އެމްއޭސީއެލުން ބީލަންތައް މެނޭޖު ކުރުމަށް އޮންލައިން ޓެންޑަރ ޕޯޓަލެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެކުންފުނީގެ ބީލަންތައް މެނޭޖު ކުރުމަށްޓަކާ އޮންލައިން ޓެންޑަރ ޕޯޓަލްއެއް ލޯންޗު ކުރުމަށް ނިންމައިފިއެވެ. އެމްއޭސީއެލުން ބުނީ މި އޮންލައިން ...

01 Mar 2023 | 04:11

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެކުންފުނީގެ ބީލަންތައް މެނޭޖު ކުރުމަށްޓަކާ އޮންލައިން ޓެންޑަރ ޕޯޓަލްއެއް ލޯންޗު ކުރުމަށް ނިންމައިފިއެވެ.

އެމްއޭސީއެލުން ބުނީ މި އޮންލައިން ޕޯޓަލް ލޯންޗު ކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.

އަދި މި އޮންލައިން ޕޯޓަލްގެ ބޭނުމަކީ ބީންލަންތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ވަކި ޕޯޓަލްއަކުން ސްޓްރީމްލައިން ކުރުމުގެ އިތުރުން، މިފަދަ ހުރިހާ މަސައްކަތްތަކުގެ ޓްރާންޕޭރެންސީ އިތުރުކުރުން ކަމަށް އެމްއޭސީއެލުން ހާމަކޮށްފައި ވެއެވެ.

އެމްއޭސީއެލުން ބުނީ މި ޕޯޓަލް ބޭނުންކުރަން ފެށުމުން، ވެންޑަރ ރެޖިސްޓްރޭޝަންއާއި، ޓެންޑަރ ކުރުމާއި، ބީލަންތަކަށް ކުރިމަތި ލުމާއި، އެމްއޭސީއެލްއިން އާންމު ކުރާ ރިކުއެސްޓު ފޯރ ކޯޓޭޝަން (RFQ)އާއި އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (EOI) ތައްވެސް މި ޕޯޓަލްއިން ލިބެން ހުންނާނެ ކަމަށެވެ.

މި ޓެންޑަރ ޕޯޓަލް ޑިޒައިން ކޮށްފައިވަނީ، ޓެންޑަރ ޕްރޮސެސްގެ ހަމަހަމަ ކަމާއިއެކު ޕްރޮކިއުމަންޓް ޕްރޮސެސް ކުރިޔަށް ގެންދިއުމުގެ އިތުރުން، ވެންޑަރތައް ރަޖިސްޓްރީ ކުރުމާއި، ޓެންޑަރ ޕްރޮސެސްތަކުގައި ބައިވެރިވެވޭނެ އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އަދި ޑޮކިއުމަންޓްތައް އެއްކަރުދާސްކޮށް ހުށަހަޅަން ޖެހުމުގެ ބަދަލުގައި، މި ޕްލެޓްފޯމު ބޭނުންކުރަން ފެށުމުން، އޮންލައިން ކޮށް ހުށަހެޅޭނެ މަގު ފަހިވެ، މައްސަލަތައް ކުރިމަތި ވުމުގެ ރިސްކު ކުޑަކުރެވި، މުޅި ޕްރޮކިއުމަންޓް ޕްރޮސެސްގެ އިތުބާރު ބޮޑުވެގެން ދާނެކަމުގައި ވެސް އެމްއޭސީއެލުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްއޭސީއެލުން ބުނީ، އެކުންފުނީގެ ވެބްސައިޓުގައިވާ ޓެންޑަރ ޕޭޖުން ވެންޑަރތަކަށް އެކުންފުނީގައި ރަޖިސްޓްރީ ވެވޭނެ ކަމަށާއި ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، ވެންޑަރ ޕްރޮފައިލް އަޕްޑޭޓްކޮށް، ވެންޑަރތަކަށް އެފަރާތްތަކުގެ ހުރިހާ ޓެންޑަރތަކެއްވެސް މި ޕޯޓަލްއިން ބަލާލެވެން ހުންނާނެ ކަމަށެވެ.

އަދި ޓެންޑަރތައް އެޕްރޫވް ކުރުމުން، ވެންޑަރތަކަށް މި ޕޯޓަލްގެ "އެކްޝަންސް" މެނޫ މެދުވެރިކޮށް، އޮފަރ ތަކާއި އަދި އެފަރާތްތަކުގެ ކުއެރީތައް ހުށަހެޅުމުގެ ފުރުސަތު ލިބގެންދާނެ ކަމަށްވެސް އެމްއޭސީއެލުން ހާމަކުރެ އެވެ.

އެމްއޭސީއެލުން ބުނީ، ޓެންޑަރ ޕޯޓަލްއަކީ އެކުންފުނި ޑިޖިޓަލައިޒް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިއީ ޓްރާންސްޕޭރެންސީ ޕްރޮމޯޓުކޮށް، ކުންފުނީގެ އެންމެހާ އޮޕަރޭޝަންތަކުގެ ފުރިހަމަކަން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް