ސްކޭމް ކުރާ މީހުން ބޭނުން ކުރަނީ ހަމައެކަނި ކަސްޓަމަރު އަތުގައި ހުންނަ ޑޭޓާ!

ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމުގެ ޔަގީން...

01 Mar 2023 | 05:16

ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމުގެ ޔަގީންކަން އަނެއްކާވެސް އެ ބޭންކުން ދީފި އެވެ.

ބީއެމްއެލްއިން ބުނީ އެކަމުގައި ބޭންކުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއްވެސް ނެތްކަމަށެވެ. ސްކޭމްތަކުގެ ކަންކަން ގިނަވެ، ކަސްޓަމަރުންގެ ފައިސާ ގެއްލިގެން ދިޔުމަކީ ބޭންކުން ހިތާމަކުރާ ކަމެއް ކަމަށް ބުންޏެވެ.

ސްކޭމް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ދާއިރު އެ ޓްރެންޑްތައް ބަދަލުވާ ގޮތަށް ބަލައި ބީއެމްއެލްއިން އަންނަނީ އެވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަމުން ނެވެ.

އެކަމުގެ ތަފްސީލް ދެމުން ބުނީ މިދިޔަ އަހަރު ފަހުކޮޅުގައި ގިނަވެގެންދިޔައީ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް، ޕާސްވޯޑް އަދި ޖީމެއިލް ކޮމްޕްރޮމައިޒްވެގެން ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލަތަކެއް ކަމަށެވެ. އެކަމަށް ބަލާލާއިރުވެސް ކަސްޓަމަރުގެ ޔޫސަރނޭމް، ޕާސްވޯޑް އަދި އީމެއިލްގެ ޕާސްވޯޑަކީ ބޭންކުގެ މުވައްޒަފުންނަށްވެސް އެނގޭނެ މައުލޫމާތެއް ނޫންކަމަށާއި ބޭންކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތެއްވެސް ނޫން ކަމަށެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބޭންކުންވަނީ ޑިފޯލްޓްކޮށް އޯޓީޕީ ފޮނުވާ ޗެނަލްއެއްގެ ގޮތުގައި އީމެއިލް ހުއްޓާލާއި އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖައްސާފައި އެވެ. އަދި މިއަހަރުތެރޭ ކިއުއާރު ޕޭމަންޓްތަކާ ގުޅޭ ސްކޭމްތައް އިތުރުވުމާއެކު މިވަނީ ކިއުއާރު ޕޭމަންޓްތަކަށްވެސް ލިމިޓްތަކެއް ކަނޑައަލާފައި ކަމަށް ބުންޏެވެ.

އެކަމަކު އަދިވެސް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ލިންކްތަކަށް ފިތައިގެން އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ކޮމްޕްރޮމައިޒްވެފައި ހުރި އިރު އަދި ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ ޑީޓެއިލްވެސް ޖަހާފައި ހުރި ކަމަށް ބުނެ އެވެ.

މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލްވެސް ލިބޭނެ ކަމަށައި ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓަރ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި ކަމަށެވެ. އަދި ހަމައެހެންމެ ބައެއް މައްސަލަތަކަށް ބަލާއިރު އީ ސިމް ބޭނުންކޮށްފައި ހުރިއިރު މި މައުލޫމާތުތައް ބޭނުންކޮށްގެން އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ސެޓިންގ ހަދާފައި ހުރުމމުން އީމެއިލް އަށް އޯޓީޕީ ގެނެސް މުއާމަލާތްކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވާ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރުވެސް ސްކޭމްތައް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުންދާ ކަމަށެވެ.

ބޭންކިންގ އާއި ގާނޫނުތަކާއި ގަވައިދުތައް އެންމެ ހަރުދަނާ އެއް ގައުމުކަމަށްވާ ސިންގަޕޫރަށް ބަލާއިރު މިވޭތުވެދިޔަ 2022 ވަނަ އަހަރަކީ ރެކޯޑް މިންވަރަށް އެކި ސްކޭމްތަކުގައި ފައިސާ ގެއްލުނު އަހަރެއް ކަން ބީއެމްއިން ފާހަގަކޮށްފައިވެ އެވެ. މިދިޔަ އަހަރު އެ ގައުމުން 33،000 އަށް ވުރެ ގިނަ ސްކޭމް ކޭސްގައި 661 މިލިއަން ސިންގަޕޫރު ޑޮލަރު 7.5 ބިލިއަން ދިވެހި ރުފިޔާ) ގެއްލިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް