ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އުރީދޫ މޯލްޑިވްސްއިން އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން ނިންމައިފިއެވެ.
އުރީދޫން ބުނީ ދުޅަހެޔޮ ސިއްހަތެއް ރާއްޖޭގައި ދެމެހެއްޓުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް މުހިންމު ހެލްތު ކިޓް ތަކެއް ހަދިޔާކުރުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަކަށް މި ކިޓްތައް ހަދިޔާ ކުރާކަން ހާމަކޮށްފައި ވަނީ ހެލްތް މިނިސްޓަރ، އޮނަރަބަލް އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކަޓިވް އޮފިސަރ މިސްޓަރ ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތް މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާއި ބޭހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ ގޮތައް ތައްޔާރު ކުރެވިފައިވާ މި ކިޓްތައް މިއަހަރު ކުރީކޮޅުގައި ހެލްތް ސެންޓަރުތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީކަން އުރީދުން ދެއެވެ.
އުރީދޫއަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަނޑުދަނޑި ("ގްލޯބަލް ގޯލްސް") ކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށްވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ.
2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލަރ ރަން އަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވާ އެންމެ ބޮޑު އިވެންޓްވެސްމެއެވެ.
އެގޮތުން 2018 ވަނަ އަހަރު އުރީދޫ އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފައެވެ. ހަމައެއާއެކު، މި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް