ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދަރާ ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ލިބުމުން އޭނާއާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޭނުންނަށް އެކަން ހަޖަމެއް ނުވިއެވެ.
ނިމިގެން ދިޔަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ތަށި އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކެޕްޓަން ލިއޮނެލް މެސީއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުމުން ރޮނާލްޑޯގެ ފޭނުންނަށް އެކަން ހަޖަމް ނުވިކަން ދޭހަވާ އެންމެ ބޮޑު އެއް ހެއްކަކީ މެސީއަށް މި އެވޯޑް ހައްޤު ނޫންކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފީފާއަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރުމެވެ.
ރޮނާލްޑޯގެ ގިނަ އަދަދެއްގެ ފޭނުން ސޯޝަލް މީޑިއާގައި މި ކަމާއި ގުޅިގެން ތަފާތު ޝުޢޫރުތައް ފާޅުކުރަމުން ގެންދާއިރު، އެ ފަރާތްތަކުން ބުނަމުން ގެންދަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މެސީއަށް ހައްޤު ނޫން ކަމަށާއި އެއީ ފީފާގެ ރޭވުމުގެ ދަށުން މެސީއަށް ދީފައިވާ އެވޯޑެއް ކަމަށެވެ.
މެސީއަށް ވުރެ ރެއާލް މެޑްރިޑްގެ ތަރި ކަރީމް ބެންޒެމާއަށް މި އެވޯޑް ހަޤުކަމަށް ބުނަމުން ރޮނާލްޑޯގެ ފޭނުން ބުނަމުން އަންނަނީ ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް މުބާރާތުގެ ތައްޓަކީ ވެސް ސީދާ ފީފާއިން އާޖެންޓީނާއަށް ފޭވަރ ކޮށްގެން ދީފައިވާ ތައްޓެއް ކަމަށެވެ.
އަދި އެއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާެރާއިން ހިންގާފައިވާ ބޮޑު ކޮރަޕްޝަނެއް ކަމަށާއި އެ ކަން ބަލާ ތަހުޤީޤު ކުރަން ޖެހޭ ކަމަށް ވެސް ރޮނާލްޑޯގެ ފޭނުން ބުނެއެވެ. އަދި މީގެ އިތުރުން މެސީއަކީ ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާ ނޫން ކަމަށާއި މެސީއަށް ވުރެ ރޮނާލްޑޯ މޮޅުކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮލު ކުޅުންތެރިޔާގެ މަޤާމު މެސީއަށް ލިބުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ރޮނާލްޑޯގެ ބައެއް ފޭނުން ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ފޭނުން ވަނީ ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.
ބައެއް ފޭނުން ބުނެފައިވަނީ އެ އެވޯޑް ހަފްލާގައި ފީފާގެ ރައީސް އިންފަންޓީނޯ ދެއްކި ވާހަކައިގައި ރޮނާލްޑޯއަށް މަލާމަތްކޮށް ހަޖޫ ޖަހާ މޭރުމަކުން ވާހަކަ ދައްކާފައިވާ ކަމަށާއި އެއީ އެފަދަ މީހަކު ކޮށްގެން ނުވާނޭ ފަދަ ދަށުދަރައިޖައިގެ ވާހަކަތަކެއް ކަމަށެވެ.
" އަހަރެމެންނަށް އެނގޭ މެސީއަށް އެ އެވޯޑް ދިނީ ފީފާގެ ރޭވުމުންކަން. އެއީ މެސީއަށް ހައްޤުވާ އެވޯޑެއް ނޫން. މެސީއަށް ވުރެ އެ އެވޯޑް ލިބުން ހައްޤު ބެންޒެމާއަށް ވެސް." ރޮނާލްޑޯގެ ފޭނެއް ބުނެފައިވެއެވެ.
" އެވޯޑް ހަފްލާގައި ފީފާގެ ރައީސް އިންފަންޓީނޯ ދެއްކި ވާހަތައް ކުއްވެރި ކުރަން. އޭނާ ވަނީ ރޮނާލްޑޯއަށް މަލާމާތް ރައްދުވާ ގޮތަށް އެ ހަފްލާގައި ވާހަކަ ދައްކާފަ. އިންފަންޓީނޯ ފީފާގެ ރައީސްގެ މަޤާމުން އިސްތިއުފާ ދޭން ޖެހޭ." ރޮނާލްޑޯގެ އިތުރު ފޭނަކު ބުނެފައިވެއެވެ.
މެސީ އާއި ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަމަށް އަދިވެސް ނިމުމެއް ނާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް