އަނެއްކާވެސް އިހުމާލެއް: ކަށި ބިނދިފައިވާ އަތަކާއެކު އުމުރުން ދުވަސްވީ މީހަކު 20 ދުވަސް !

ލާމު ގަމު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި އުމުރުން ދުވަސްވީ މީހަކާއިމެދު އެ ހޮސްޕިޓަލިގެ ޑަކުޓަރު އަމަލުކުރިގޮތުން ކަށި ބިނދިފައިވާ އަތަކާއެކު ފަނަރައެއްހާ ދުވަސް އުޅެން ޖެހިއްޖެއެވެ. ދުވަހަށް މައުލޫމާތު...

01 Mar 2022 | 11:57

ލާމު ގަމު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި އުމުރުން ދުވަސްވީ މީހަކާއިމެދު އެ ހޮސްޕިޓަލިގެ ޑަކުޓަރު އަމަލުކުރިގޮތުން ކަށި ބިނދިފައިވާ އަތަކާއެކު ފަނަރައެއްހާ ދުވަސް އުޅެން ޖެހިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެމުން އުމުރުން 79 އަހަރުގެ އެ ފިރިހެން މީހާގެ އާއިލާ މެންބަރަކު ބުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު، ރުކަކުން ވެއްޓުނު ކާއްޓަކުން ޖެހި އަތަށް ތަދުވާތީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ދެއްކީ މިދިޔަ މަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

"ދެއްކީމާ ހަމަ އަތްޖަހާލާފަ ބުނެފި ނެތޭ ކައްޓަށް ކަމެއް ވެފައެއް، އުނގުޅާނެ ބޭހާ ކާނެ ބޭހާ ދީފަ އުޅުނީ ފޮނުވާލަން" ޕޭޝަންޓްގެ ކެއަރ ޓޭކަރ ދުވަހަށް މައުލޫމާތުދެމުން ބުންޏެވެ.

އޭނާ ބުނީ އަތަށް ވަރަށް ތަދުވާތީ އުޅޭތީ، އެކްސްރޭއަށް ހަދައިދޭން އެދުމުން ޑަކުޓަރު އެކަމަށް އިންކާރު ކުރި ކަމަށެވެ. ތަކުރާރުކޮށް ތިންފަހަރު އެދުމުންވެސް އިންކާރުކޮށް އެންމެފަހުން އައީ ރުޅި ކަމަށެވެ. އަދި ތަދުވަންޏާ ކާނެބޭސްވެސް ހުންނާނެކަމަށްބުނެ ފޮނުވާލީ ކަމަށް އޭނާ ބުންޏެވެ.

އެ އަތޮޅު ކުނަހަންދުއަށް ނިސްބަތްވާ އުމުން ދުވަސްވީ އެމީހާގެ އަތަށް ކުޑަނަމަވެސް ލުޔެއް ނުލިބި ތަދު އިތުރަށް ގަދަވާތީ އަނެއްކާ އިއްޔެ ނޫން ކުރީދުވަހު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގޮސް އާންމު ބަލީގެ ޑަކުޓަރަށް ދެއްކިއެވެ. އެ ޑަކުޓަރު ގާތު އެކްސްރޭއެއް ނަގައިދޭން އެދުމުން އެ ޑަކުޓަރު ބުނީ ކަށީގެ ޑަކުޓަރު އެކްސްރޭ ބޭނުން ނުވާކަމަށް ބުނެފައި އޮއްވާ އާންމު ޑަކުޓަރަށް އެކްސްރޭ ނުނެގޭނެ ކަމަށެވެ.

އާއިލާއިން ތަކުރާރުކޮށް އެކްސްރޭ ނަގައިދޭން އެދުމުން އިއްޔެ ނޫން ކުރީ ދުވަހު ގަމު ރީޖަނަލް ހޮސްޕިޓަލުން އެކްސްރޭ ނެގި އިރު އަތުގެ މެދެއްހާ ހިސާބުން ކަށި އިނީ ބިނދިފައެވެ. އެކްސްރޭއިން ސާފުކޮށް ފެންނަން ހުއްޓެވެ.

އާއިލާއިން ބުނީ ދެން އެ ހޮސްޕިޓަލުން އެދުނީ އާސަންދަ ހަމަޖައްސައި މާލެ ފޮނުވަން އެޑްމިޓްވާން ކަމަށެވެ. ނަމަވެސް ކޮވިޑު ޓެސްޓްވެސް ހެދުމަށްފަހު އެ އޮޕަރޭޝަން ކުރާނީ އެ ހޮސްޕިޓަލުން ކަމަށް ބުނުމުން އެކަމަށް އިންކާރުކޮށް މިހާރު މަސައްކަތް ކުުރަނީ އަމިއްލައަށް މާލެދާން ކަމަށް އާއިލާއިން ބުންޏެވެ.

"ހަމަ އެ ޑަކުޓަރުލައްވާ އެ އޮަޕަރޭޝަން ކުރަން ކިހިނެއްތޯ އާއިލާއިން ގަބޫލުވާނީ" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލް ގަމު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހަމައްދު ޝިޔާމް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. ޑަކުޓަރާ މިހާރު ވާހަކަދައްކާފައިވާނެ ކަމަށާއި ކަންވީގޮތް ޑަކުޓަރު ހިއްސާކުރި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހަމައްދު ޝިޔާމް ވިދާޅުވީ އެކަމުގެ ޝަކުވާ ލިބިފައި ވާކަމަށާއި، އެކަން ހިނގާދިޔަގޮތް ޑަކުޓަރުވެސް ކިޔާދީފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ދުވަސްވަރަކީ އެ ހޮސްޕިޓަލުގެ އެކްސްރޭ ރޫމް މަރާމާތު ކުރަމުންދިޔަ ވަގުތެއްކަމުން ނޯމަލް އެކްސްރޭ ނަގަމުންނުދާކަމަށެވެ. ނަގަމުންދިޔައީ އެމަޖެންސީ އެކްސްރޭތައް ކަމަށެވެ. އެ ކޭސް އެމަޖެންސީކަމަށް އޭރު ޑަކުޓަރަށް ގަބޫލު ނުކުރެވުނީ ކަމަށް ވެދާނެ ކަމަށެވެ. އަދި ތަދުވާނަމަ ފަސްދުވަސްފަހުން ދައްކަން އާއިލާގާތު ޑަކުޓަރު ބުނި ކަމަށް ޑަކުޓަރު ބުނިކަމުގައި ޝިޔާމް ވިދާޅުވިއެވެ.އަދި ބޭސް ސިޓިގައި ތަދުވާނަމަ ދައްކަން ލިޔެދެއްވާފައި ވާކަމަށެވެ. ނަމަވެސް ބަލިމީހާ އަލުން ދައްކަން އައީ އޭގެ ވިހި ދުވަސް ފަހުން ކަމަށެވެ. ނަމަވެސް އާއިލާއިން އެކަން ދޮގުކުރެއެވެ.

"ޕޭޝެންޓް ފުރަތަމަ އައީ 8 ފެބުރުވަރީގައި. ޑަކުޓަރު ވިދާޅުވީ އޭރު ދުޅަވުން ކަހަލަ ކަމެއް ފާހަގަ ނުކުރެވެއޭ، އެގުޒާމް ކުރުމަށް ޕޭޝަންޓްގެ އަތް ހަރަކާތް ކުރުވާ ހެދިއިރު އެހާވަރަށް ތަދުވާކަމަށް ފާހަގަ ވެސް ނުކުރެވެއޭ، އެހެންނަމަވެސް އެ އުމުރުގެ މީހަކު އެފަދަ ހާލަތެއް ދިމާވެގެން އައިމަ އެމަޖެންސީ ކަމަށް ބަލަންޖެހޭކަމަށް ގަބޫލުކުރަން. ނަމަވެސް ޑޮކްޓަރ ވިދާޅުވީ އެކްސްރޭ ނުނެގީ އެފަދަ އެއްވެސް ކަމެއް އެގްޒާމްކުރުމުގައި ފާހަގަ ވެފައި ނެތުމުން ކަމަށް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އެ ޑޮކްޓަރ ލައްވާ އޮޕަރޭޝަން ކުރަން ޕޭޝެންޓްގެ ފަރާތުން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ އާސަންދައިން މާލެ ފޮނުވައިދިނުމަށް ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ކުރެވޭ އޮޕަރޭޝަންތައް ކުރުމަށް މާލެ ފޮނުވަން އާސަންދަ ހަމަޖައްސައިދޭ އުސޫލެއް ނޯންނަކަމަށެވެ. އަދި އެކަން ޕޭޝަންޓްގެ އެހީތެރިންނަށް ސާފުކޮށްދިނުމުން، އާއިލާއިން ބޭނުންވީ އެ ޑަކުޓަރު ލައްވާ އޮޕަރޭޝަންނުކޮށް އަމިއްލައަށް މާލެދާންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް