ދިރާގަށް 'ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވާރކް' އެވޯޑް އޫކްލާއިން ހަވާލުކޮށްފިއެވެ.
އޫކްލާއިން މި އެވޯޑް ދިރާގާއި ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ހިނގަމުންދާ މޯބައިލް ވޯލްޑް ކޮންގްރެސް 2023 ގައެވެ. އެ ކުންފުނީގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.
މިއަހަރުގެ ކުރީކޮޅުގައި އޫކްލާއިން ވަނީ 2022 ވަނަ އަހަރުގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯރކްގެ އެވޯޑް ދިރާގަށް ލިބިފައިވާކަން އިއުލާންކޮށްފައެވެ. މިއީ އެކުންފުންޏަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ.
މި އެވޯޑު ލިބުމާއި ގުޅިގެން ދިރާގުގެ ސީއީއޯ ރަޝީދު ވިދާޅުވީ ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯރކް އޮޕަރޭޓަރުގެ މަގާމު އޫކްލާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ މިކާމިޔާބީ ހާސިލްކުރެވުނީ ދިރާގު މުވައްޒަފުންގެ ހިތްވަރާއި ކަސްޓަމަރުންނަށް ރަނގަޅު ފެންވަރުގެ ޚިދުމަތް ހޯދައިދިނުމަށް އެފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
އަދި މިދަނޑިވަޅުގައި ކަސްޓަމަރުން ކެނޑިނޭޅި ދެމުން ގެންދާ ތަރުހީބާއި އިތުބާރަށް ޝުކުރު އަދާ ކުރެއްވި އެވެ. މީގެ އިތުރުން އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްކަން ޔަގީންކޮށް އަރުވާ ކަމަށް ވިދާޅުވި އެވެ.
އޫލްކާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވީ އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަސްއަކީ ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ މަތީ ފެންވަރުގެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އޮޕަރޭޓަރުންނަށް ދޭ ޚާއްސަ އެވޯޑަކާއި ލަގަބެއް ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ދިރާގާ ހަވާލުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި އެވޯޑަކީ 2022 ގައި ދިރާގުން ދެއްކި އާދަޔާޚިލާފު ޕަރފޯމަންސްގެ އަލިގަދަ ހެއްކެ ކަމަށް ވިދާޅުވި އެވެ.
އޫކްލާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވަރކް ޓެސްޓްކުރާ އެކި އެޕްލިކޭޝަން، ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގެ މާހިރުންނެވެ. މިގޮތުން އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވަރކްތަކުގެ ޕާރފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މަޢުލޫމާތު އެއްކުރެއެވެ.
ދިރާގަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.
މިގޮތުން އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް