ގިނަ ބައެއްގެ ނަޒަރުގައި މިފަހަރުގެ މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ މަފިޓް އާއި އޮަޕަރޭޝަންސް ބައްދަލު ކުރާ މެޗަށް ދެ ޓީމުން ވެސް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދެ ޓީމުންވެސް އަންނަނީ ބުނަމުންނެވެ.
ލީގު އުސޫލުން ކުރިޔަށް ދާ މި މުބާރާތުގެ ގްރޫޕް މަރުހަލާގެ މެޗުތައް ނިމުނުއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ތާވަލްގެ އެންމެ ކުރީގައި އޮތީވެސް މި ދެޓީމެވެ. ތާވަލްގެ އެންމެ ކުރި ހޯދައިގެން ފައިދާ ގޯލުގެ ފަރަގުން ކުރި ލިބިގެން މުބާރާތުގެ ސެމީއަށް ދަތުރު ކުރި ފުރަތަމަ ޓީމަކީ މަފިޓްއެވެ. އަދި ދެވަނަ ޓީމަކީ އޮޕަރޭޝަންސް އެވެ.
އެގޮތުން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މި ދެތީމު ބައްދަލުކުރިއިރު، މި މެޗު ވެގެން ގޮސްފައިވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ މެޗަށެވެ. އެހެނީ ދެޓީމަކީ ވެސް މޮޅު ކުޅުންތެރިންތަކެއް ތިބި ވާދަވެރި ކުޅުމެއް ކުޅޭ ދެޓީމަށް ވުމެވެ.
ދެ ޓީމުން ވެސް މުބާރާތުގައި މިހާތަނަށް ޑޮމިނޭޓް ކުޅުމެއް ދައްކާފައިވާ އިރު، މިރޭގެ މެޗަކީ ދެ ޓީމަށް ވެސް ރަނގަޅަށް ޓީމުގެ ފެންވަރުގެ އަޖުމަ ބަލައިލަން ރަނގަޅު މެޗަކަށްވާނޭ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
މަފިޓްގެ ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) ބުނީ މިރޭގެ މެޗަށް ނުކުންނާނީ ވަކި ވަކި އިންޑިވިޖުއަލް ކުޅުންތެރިއަކަށް ވަކިން ހާއްސަކަމެއް ދީގެން ނޫންކަމަށާއި، ފުރަތަމަ ސްޓާޓިންގް ޓީމު ވެސް ނަގާނީ ކުޅުންތެރިއެއްގެ ނަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި މިރޭގެ މެޗަށް ނެރޭނީ ކުޅުމަށް %100 ދޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނާއި އެކު އޮޕަރޭޝަންސް ބަލިކޮށްލުމަކީ އުދަގޫ ކަމަށް ނުވާނޭ ކަމަށް އިއްސެ ބުންޏެވެ.
"ވަކި އެއްވެސް ކުޅުންތެރިޔަކަށް ހައްގުނުވާ ފޭވަރިޒަމްއެއް ނުދޭނަން. މުޅި ޓީމަށް ބަލާއިރު މިތިބަ ހުރިހާ ކުޅުންތެރިންނަކީ މަފިޓް ވަންތަ ޓީމަށް %100 ދޭ ކުޅުންތެރިން، ކުޑަ ތަންކޮޅެއް ވެސް ދޫ ނުދޭނަން. ފުލުފުލު ސަތޭކަ ފަހަރު ބައްދަލުކުރަން ޖެހުނަސް ބަލިކުރާނަން." ކޯޗު އިސްމާޢީލް ބުންޏެވެ.
އިސްމާޢީލް އިތުރަށް ބުނީ އޮޕަރޭޝަންސް އާއި އެކު މި މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެވިއްޖެ ކަމަށާއި އެ ދެމެޗުން ވެސް އޮޕަރޭޝަންސް އަށް މަފިޓްގެ މައްޗަށް ކުރި ނުހޯދޭނެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި ވާނޭ ކަމަށެވެ.
މަފިޓް ކޯޗު ވަރުގަދަ ރޫހެއްގައި ވާހަކަ ދައްކާފައިވާއިރު، އިދިކޮޅު އޮޕަރޭޝަންސް ޓީމުގެ ކޯޗު ސާޖިދް ބުނީ މަފިޓަށް ތައުރީފްކޮށް އެ ޓީމަކީ މޮޅު ޓީމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރި ނަމަވެސް އެބުނާ ރަނގަޅު ފެންވަރަށް އަދި މަފިޓް އަށް ނުކުޅެވޭ ކަމަށެވެ. އެހެން ކަމުން މާ ޓޮޕް ލެވެލް ޓީމެއްގެ ގޮތުގައި މަފިޓް އަދި ނުގުނޭނެ ކަމަށް އޭނާ ބުންޏެވެ.
އޮޕަރޭޝަންސް ޓީމުގެ ކޯޗު ސާޖިދް ބުނީ މި މުބާރާތުގައި މަފިޓް އަތުން ދެ ބަލިވިކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް ފައިނަލް މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށެވެ. ފައިނަލުގައި މަފިޓް ބަލިކުރުން ނޫން ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މިރޭ ދަނޑުން ފައިބާނީ އެކަން ހާސިލް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
ދުވަސް އާއި ވާހަކަ ދައްކަމުން ސާޖިދު ބުނީ މަފިޓް ޓީމަށް ބުނެލަން އޮތް އެންމެ ފަހު އޮތް ބަހަކީ މިރޭގެ މެޗުން މަފިޓަށް އޮޕަރޭޝަންސް ބަލިކުރެވުމަކީ ނުވާނޭ ކަމެއް ކަމަށާއި ރަނގަޅު ގޮތަކީ މިހާރުއްސުރެ ތައްޓާއި މެދު ދެކޭ ހުވަފެންތަައް ދޫކޮށްލުން ކަމަށެވެ.
" އެންމެ ރަނގަޅު ގޮތަކީ ތައްޓާއި މެދު މަފިޓުން ދެކެމުން އަންނަ ހުވަފެން ދޫކޮށްލުން. ތައްޓަކީ އޮޕަރޭޗަންސްގެ ތައްޓެއް އިންޝާﷲ." ސާޖިދު ބުންޏެވެ.
މަފިޓް އަދި އޮޕަރޭޝަންސްގެ ވާދަވެރިކަން ބޮޑު މި މުބާރާތުގެ ފައިނަލަށް މި ދެޓީމުން ދިޔަ ގޮތަށް ބަލާއިރު، މަފިޓު މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި 1-2 އިން އޮޕަރޭޝަންސް ބަލިކޮށްގެންނެވެ. އަދި އެ މެޗަށް ފަހުވެސް އޮޕަރޭޝަންސް އަށް ފައިނަލުގެ ޖާގަ އޮތް އިރު، އެޓީމުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ސެމީގެ ދެވަނަ މެޗުގައި 1-3 އިން ޑްރީމާސް ބަލިކުރުމަށް ފަހުގައެވެ.
މަފިޓް އަދި އޮޕަރޭޝަންސް ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ މިރޭ 9:00 ގައި ފޮނަދޫ މެދު އަވަށު ޓާފް ދަނޑުގައެވެ. މި މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ މުބާރާތް އިންޒިމާމު ކުރި ކައްދޫ ރިކްރިއޭޝަން ކުލަބުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް