” ނޫން.. ނަޖޫއަށް ގުޅާނީ އަހަރެން… އެކަމަކު ދެން މާދަން…” ރޫބީ ބުންޏެވެ. އެވަގުތު މުއީންގެ ނަން ގޮވައިލި އަޑަށް އައި ސީ ޔޫގެ ދޮރާ ދިމާލަށް ރޫބީއާއި އާކިން ބަލައިލިއެވެ. ރޫބީ ދާން އުޅުމުން އޭނާ ކައިރީގައި މަޑުކުރަން ބުނުމަށްފަހު އެތެރެއަށްވަނީ އާކިންއެވެ.
*****************
އާކިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އައި ސީ ޔޫ ގެ ދޮރުމަތީގައި ރީނާއާއި ރޫބީ ކެތްމަދުވެފައި ތިއްބެވެ. ދެމީހުންގެވެސް ހިތް އަވަސްވެފައިވާ ހާލު ދުޢާ ކުރަމުން ދިޔައީ މުއީންގެ ހެޔޮ ސިއްޙަތަށްޓަކައެވެ. އާކިން ނިކުންނަން އިރުކޮޅެއް ނެގިއެވެ. އާކިންގެ މޫނު ފެނުމާއެކު ރަނގަޅު ޙަބަރެއް ނޫންކަން ރޫބީއަށް އެނގުނެވެ. ރީނާ ގައިގައި ރޫބީއަށް ހިފަހައްޓައިލެވުނެވެ.
" ޑޮކްޓަރުން ބުނީ އެއްވެސް އުއްމީދެއް ނެތް ކަމަށް.. އޮކްސިޖަން އަދި ހިތުގެ ތެޅުންވެސް ދަނީ ދަށައް.. އިރުކޮޅަކުން ވޯޑަކަށް ބަދަލު ކުރާނެ.. ބައްދަލު ކުރަން ބޭނުންވާ މީހުން ވީހާވެސް އަވަހަކަށް އަންނަން ބުނީ..." ކަރު އެލުވާލައިގެން ހުރެ އާކިން ބުނެލިއެވެ. ރީނާ މޫނުމަތީގައި އަތް އަޅައިގެން ހުރެ ރޯންފެށިއެވެ. ރޫބީގެ ހިތަށް އިންތިހާއަށް އަސަރު ކުރި ނަމަވެސް ރީނާއަށްޓަކައި ކެތްތެރިވާން މަޖުބޫރުވިއެވެ. ޖީބުން ފޯނު ނެގުމަށްފަހު އާކިން އެއްކައިރިއަށް ޖެހިލީ އެނާގެ ގޭމީހުންނަށް ގުޅުމަށްފަހު އެޙަބަރު ދިނުމަށެވެ.
********************
ސޯފާގައި އިން ނަޖުވާއަށް ސައިފް އޭނާގެ އަތުގައިވާ ދެކޮފީތަށިން އެއްތަށި ދިއްކޮށްލިއެވެ. ޝުކުރުއަދާ ކުރުމަށްފަހު ނަޖުވާ ހިނިތުންވެލިއެވެ. އެހެންނަމަވެސް އެމޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން ސައިފްއަށް ސިއްރެއް ނުވިއެވެ.
" ސައިފް ކެއީތަ؟" ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ނަޖުވާ އަހައިލިއެވެ.
" ނޫން...." ނަޖުވާއިން ގޮނޑިއާ ދިމާލަށް ހުރި ގޮނޑީގައި އިށީންނަމުން ސައިފް ޖަވާބުދިނެވެ.
" އެއީ ކީއްވެ؟ " ނަޖުވާ އަހައިލިއެވެ.
" ނަޖޫވެސް ނުކަމެއްނު.. " ސައިފް ބުނެލިއެވެ.
" އަހަރެން ނުކެއިއްޔާ ސައިފްވެސް ނުކާނަންތަ؟ " އިރުކޮޅަކު ވިސްނަން އިނުމަށްފަހު ނަޖުވާ ބުނެލިއެވެ. އޭނާ ސައފްގެ މޫނަށް ބަލަމުން ދިޔައީ ކަމެއް ދެނެގަންނަން ބޭނުންވާ ފަދައަކުންނެވެ. އެވަގުތު އަމިއްލަ މީހާގެ އިހުސާސްތައް ދެނެގަންނަން ހުދު ނަޖުވާއަށްވެސް ނޭނގެއެވެ. އެސުވާލު ކުރެވުނީ ކީއްވެގެން ކަމެއްވެސް އޭނާއަށް ނޭނގުނެވެ. އެނގޭ އެއްޗަކީ ސައިފްގެ ފަރާތުން ކޮންމެވެސް ޖަވާބެއް ބޭނުންވާ ކަމެވެ. އެއްވެސް އިޙްތިޔާރެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އޭނާ ހިތްއެދޭ ފަދަ ޖަވާބަކަށެވެ.
" ނަޖޫ ނުކަންޏާ އަހަރެންނަކަށްވެސް ނުކެވޭނެ... މިހާރު އަހަރެން ނަޖޫއަށް އާދަވެއްޖެ ކަންނޭނގެ. ތީ މިހަޔާތުގެ އެއްބައި ކަމުގައި ވެއްޖެ.. ނަޖޫ އާ ނުލާ އެއްވެސް ކަމެއް ކުރާހިތެއް އަހަރެން ނުވޭ... " އެބަސްތައް ވީ ސައިފްގެ ހިތުގައެވެ. ލަފުޒުތަކެއްގެ ސިފައިގައި އެބަސްތައް ދުލަށް ގެންނާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނުން ޖީބުގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އަރިއަކަށް ޖެހިލުމަށްފަހު ޖޯބުން ފޯނު އޭނާ ނެގިއެވެ. ސްކްރީނަށް އަރާފައި އޮތް ރޫބީގެ ނަން ފެނުމުން ސައިފްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ރޫބީ ގުޅާފައި ނުވާތީއެވެ. އޮޅިގެން ގުޅެނީ ކަމަށް ހީކޮށް ފޯނުގެ އަޑު ކަނޑައިލުމަށްފަހު އޭނާ ކައިރީގައި ސޯފާގައި ބާއްވައިލިއެވެ.
" އެކަނިން އިނދެ ކާން ފޫހިވީމަ ނުކެއީ..." ހިނިތުންވެލަމުން ނަޖުވާ ކުރި ސުވާލުގެ ޖަވާބު ސައިފް ދިނެވެ. އުއްމީދު ކުރި ކަހަލަގެ ޖަވާބަކަށް ނުވިޔަސް ނަޖުވާ ހިނިތުންވެލިއެވެ. އެހިނދު އަނެއްކާވެސް ސައިފްގެ ފޯނު ރިންގުވާން ފެށިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނުނަގާ ހުންނާކަށް ސައިފްއަށް ނުކެރުނެވެ. ނަޖުވާ ކައިރީގައި މި އަންނަނީއޭ ބުނުމަށްފަހު ފޯނު ހިފައިގެން އެއްކައިރިއަށް ސައިފް ޖެހިލިއެވެ.
" ސައިފް! ކޮބާ ނަޖޫ...." ސައިފްއަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ރޫބީ ބުންޏެވެ. ރޫބީގެ އަޑުން އޭނާ ކަންބޮޑުވެފައި ހުރިވަރު ސައިފްއަށް އެނގުނެވެ.
" ކިހިނެއްވީ ރޫބީ.. ހުރިހާ ކަމެއް ރަނގަޅުތަ؟" ސައިފް އަހައިލިއެވެ.
" އިޓްސް ބައްޕަ.. ވަރަށް ހާލުދެރަ... ޑޮކްޓަރުންގެ އެއްވެސް އުއްމީދެއް ނެތް..." އެހެންބުނެވުނު އިރު ރޫބީއަށް ރޮވިއްޖެއެވެ. " ނަޖޫއާށް ހުރިހާ ވާހަކައެއް ކިޔައިދޭންވީ ވަގުތު އައިސް ޖެހިއްޖެ..."
ސައިފް އިރުކޮޅަކު ވިސްނާލަން ހުއްޓެވެ. ނަޖުވާ ކައިރީގައި ރޫބީގެ ވާހަކަ ބުނެފިނަމަ ދެން ވާނި ކިހިނެއް ހެއްޔެވެ؟ ރޫބީއާ ނަޖުވާ ވާހަކަ ދައްކާނެ ހެއްޔެވެ؟ ނަމަވެސް އެވާހަކަތައް ނަޖުވާއަށް ކިޔައިދިނުން މަޖުބޫރެވެ. އެހެންނޫނީ ވަގުތު ފާއިތުވެދާނެއެވެ.
" އަހަރެން އިރުކޮޅަކުން ފޯނު ސްޕީކަރއަށް ލާނަން.. މަޑުކޮށްލާ..." މިހެން ބުނުމަށްފަހު ސައިފް އޭނާގެ ފޯނު މިއުޓް ކޮށްލިއެވެ. ސޯފާގައި ކޮފީ ބޯން އިން ނަޖުވާއަށް ބަލައިލިއެވެ. ހަޤީޤަތް ކިޔައިދިނުމުން ނަޖުވާ އޭނާއަށް ނަފްރަތުކޮށްފާނެ ހެއްޔެވެ؟ ސައިފް މިހުރިހާ ދުވަހު ނަޖުވާއަށް ކޮށްދިން ހުރިހާ ކަމަކީ ހަޤީޤަތުގައި ރޫބީގެ އެދެމުގެ މަތިން ކޮށްދިން ކަންތައްތަކެއްކަން އެނގުމުން ނަޖުވާ ބުނާނީ ކީކޭ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވިސްނަން ހުރެވޭކަށް ނެތެވެ. ސައިފް މަޑުމަޑުން ގޮސް ނަޖުވާ ކައިރީގައި ސޯފާގައި އިށީނެވެ. އޭނާ ނަޖުވާއަށް ބަލަހައްޓައިގެން އިންގޮތުން ކޮންމެވެސް ކަމެއް ވެއްޖެއޭ ނަޖުވާގެ ހިތް ބުނަމުން ދިޔައެވެ.
" ކިހިނެއްވީ؟ ކާކު ގުޅީ..؟.." ނަޖުވާ ސުވާލުކޮށްލިއެވެ.
" ނަޖޫ!!! މިފޯނު އަހަރެން ސްޕީކަރަށް ލާނަން... ރުޅި ނައިސް އެދައްކާ ވާހަކައެއް އަޑު އަހާލަބަލަ..!" ސައިފް އެދުނެވެ. ނަޖުވާގެ ދެބުމަ ގޮށްޖެހުނެވެ. ކާކު ބާއޭ ހިތަށް އަރަމުން ދިޔައެވެ. ސައިފް އޭނާގެ ފޯނު ސްޕީކަރަށް ލުމަށްފަހު ދެން ވާހަކަ ދެއްކުމަށް ބުންޏެވެ.
" ނަޖޫ....." ރުއިމުގެ ތެރެއިން ރޫބީ ގޮވައިލިއެވެ. އެތައް ދުވަހަކަށްފަހު ވެސް ރޫބީގެ އަޑު ޖެހުމުން ނަޖުވާއަށް އިނގުނެވެ. އަނގަ އާ ދިމާލަށް ގެންދިޔަ ކޮފީތަށި ލަސްލަހުން ދުރުކޮށްލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ރޫބީގެ ރޮވިފައިވާ އަޑު ޖެހުމުން ނަޖްވާއަށް އެއްޗެއް ނުބުނެވުނެވެ.
"ނަޖޫ އެބަ ހުރިންތަ؟ ނަޖޫގެ ހާލު ކިހިނެއްތަ؟" ރޫބީ އެހިއެވެ. ނަޖުވާ ބަހެއް ނުބުނި ކަމުގައި ވިޔަސް ރޫބީގެ ކޮންމެ ސުވާލަކަށް ނަޖުވާ ހިތުން ޖަވާބުދެމުން ދިޔައެވެ.
"އެނގޭ އަހަރެންދެކެ ވަރަށް ރުޅިއައިސްފަކަން އަދިވެސް. އައިމް ސޮރީ ނަޖޫ" ރޫބީ ބުންޏެވެ. ނަޖުވާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.
"އޭރު އެހެން ކަންތައް ކުރެވުނީ މަޖުބޫރުވެގެން... އަހަރެންނަށް މަޖުބޫރުވީ ބައްޕަގެ ބައްޔާ ހެދި.. ނަޖޫ ބައްޕަ ދަނީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން.." ރޫބީ ކިޔައިދިނެވެ. ނަޖުވާއަށް ލިބުނު ސިހުމުގައި އަނގަ ހުޅުވުނެވެ. އަތުން ކޮފީ ޖޯޑު ދޫވާން އުޅުނު ހިނދު އެއަތުގައި ހިފީ ކައިރީގައި އިން ސައިފެވެ.
" އަހަރެން މަންމަ ކައިރީގައި ބުނިން ނަޖޫ އާއި އާކިން އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ.. އަހަރެންނަށް އެކައިވެނި ކުރެވެން ނެތް ވާހަކަ.. އަހަރެންގެ ބަދަލުގައި އާކިން އާއި ނަޖޫގެ ކައިވެނި ކުރެވުނު ނަމަވެސް ބައްޕަ އުފާވާނެ ވާހަކަ.. އެކަމަކު އެހެން ކަންތައް ކޮށްދެވެން ނެތް ވާހަކަ މަންމަ ކިޔައިދިނީ ރޮމުން.. އެއީ އާކިންގެ މަންމަ ނަޖޫއަށް ނަފްރަތު ކުރާވަރު އެނގޭތީ... އާކިންއާ ކައިވެނި ކޮށްގެން ނަޖޫއަށް އުފަލެއް ނުލިބޭނެކަން އިހުސާސްވާތީ.. ޤަބޫލު ކުރޭ ނަޖޫ.. މަންމަ އެނިންމުން ނިންމީ ހަމަ ނަޖޫއަށްޓަކައި.. ނަޖޫ ދެކެ ލޯބިވާތީ.. " ގިސްލެވޭ ހާލު ރޫބީ ކިޔައިދިނެވެ. އެހިސާބުން ނަޖުވާއަށް ރޮވިއްޖެއެވެ. ވާހަކަ ދައްކަން އޭނާއަށް އުނދަގޫވިއެވެ. ދެންވެސް ވާހަކަ ދައްކަން ޖެހުނީ ރޫބީއަށެވެ.
" ނަޖޫ!! މިވަގުތު ބައްޕަ ގުނަމުން އެދަނީ ޙަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ކަންނޭނގެ.. ބައްޕަ ބޭނުންވި ފަހު ފަހަރަށް ނަޖޫ ދެކިލަން.. މިހާރު އެބައްޕަގެ ހޭވެރިކަމެއް ނެތަސް ނަޖޫ ބައްޕަ ކައިރީގައި ހުންނަން ބޭނުންވާނެކަން ޔަގީން.. އަހަރެންވެސް މަންމަވެސް މިތާނގައި ނަޖޫ ހުންނަން ބޭނުން.. ޕްލީޒް ނަޖޫ ކުޑަ އިރުކޮޅަކަށް ނަމަވެސް މިތަނަށް އައިސް ދީ.. " އާދޭހުގެ ރާގެއްގައި ރޫބީ ބުންޏެވެ. ނަޖުވާއަށް ރޮވުން ނޫން ކަމެއް ނުކުރެވުނެވެ. އިތުރަށް ވާހަކަ ދައްކަން ރޫބީއަށް ވެސް އުނދަގޫވެ ފޯނު ކަނޑައިލިއެވެ.
" ރޫބީ އެދެއްކީ ތެދު ވާހަކަތަކެއް ނަޖޫ.. އަހަރެންނަށްވެސް އެހުރިހާ ވާހަކަތަކެއް ކިޔައިދިން.. ރޫބީ ވަރަށް ލޯބިވޭ ނަޖޫ ދެކެ.. އެނގޭތަ؟ ނަޖޫ ގޮވައިގެން އަހަރެން މިރަށައްވެސް އައީ ރޫބީގެ އެދުމުގެ މަތިން.. ނަޖޫއަށް ޙަރަދު ކުރީ އަހަރެންނެއް ނޫން.. ހުރިހާ ޙަރަދެއްވެސް ކުރީ ރޫބީ.. މިއަދާ ޖެހެންދެންވެސް ރޫބީ އައީ ބަރާބަރަށް ނަޖޫގެ ހާލު ބަލަމުން.. އެފަދަ ރަޙުމަތްތެރިންނަކީ މީހަކަށް ލިބޭނެ ވަރަށް ބޮޑު ނިޢުމަތެއް.. " ސައިފް ކިޔައިދިނެވެ. އެވާހަކަތައް އިވުމުން ނަޖުވާގެ ހިތް ރޫބީއަށްޓައި ޝުކުރުން ފުރުނެވެ. މިވީހާ ދުވަހު އޭނާއަށް ހީވެފައި އޮތް ހީވުން ކުށްހީއަކަށް ވީތީ އެކަމާ އުފާކުރެވުނެވެ. ނަމަވެސް އެހުރިހާ ކަމަކީ ސައިފް އަމިއްލަ ހިތަށް ފެނިގެން ކޮށްދިން ކަންކަމެއް ނޫންކަން އެނގުމުން އެކަމާ ދެރަވިއެވެ. އެހެންނަމަވެސް އެކަން ހާމަ ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ސައިފް ކައިރިން އޭނާ އެދުނީ ވީހާވެސް އަވަހަކަށް އޭނާ މުއީން ކައިރިއަށް ގެންގޮސް ދިނުމަށެވެ.
****************
މުއީން ވޯޑަށް ބަދަލުކުރި ފަހުން އެންމެ ހިނދުކޮޅަކަށްވެސް ރޫބީ މުއީން ކައިރިން ދުރަކަށް ނުދެއެވެ. މުއީންގެ ބޯކައިރީގައި އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ ރޫބީ ހުއްޓެވެ. ރޫބީގެ ފަހަތުގައި އޭނާގެ ކޮނޑުގައި ހިފަހައްޓައިލައިގެން އާކިން ހުއްޓެވެ. އެނދުގެ އަނެއްފަރާތުގައި ހުރީ ރީނާއެވެ. ބޭނުންވީ ހިތް ފުރޭވަރު ވަންދެން މުއީންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށެވެ. މުއީން އޮތް އެނދުގެ ފައިލާ ކޮޅުގައި އައްބާސްއާއި ހުޜާޝާ ތިއްބެވެ. އަމްރާއާއި އަރީކް އަދި ޒޫނީވެސް އެތަނުގައި ތިއްބެވެ. ރޫބީ އިރުއިރުކޮޅުން މުއީންގެ ކަންފަތް ދޮށުގައި ޝަހާދަތް ކިޔައިދެއެވެ. އިރުކޮޅަކުން އެތަނަށް މުއީންގެ ގާތް ތިމާގެ މީހުން އަންނަން ފެށިއެވެ. ކޮންމެ މީހަކުވެސް މުއީންއަށް ބަލައިލަނީ ޙަމްދަރުދީގެ ބެލުމަކުންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. ބައެއް މީހުން ރީނާއާއި ރޫބީއަށް ހިތްވަރު ދެމުން ދިޔައެވެ. ރޫބީގެ ދެލޯ ހޯދަމުން ދިޔައީ އެންމެ މީހެކެވެ. ނަޖުވާ އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރޫބީއަށް އޮތެވެ. އެންމެ ފަހުން ރޫބީގެ އިންތިޒާރު ނިމުމަކަށް އައެވެ. ނަޖުވާއާއި ސައިފް ވަދެގެން އައީ އެކުއެކީގައެވެ. އެހިސާބުންވެސް ނަޖުވާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ރޫބީއަށް ފެނިއްޖެއެވެ. އެހާ ދުވަސް ފަހުން ނަޖުވާ ފެނުމާއެކު ރޫބީގެ ދެލޯ ވިދައިގަތެވެ. ކުރެވުނީ ހުރިހާ އިހުސާސްތަކެއް އެކުވެފައިވާފަދަ އިހުސާސެކެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ ނަމަވެސް ހީނލެވުނެވެ. ބޭނުންވީ ގޮސް ނަޖުވާ ގައިގައި ބައްދައިލުމަށެވެ. ހިތް ފުރޭވަރުވަންދެން ނަޖުވާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޯލުމަށެވެ.
" ނަޖޫ.." މަޑު އާހަކާއި އެކު ރޫބީއަށް ބުނެވުނެވެ. އެހނިދު އެތާ ތިބި އެހެންމީހުންވެސް ރޫބީ ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއެވެ. އާކިންވެސް ސިހިފައި ބަލައިލިއެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ ތިން މާރިޗް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް