ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓު އަމުރެއް ނެރެފި

މަޝްހޫރު ވިޔަފާރިވެރިޔާ ސަން އަހުމަދު ސިޔާމް މުހަންމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސިޔާމުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައި ވަނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަ...

01 Mar 2022 | 10:34

މަޝްހޫރު ވިޔަފާރިވެރިޔާ ސަން އަހުމަދު ސިޔާމް މުހަންމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިޔާމުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައި ވަނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލަ އާއި ގުޅިގެނެވެ.

މިދިޔަ މަހުގެ ނުވައެއްގައި ސިޔާމުގެ ކުރީގެ އަނބިކަނބަލުން އަދި ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އައިޝަތު ފާއިޒްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކޮށްފައެވެ.

ނ. މެދުފުށީގައި ސަން ޓްރެވެލް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކޮށްފައިވަނީ 2009 ވަނަ އަހުރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލް އިން، އެއްބަސްވުން ބާތިލް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. މި މައްސަލަ ހިލްޓަން އިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމާއި ގުޅިގެން 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު  ސަން ޓްރެވެލްއާ ދެކޮޅަށް މައްސަލަ ނިމުނެވެ. އަދި ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭން ހުކުމް ކުރިއެވެ.

އެ އަމުރު ތަންފީޒުކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުޅަހެޅިއެވެ. އަދި ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް