަދުލުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދައިދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައިވާކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް