ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި އެގައުމުން ސިފައިން ބޭލުމަށް ރަޝިއާއިން ތިން ޝަރުތެއް ހުށަހަޅައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިން އަރައި ރަޝިއާއިން ދަނީ މިދިޔަ ފަސް ދުވަހު ކަނޑާއި، ވައި އަދި އެއްގަމު މަގުން ހަމަލާތައް ދެމުންނެވެ. މި ހާމަލާތަކުގައި މިހާތަނަށް ޔޫކްރެއިންގެ 350 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
މަޝްރަހު އިތުރަށް ހޫނު ވިޔަ ނުދިއުމަށް ބެލަރުސް މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އިއްޔެ ވަނީ ސުލްހައިގެ މަޝްވަރާތައް ފަށާފަ އެވެ. މި މަޝްވަރާތަކުގައި ޔޫކްރެއިންއިން ވަނީ ރަޝިއާ ސިފައިން ވަގުތުން އެ ގައުމުން ފޭބުމަށް ގޮވާލާފަ އެވެ. ރަޝިއާއިން ބުނީ އެމީހުންގެ ޝަރުތުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.
އޭގެ ފަހުން ރަޝިއާއިން ބުނެފައިވަނީ ޔޫކްރެއިން ހަނގުރާމަ ހުއްޓާލާނީ 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ދެކުނު ސަރަހައްދު، ކްރީމިއާއަކީ ރަޝިޔާގެ ބިމެއް ކަމަށް ޔޫކްރޭނުން ވެސް އަދި ހުޅަނގުގެ ގައުމުތަކުން ވެސް އިއުތިރާފް ވުމުން ކަމަށެވެ. އަދި ރަޝިޔާގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޔޫކްރެއިންގައި ހިންގާ އަސްކަރީ އެންމެހައި ހަރަކާތްތަކާއި ނާޒީ ހަރަކާތްތައް ހުއްޓައިލުމެވެ.
މީގެ އިތުރުން ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޔޫކްރޭން ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ވެސް ރަޝިޔާގެ ޝަރުތެކެވެ.
ދެ ގައުމުގައި ދެމެދުގައި ފަށާފައިވާ މަޝްވަރާތަކާއި ގުޅޭގޮތުން އޮފިޝަލުން ވިދާޅުވީ އަލިމަގެއް ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް