ކޭއޭސީއެލް ފުޓްސަލް ޗެލެންޖް: ފައިނަލް މެޗުގެ ކުރިން ދެ ޓީމުގެ ކޯޗުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް !

ކައްދޫ މުވައްޒަފުންގެ އިންޓަރ ޔުނިޓް ފުޓްސަލް މުބާރާތަކަސް މިއީ ހީކުރިވަރަށް ވުރެވެސް ފޯރިޔާއި އެކު ކުރިޔަށްދާ މުބާރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީގެ މ...

01 Mar 2023 | 06:58

ކައްދޫ މުވައްޒަފުންގެ އިންޓަރ ޔުނިޓް ފުޓްސަލް މުބާރާތަކަސް މިއީ ހީކުރިވަރަށް ވުރެވެސް ފޯރިޔާއި އެކު ކުރިޔަށްދާ މުބާރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީގެ މެޗުތައް ނިމި ފައިނަލް މެޗާއި ހަމައަށް އައި އިރު، ފޯރި މިވަނީ އިތުރަށް ގަދަވެފައެވެ.

ކުރިން ވެސް ލަފާ ކުރެވުނު ފަދައިން މި މުބާރާތުގެ ފައިނަލް މެޗުގައި މި ބައްދަލުކުރަނީ މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި ވާ ދެޓީމެވެ. އެއީ އޮޕަރޭޝަންސް އާއި ޓީމު މަފިޓްއެވެ.

މި ދެޓީމުގެ މެދުގައި ފައިނަލްގެ ފޯރި މިހާގަދަވެފައިވާއިރު، ދެ ޓީމުގެ ކޯޗުންގެ މެދުގައިވެސް ވަނީ ބަހުގެ ހަމަލާތައް ވަރަށް ހޫނުވެފައެވެ. އެގޮތުން މެޗުގެ ކުރިން ދެ ޓީމުގެ ކޯޗުން ވެސް އެއް ކޯޗު އަނެއް ކޯޗަށް ރައްދުދީ ބަހުގެ ހަމަލާތަކެއް މިވަނީ ދީފައެވެ.

ފައިނަލްގައި އެއްކޮޅުން ބައްދަލުކުރާ މަފިޓް ޓީމުގެ ކޯޗަކީ އިސްމާއީލް ޝަރީފްއެވެ. އަދި އޮޕަރޭޝަންސް ޓީމުގެ ކޯޗަކީ އަބްދުﷲ ސާޖިދުއެވެ. މި ދެކޯޗުންނަކީ ވެސް މިފަހަރުގެ މުބާރާތުގައި ވަރަށް ފާހަގަކޮށްލެވުނު ދެ ކޯޗުންނެވެ.

ޓީމު ލައްވާ ގޭމް ކުޅުވައި ރޭވުންތެރިކަމާއި އެކު ތަފާތުތައް ދައްކާފައިވާ ދެ ކޯޗުންނެވެ. އެހެން ކަމުން މިރޭގެ ފައިނަލް މެޗާއި މެދު ދެ ޓީމުގެ ކޯޗުންގެ ހޫނު ރައްދުތަކަށް ބަލާލަނަމެވެ.

މަފިޓް ކޯޗު އިސްމާއީލް ސަރީފް މިރޭގެ މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ އޮޕަރޭޝަންސް ޓީމަކީ ބަލިކުރަން ވަރަށް ފަސޭހަ ޓީމެއް ކަމަށެވެ. މީގެ ކުރިންވެސް އެކަން ވާނީ ސާބިތުކޮށްދީފައި ކަމަށާއި މިރޭގެ މެޗާއި މެދު ކުޑަކޮށްވެސް ޖެހިލުމެއް ނުވާކަމަށް އޭނާ ބުންޏެވެ.

އިއްސެ ބުނީ ސަތޭކަ ފަހަރު އޮޕަރޭޝަންސް ޓީމާއި ދެކޮޅަށް ކުޅެން ޖެހުނަށް ބަލި ކުރާނެ ކަމަށާއި އެއީ އެއްވެސް ވާންކަމެއް ނެތް ޓީމެއް ކަމަށެވެ.

" ހެހެހެ.. އާން އޮޕަރޭޝަންސް ޓީމު ބަލިކުރުމަކީ ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެއް. ވަރިހަމަ އަދި ސަތޭކަ ފަހަރު ބައްދަލުކުރަން ޖެހުނަސް، ހާސްކަމެއް ނެތި ބަލިކުރާނަން." އިއްސެ ބުންޏެވެ.

އިއްސެ އިތުރަށް ބުނީ މިރޭގެ މެޗަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓުކޮށް، ވަރަށް އުންމީދާއި އެކުގައި ކަމަށާއި ހުރިހާ ކުޅުންތެރިންނާއި މެދުވެސް ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މަފިޓް ޓީމުގެ ކޯޗު އިއްސެއަށް ރައްދު ދެމުން އޮޕަރޭޝަންސް ޓީމުގެ ކޯޗު ސާޖިދު ބުނީ މަފިޓް ޓީމަކީ މާ މޮޅު ޓީމެއް ކަމަށް ގަބޫލު ނުކާކަމަށާއި ބަލިވަނީ ކޮންބައެއްތޯ މިރޭ ރަނގަޅަށް އެނގިގެންދާނޭ ކަމަށެވެ. އޭނާ ބުނީ އޮޕަރޭޝަންސް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، މިރޭ ހުރިހާ ކުޅުންތެރިންނަށް ވެސް މެޗުގައި ކުޅެވޭވަރަށް ފިޓް ކަމަށާއި ޓީމުގެ ހުރި ފެންވަރު މިރޭ މަފިޓަށް ދައްކާލާނޭ ކަމަށެވެ.

ސާޖިދް އިތުރަށް ބުނީ މަފިޓް ޓީމަކީ އޮޕަރޭޝަންސް ޓީމަށް ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށާއި، މަފިޓް ބަލިކުރެވޭ ވަރުގެ މޮޅު ކުޅުމެއް މިރޭ ދައްކާ އެޓީމު ހައިރާން ކޮށްލާނޭ ކަމަށެވެ.

" މަފިޓް ބަލި ކުރެވޭނެ. އެއީ ވަކި މޮޅު ޓީމެއް ކަމަކަށް ގަބޫލެއް ނުކުރަން. މިރޭ އެޓީމުގެ ހުރި ފެންވަރެއް އަހަރެމެން ބަލާލާނަން." އޮޕަރޭޝަންސް ޓީމުގެ ކޯޗު ސާޖިދް ބުންޏެވެ.

ދެ ކޯޗުންގެ ބަހުގެ ހަމަލާތައް މިހާ ވަރަށް ހޫނުވެފައި ވާއިރު، މިރޭގެ މި ފައިނަލް މެޗަކީ ހަމަ ޔަގީނުންވެސް ފޯރި ގަދަ މެޗަކަށް ވެގެންދާނެ ކަން ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް